މި މަހުގެ ތެރޭގައި ޕާކިސްތާނުގައި ބާއްވާ 48 ވަނަ އޯއައިސީ ބައްދަލަވުމަކީ ޕާކިސްތާނުން އިސްލާމީ ރިވެތި މަގުން ކުރިއަށް ދިއުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭނެ ބައްދަލުވުމެއް ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަތުހަރު މުޚުތާރު ވިދާޅުވެއްޖެއެވެ.
އޯއައިސީގެ 48 ވަނަ ބައްދަލުވުން މި މަހުގެ 22 އިން 23އަށް ބާއްވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކާ މިއަދު ބައްދަލުކުރައްވައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިސްލާމީ އުންމަތުގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަކީ، ހަމައެކަނި އެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ ބިންގަލެއް ނޫން ކަމަށާއި އެއީ އިސްލާމީ ޢަޤީދާގެ ރުކުނެއް ކަމަށެވެ.
"މި ތަޞައްވުރުގެ މަގުދައްކައިދޭ އަސާސްތައް އެކަށައެޅުއްވީ އިސްލާމީ ދައުލަތްތަކާ މެދު ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ 'ރަހުމަތްތެރިކަމާއި ހެޔޮނިޔަތުގައި' ދެމިއޮންނަ ސިޔާސަތެއްގެ ގޮތުގައި،" ޕާކިސްތާނުގެ ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް އެކި ގައުމުތަކުގައި ތަފާތު ވާހަކަތައް ފަތުރަމުން އަންނަކަން އިތާމައާއެކު ފާހަގަކުރެއްވިއެވެ.
"އިސްލާމް ދީނާ މެދު ނަފްރަތު އުފައްދައި ނަފްރަތު އުފެއްދުމުގެ ވާހަކަތައް ދެއްކުމުގެ އުދަނގޫތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ކުރަމުން. އަޅުގަނޑުމެންގެ އަފްޣާނިސްތާނުގެ އެތައް މިލިއަން އަޚުން އުޅެމުންދަނީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ތެރޭގައި. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަދިވެސް މުޅިން އަރައިނުގަނެވޭ،" ސަފީރު ވިދާޅުވިއެވެ.
އިސްލާމީ އުންމަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ފަލަސްތީނާއި ކަޝްމީރުގެ ރައްޔިތުން ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށެވެ.
ޕާކިސްތާނު ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަޙްމަދު ވިދާޅުވީ ޕާކިސްތާނަކީ ސަމިޓްތަކާއި، ސީއެފްއެމް ބައްދަލުވުންތައް ފަދަ އޯއައިސީގެ ބޮޑެތި އިވެންޓްތައް ބޭއްވުމުގެ ފަޚުރުވެރި ތާރީޚެއް އޮތް ގައުމެއް ކަމަށެވެ.
އޯއައިސީގެ 48 ވަނަ ބައްދަލުވުމުގެ ޝިޔާރަކީ "އެއްބައިވަންތަކަމާއި، ޢަދުލު އިންސާފާއި، ތަރައްޤީގައި ބައިވެރިވުން" އެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަގަވަމެންޓަލް އޯގައިޒޭޝަން ކަމަށްވާ އޯއައިސީގެ މަގްސަދަކީ 1.5 ބިލިއަން މުސްލިމުންގެ އެދުންތަކާއި ބޭނުންތައް ފުއްދައިދިނުމަށްޓަކައި މަސައްކަތް ކުރުމެވެ.
އިސްލާމީ އެކި ގައުމުތަކާ ގުޅުން ބަދަހިކުރުމަށް އޯއައިސީގެ ބައްދަލުވުމުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
މުސްލިމު އުންމަތަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކަކަށް ހައްލު ހޯދުމަށް އެ ގައުމުން އެއްބާރުލުން ދޭނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ޕާކިސްތާނުގައި އޯއައިސީގެ ބައްދަލުވުން ފަށާ ދުވަހަކީ 1947 ވަނަ އަހަރު އެ ގައުމު އުފެދުނުތާ 75 އަހަރު ފުރޭ ދުވަހެވެ.
އެ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޕެރޭޑުގައި ޝަރަފުވެރި މެހެމާނުންގެ ގޮތުގައިވަނީ ދަޢުވަތު އެރުވިފައިވެއެވެ.
ޕާކިސްތާނު ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން ވިދާޅުވީ ޕާކިސްތާނަކީ އޯއައިސީގެ ހަރަކާތްތައް ބޭއްވުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ގައުމެއް ކަމަށެވެ.
"އަޅުގަނޑުމެން 1974 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލާހޯރުގައި ދެވަނަ އޯއައިސީ ސަމިޓް ބޭއްވިން. ޕާކިސްތާނުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން 1997 ވަނަ އަހަރުގައި އިސްލާމްއާބާދުގައި ވަނީ އޯއައިސީ ސަމިޓެއް ބާއްވާފަ. މީގެ އިތުރުން ޕާކިސްތާނުގައި ވަނީ ހަތަރު ފަހަރެއްގެ މަތިން އޯއައިސީގެ ބައްދަލުވުންތައް ބާއްވާފައި. އެއީ ޑިސެމްބަރު 1970 ގައި ބޭއްވި ދެ ވަނަ ސެޝަން، 1980 ވަނަ އަހަރުގެ މެއި މަހު ބޭއްވުނު 11 ވަނަ ސެޝަން، 1993 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި 21 ވަނަ ސެޝަން އަދި މެއި 2007 ގައި ބޭއްވި 34 ވަނަ ސެޝަން. އޯއައިސީގެ އެއް ވަނަ އަދި 17 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންތައް ބޭއްވީ އިސްލާމްއާބާދުގައި، 1980 ވަނަ އަހަރުގެ ޖަނަވަރީ މަހާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު،" އޭނާ ވިދާޅުވިއެވެ.