ޢަލީ ވަޙީދު ހައްޔަރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ދިވެހި ފުލުހުން މިއަދު ބުނީ ޢަލީ ވަޙީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޢަލީ ވަޙީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަސްހަދު ޢަލީ (އަޑުބަރޭ) ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން ޢަލީ ވަޙީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު ޢަލީ ވަޙީދު ވަނީ ލަންޑަނަށް ގޮސްފައެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް ޢަލީ ވަޙީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބުނި މުއްދަތުގައި ޢަލީ ވަޙީދު ރާއްޖެ ވަޑައިނުގަތުމުން އެ މައްސަލައިގައި ޖާމިނުވެފައިވާ އަސްހަދުގެ މައްޗަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ހުކުމް އިއްވިއިރު އޭނާ ވެސް ހުރީ ލަންޑަންގައެވެ. ނަމަވެސް ފަހުން ރާއްޖެ އައިސް ވަނީ ކަރެކްޝަންސްއާ ހަވާލުވެފައެވެ. އޭނާ މިހާރު ހުރީ ޖަލުގައެވެ.

comment ކޮމެންޓް