އިދިކޮޅުގެ ރައްދު ރިޔާސީ ބަޔާނަށް: ވައުދުތައް ނުފުއްދި، ރައްޔިތުން ނިކަމެތިވެއްޖެ

ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ރައްދު ދެއްވަނީ-- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްފި، ރައްޔިތުން މިއަދު ނިކަމެތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޖަވާބު ދާރީވާން ޖެހެއެވެ. މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުގެ ފަރާތުން މިއަދު މަޖިލީހުގެ ތަޅުމުގައި ބަޔާން އިއްވާ ރައްދު ދެއްވީ، މައިނޯރިޓީ ލީޑަރު ސަލީމެވެ.

"ރިޔާސީ ބަޔާނެއް ނޫން، ސިޔާސީ ބަޔާނެއް"

ރިޔާސީ ބަޔާނަަށް މިއަދު ރައްދު ދެއްވަމުން މިއަހަރުގެ ރިޔާސީ ބަޔާން ސަލީމް ސިފަކުރެއްވީ "ސިޔާސީ ބަޔާނެއް"ގެ ގޮތުގައެވެ. ރިޔާސީ ބަޔާނުން ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ ބަޔާނުގެ ނަމުގައި 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވީ ސިޔާސީ ބަޔާނެއް. އެ ބަޔާނުގައި ދެއްކެވި ގިނަ ވާހަކަތަކަކީ، ނަތީޖާއެއް ނުނެރެވޭނެ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ދުރު ރާސްތާގެ އަމާޒެއްނެތި، ދެއްކެވި ހުސް ވާހަކަތަކެއް. ޚިޔާލީ ވާހަކަތަކެއް. މިއީ ޒިންމާދާރުކަން ކުޑަ ކަމެއް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ވުމާ ގާތްވެފައިވާއިރު، ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް އަދިވެސް ފުއްދިފައި ނުވާތީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ސަރުކާރު ތެރޭގައި ކޮރަޕްޝަން ހައްދު ފަހަނަ އަޅައިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު މިވަނީ ގެއްލިފައި، ރައްޔިތުން މި ވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށްވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ވަޢުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވާނީ ނިކަމެތިކަމާއި ހާސްކަން،" ސަލީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ސަލީމް ރައްދު ދެއްވަނީ-- ފޮޓޯ/ މަޖިލިސް

ޝަރުއީ ނިޒާމް ވެރިންގެ މުށުތެރޭގައި، ޖޭއެސްސީ ބަދަލު ކުރޭ!

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކޮށްފައިވާ ދައުވާތައް ފާހަގަކުރައްވައި، ސަލީމް ވަނީ ޝަރުއީ ނިޒާމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ރައީސް ޔާމީންގެ މަޢުޞޫމުކަން ސުޕްރީމް ކޯޓުން ސާބިތުވުމުން ވެސް ރައީސް ޔާމީން ޖަލަށްލެވޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް. ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ ޝަރީއަތުގެ ތާވަލް ބަދަލުކުރުމަކީ ބިރު ދެއްކުން. މިއީ ޖުޑިޝަރީ އިސްލާހު ކުރުމުގައި ނަމުގައި ޖުޑިޝަރީ ޚަރާބުކުރުން،" ސަލީމް ވިދާޅުވިއެވެ.

ހަމައެހެންމެ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރާނެ ކަމަށް ސަރުކާރުން ވައުދުވީ ނަމަވެސް، އެކަން މިހާތަނަށް ކޮށްފައި ނުވާތީ އަދި އެ ކަމަށް މަސައްކަތް ކުރަމުން ވެސް ނާންނާތީ ސަލީމް ވަނީ ފާޑުވިދާޅުވެފައެވެ.

"ސަރުކާރުން ވައުދުވީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން. ނަމަވެސް، ވެރިކަމަށް ހަތަރު އަހަރު ވާން ދާއިރު ވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެ މުއައްސަސާ މިނިވަން ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ހީލަތްތެރި ރޭވުން ތަކާއެކު ޖުޑިޝަރީ ޚަރާބުގެ މަގަށް ގެންދާ މަންޒަރު،" ސަލީމް ވިދާޅުވިއެވެ.

