ބެލަރޫސްގެ ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިން ކުރެވޭތޯ އެ ގައުމުގެ ސަރުކާރުގައި، ދިވެހި ސަރުކާރުން ވާހަކަ ދައްކައި ދިނުމަށް އެދިފައިވާނެ ކަމަށް އެގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިން ބުނެފިއެވެ.
ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމަށް ބެލަރޫސްގައި މިވަގުތު 137 ދިވެހިން އެބަތިއްބެވެ. އެ ދަރިވަރުން ރާއްޖެ އައުމަށްޓަކައި އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޔުނިވާސިޓީތަކުގައި އެދުމުން ޔުނިވާސިޓީތަކުން ނިންމީ އެކަން ކުރެވެން ނެތް ކަމަށެވެ. ކިޔަވައި ދެވޭނީ ދަރިވަރުން ހާޒިރުކޮށްގެން ކަމަށް ވަނީ އަންގައިފައެވެ.
ބެލަރޫސްއަކީ ހަނގުރާމަ ކުރަމުންދާ ރަޝިއާއާއި ޔޫކްރޭނާ އިންވެގެން އޮންނަ ގައުމެކެވެ. ހަނގުރާމައިގެ އެއްވެސް ކަމެއް އަދި ނުހިނގިނަމަވެސް ރަޝިއާއަށް އެކި ގޮތްގޮތުން ބެލަރޫސްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ ބައެއް ގައުމުތަކުން އެގައުމަށް ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ރަޝިއާއާއި ބެލަރޫސްއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ރަޝިއާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ބެލަރޫސްގައި ކިޔަވާ ދިވެހި ދަރިވަރެއްގެ ބައްޕަ، އަބްދުލް ރައްޒާގު މި ނޫހާ ވާހާކަ ދައްކަމުން މިއަދު ބުނިގޮތުގައި ފުރަތަމަ ކޮޅު ހަނގުރާމައާ މެދު ދަރިވަރުން ކަންބޮޑު ނުވިނަމަވެސް މިހާރު ހަނގުރާމަ ފުޅާ ވަމުން އަންނަ ގޮތުން ބެލެނިވެރިންނާއި ދަރިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ބައެއް ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ވަނީ ކިޔެވުމަށް ބުރޫ ނާރާގޮތަށް އެ ކުދިން ރާއްޖެ ގެނައުމަށް ކަމަށް އޭނާ ބުންޏެވެ.
"ބެލަރޫސްއަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ނޫސްތަކުން ވެސް އެބަދޭ. ފުރަތަމަ ހަނގުރާމަ ފެށުނުއިރު ދަރިފުޅު ވެސް ބިރެއް ނުގަނޭ. އެކަމަކު މިހާރު އެބަ ބުނޭ ޔުނިވާސިޓީތަކުގެ ތެރޭގައި ވެސް ވަރަށް ސީރިއަސްކޮށް އެ ވާހަކަ އެބަ ދެކެވޭ ކަމަށް. އެހެންވެ ބައެއް ދަރިވަރުން ރާއްޖެ އަންނަން ބޭނުން، އަނެއްބައި ދަރިވަރުން ރާއްޖެ އަންނަން ބޭނުމެއް ނުވޭ ކިޔެވުމަށް ބުރޫ އަރާފާނެތީ،" ރައްޒާގު ބުންޏެވެ.
ރާއްޖެ އަންނަން ބޭނުން ނަމަވެސް އާދެވޭނެ ގޮތް ނެތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ޔުނިވާސިޓީތަކުން ބޭނުން ނުވާތީ ކަމަށް އޭނާ ބުންޏެވެ. ކްލާހަށް ހާޒިރު ނުވެއްޖެނަމަ ގެއްލޭ ފިލާވަޅުތަކަށް ޒިންމާ ނުވެވޭނެ ކަމަށް ޔުނިވާސިޓީން އަންގާފައިވާ ކަމަށް ރައްޒާގު ބުންޏެވެ.
އެހެން ބެލެނިވެރިއަކު ބުނިގޮތުގައި ބެލަރޫސްގައި ކޮންމެ ވަގުތަކުވެސް ހާލަތު ގޯސްވެދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެހެންވެ ދިވެހި ސަރުކާރުން އެގައުމުގެ ސަރުކާރާ ވާހަކަ ދައްކައި ދިނުމަށް އެދިފައިވާ ކަމަށް ބުންޏެވެ. އަދި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ރަނގަޅަށް ކުދިންގެ ކަންކަން ބަލަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ބެލަރޫސް އިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ދިވެހީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ރަޝިއާއާ ގާތް ގުޅުމެއް އޮންނަ ބެލަރޫސްގެ ސަރުކާރުން ވަނީ ހަނގުރާމަ ފެށެން ގާތްވެފައި ވަނިކޮށް އެ ގައުމާއެކު އަސްކަރީ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ހަނގުރާމައިގެ ސަބަބުން ބެލަރޫސްގެ އިޤްތިޞާދަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.
ގިނަ ދިވެހިންތަކެއް މަތީ ތައުލީމު ހާސިލު ކުރަމުންދާ ޔޫކްރެއިންގައި ހަނގުރާމަ ފެށުމާއެކު އެ ގައުމުގައި ތިބި ދިވެހި ގިނަ ދަރިވަރުންތަކެއް ވަނީ ރާއްޖެ ގެނެސްފައެވެ. މިވަގުތު ނާދެވި ތިބީ މަދު ދިވެހިން ތަކަކަށެވެ. އެ މީހުންނަށް ވެސް ރައްކާތެރިކަން ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.