ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ޚިދުމަތް ދޭން ފަށައިފި

ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފެށުން -- ފޮޓޯ/ ފެނަކަ

ފެނަކައިން ކުރިއަށް ގެންދާ ސްމާޓް މީޓަރު ޕްރޮޖެކްޓްގެ ދަށުން، ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ، މިއީ ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

ކުޑަހުވަދޫގައި މި ޚިދުމަތް ފަށަން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، ތޯރިޤު އިބްރާހީމެވެ.

ތިމާވެއްޓާ، ހަކަތައާބެހޭ ވަޒީރު، ތޯރިޤް އިބްރާހީމް އަދި ފެނަކައިގެ އެމްޑީ މުއާޒު މުޙައްމަދު ރަޝީދު -- ފޮޓޯ/ ފެނަކަ

ސްމާޓް މީޓަރުގެ ޚިދުމަތާ އެކު، ފެނަކައިންވަނީ ސްމާޓް މީޓަރުގެ މޯބައިލް އެޕްލިކޭޝަން ފީޗާ ވެސް އިފުތިތާޙުކޮށްފައެވެ. މިއީ ފެނަކައިގެ ސްމާޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓާކުރެވޭނެ އެޕްލިކޭޝަނެކެވެ.

ރޭ މި ފެށުނު ޚިދުމަތުގެ ދަށުން ބޭނުންކުރެވޭ ސްމާޓް މީޓަރަކީ، ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މޮނިޓާ ކުރެވޭނެ މީޓަރެއް ކަމަށް ފެނަކައިން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގައި ބޭނުންކުރާ ހުރިހާ ކަރަންޓު މީޓަރެއް ސްމާޓް މީޓަރުތަކަށް ބަދަލުކޮށް ކުޑަހުވަދޫގައި މި ޚިދުމަތް ދޭން ފެށިއިރު، ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި މި ޚިދުމަތްދޭން ފެނަކައިން ވަނީ ނިންމައިފައެވެ.

ކުޑަހުވަދޫގައި ސްމާޓް މީރު ހަރުކޮށް، އެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

އެ ގޮތުން ފެނަކައިން ބުނީ ދ. އަތޮޅުގެ ބާކީ ރަށްތަކުގެ އިތުރުން، ހ.ދ، ބ، މ، ފ، ތ އަދި ފުވައްމުލައް ސިޓީގައި ވެސް ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

https://sun.mv/194983

މީގެ ތެރެއިން ދ. ދާލު އަތޮޅާއި ފުވައްމުލައް ސިޓީގައި، ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. މި ސްމާޓް މީޓަރަކީ ޗައިނާގެ ޑޮންފަންގް ކުންފުނީގެ އުފެއްދުމެކެވެ.

ފެނަކައިން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މި މީޓަރު ބޭނުންކުރެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވާއިދުތަކަށް ފެތޭ މި ސްމާޓް މީޓަރު ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކައިގައި ވަނީ ގާއިމުކޮށްފައެވެ. ސްމާޓް މީޓަރު ޕްރޮޖެކްޓް ފެށުމަށް ކޮންޓްރެކްޓު ކުރެވިފައި އޮތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2022 ވަނަ އަހަރެވެ.

ނަމަވެސް، މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައި އޮތީ، ދޭންޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތެއްގައި ދެވިފައިނުވާތީ، ކަމަށް ފެނަކައިން ބުންޏެވެ.

އާ މެނޭޖްމަންޓާ އެކު ފެނަކައިން ޢަމާޒު ހިފާފައިވަނީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި، ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރުމަށެވެ. އަދި، ފެނަކައިން ދޭ ޚިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރަށް ކަށަވަރު ކުރުމަށެވެ.

comment ކޮމެންޓް