ރެޑް ނޯޓިސް ނެރުނަސް، ޢަލީ އަދި ހައްޔަރެއް ނުކުރެވޭ

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު: އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް އަދި ހައްޔަރެއް ނުކުރޭ-- ސަން ފޮޓޯ

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނުތާ ތިން ދުވަސްވީއިރު އަދިވެސް އޭނާ ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޢަލީ ހައްޔަރު ކުރަން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނޯޓިސް ނެރުނުއިރު ވެސް އޭނާ ދިރިއުޅުއްވާތަން ފުލުހުންނަށް އެނގެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޢަލީ ހައްޔަރު ކުރިކަން އިންޓަޕޯލުން އަދި އަންގާފައި ނުވާ ކަމަށެވެ.

https://sun.mv/162714

ރެޑް ނޯޓިސް ނެރުނު ދުވަހު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭއިންސާފުގެ ކުރިމަތީގައި އަމާން ނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫނުޖަހާނެ ކަމަށެވެ.

"އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ. ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ،" ޢަލީ ވިދާޅުވެފައިވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް އެ އަމުރު މުރާޖައާކުރުމުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލިއެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، ޢަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު، ޢަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ދައުލަތުން ކުރި އިއުތިރާޒު ދޫކޮށްލިއެވެ. ނަމަވެސް ޕާސްޕޯޓު ދޫކޮށްލަން ދައުލަތުން އިއުތިރާޒު ކުރިއެވެ. ދައުލަތުން އެދުނީ ޕާސްޕޯޓު ދޫނުކޮށް، ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައި ޢަލީ ވަހީދު ފޮނުވައިދިނުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލިއެވެ. އެއީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށް ބުނެ އަސްހަދު ޢަލީ (އަޑުބަރޭ) ޖާމިނުވުމުންނެވެ.

އެއާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޢަލީ ވަހީދު ގައުމުން ބޭރަށް ފުރާވަޑައިގަތެވެ.

އޭގެ ފަހުން ހަތަރު މަސް ހަމަވުމުން ވެސް ޢަލީ ވަހީދު ރާއްޖެ ވަޑައިނުގަންނަވައެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބުނި މުއްދަތުގައި ޢަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އެ މައްސަލައިގައި ޖާމިނުވެފައިވާ އަސްހަދުގެ މައްޗަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ހުކުމް އިއްވިއިރު އޭނާ ވެސް ހުރީ ލަންޑަންގައެވެ. ނަމަވެސް ފަހުން ރާއްޖެ އައިސް އޭނާ ވަނީ ކަރެކްޝަންސްއާ ހަވާލުވެފައެވެ. އޭނާ މިހާރު ހުރީ ޖަލުގައެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޢަލީ ވަނީ ކޯޓަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅުއްވައިފައެވެ. އެ ފަހަރުވެސް އޭނާ ރާއްޖެ ގެނެވޭ ގޮތެއް ނުވިއެވެ.

comment ކޮމެންޓް