އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޣްނީ އައްޔަނުކޮށްފި

ސްޓެލްކޯގެ ކުރީގެ އެމްޑީ މުޣްނީ: އޭނާ ވަނީ އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރައްވާފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣްނީ މިއަދު އައްޔަނުކޮށްފިއެވެ.

އެންވައިރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޣްނީ އައްޔަނު ކުރެއްވިއިރު އޭނާ ކުރިން ހުންނެވި ސްޓެލްކޯގެ އެމްޑީކަމުން ވަކިކޮށް އެ މަގާމް ހަވާލުކޮށްފައިވަނީ, އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހްމަދު ޝަރީފްއާއެވެ.

މުޣްނީއާ އެކު އެންވައިރުމެންޓް މިނިސްޓްރީގައި މިވަގުތު ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ ޢަލީ ޞާލިޙްއާ އަޙްމަދު މުޖްތަބާއާ ޑރ. ޢަބްދުﷲ ނަޞީރުގެ އިތުރުން މުޙައްމަދު ޝަރީފު އަދި ޚަދީޖާ ނަސީމްއެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 41،000 ރުފިޔާއެވެ.

ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވިއިރު މުޣްނީއަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 98،000 ރުފިޔާ ލިބެއެވެ.

މިވަގުތު އެ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި 30 ބޭފުޅަކު އެބަތިއްބަވައެވެ.

މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

comment ކޮމެންޓް