"މަލްޓިޕާޓީ ޑިމޮކްރެސީގެ ހުޅުކޮޅު ނިވާލައިފި"

ސަލީމް ވަނީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޑިމޮކްރެސީގެ ނަމުގައި ވެރިކަމަށް އައި ނަމަވެސް، ސަރުކާރުގެ ގިނަ އަމަލުތައް ހުރީ ޑިމޮކްރެސީއާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ޕާޓީގެ އަޑު ކަނޑުވައިލައި، މަސައްކަތް ކުރުމުގެ ޖާގަ ނުދޭ ކަމުގެ ތުހުމަތުކުރެއްވިއެވެ.

"މަލްޓި ޕާޓީ ޑިމޮކްރަސީގައި ވާދަވެރި އިދިކޮޅު ޕާޓީއަށާއި އިދިކޮޅު ލީޑަރަށް އެދެވޭ ގޮތުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލައި، ހުރަގެއަށްލައި، ބަންދު ކުރުމަށް. މިއީ ސަރުކާރުން ހިންގާ ޑިމޮކްރަސީއާ ބީރައްޓެހި ފިނޑި އަމަލެއް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ހުދުމުޚުތާރު ސިފަތަކާ ދިމާލަށް ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ ފުރުސަތުތައް ހަނިކޮށް، ފުލުހުން މެދުވެރިކޮށް ޑިމޮކްރަސީގެ ރުކުންތައް ހަނިކުރުމަކީ ސަރުކާރުގެ ހުދުމުޙުތާރު ކަން ހާމަވެގެން ދާ ކަމެއް ކަމަށެވެ.

ސެޕްޓެމްބަރ 10، 2021: އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން-- ސަންފޮޓޯ

"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އަބަދުމެ ވެރިކަމުގައި ތިބެވޭ ގޮތަށް ޤާނޫނުތައް ބަދަލުކުރާން މަސައްކަތް ކުރުމަކީ ޑިމޮކްރެސީއާއި ބީރައްޓެހި ސިފަތައް. ސަރުކާރު ހިންގާ ކޯލިޝަންގެ ހީލަތްތެރިކަމާއެކު ރާއްޖޭގައި އޮތް މަލްޓިޕާޓީ ޑިމޮކްރަސީގެ ހުޅުކޮޅު ވަނީ ނިއްވާލައިފައި،" ސަލީމް ވިދާޅުވިއެވެ.

އިންޑިއާ މިލިޓަރީ އައުޓް ގޮވާނަން، ނުހުއްޓުވޭނެ!

އިދިކޮޅުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނަށް ބާރު ދެއްވައި ސަލީމް ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ސަލީމް ވަނީ ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް މިހާރު އޮތީ އިންޑިއާ ސިފައިންގެ އަތުގައި ކަމަށް ތުހުމަތުކުރައްވާފައެވެ.

"އުތުރު ތިލަފަޅާއި ހަނިމާދޫއާއި އައްޑޫ ސިޓީފަދަ ތަންތަނުގައި އިންޑިއާ ސިފައިން އެބަތިބި. ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް މި ވަނީ އިންޑިއާ ސިފައިންގެ ބާރުގެ ދަށުގައި. ކުރިން ސަރުކާރުން ބުނަމުން އައީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތޭ، ފަހުން ބުނީ ސިފައިން އެބަ ތިއްބޭ އެކަމަކު ހަތިޔާރެއް ނެތޭ. މިހިރީއަކީ ސަރުކާރަކުން ދައްކާޒާތުގެ ވާހަކަތަކެއްނޫން،" ސަލީމް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ސައިކަލް ބުރެއްގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ސަލީމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރާއި އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ސިފައިންނަށް ވެސް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ. އަދި ގައުމުތަކުގެ ސިފައިން ތިބުމަކީ ޖާސޫސްކުރުމުގެ ހަބަކަށް ރާއްޖެ ވުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން. ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކަށް ދިވެހި ރައްޔިތުން މި ފަސްގަނޑުން ޖާގައެއް ނުދޭނެ. އިންޑިއާ މިލިޓަރީ އައުޓް ގޮވުމެއް ނުހުއްޓުވޭނެ،" ސަލީމް ވިދާޅުވިއެވެ.

އިދިކޮޅުން ބޭއްވި އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން-- ސަން ފޮޓޯ/ ނާއިލް ހުސައިން

"ބިރު ދެއްކިޔަސް، ޖަލަށްލިޔަސް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިން ކުރާނެ،" ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް