ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނުތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ތޯރިގް (ޓޮމް) އެވެ.
މީގެ ކުރިން ވެސް ތޯރިގް މިފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިރު، އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓު ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ބިލު ބަލައިނުގަތުމަށް ވޯޓު ދެއްވީ 46 މެމްބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވެވިއެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޖޭއެސްސީގައި ސިޔާސީ މީހުންގެ ބާރު ކޮންމެވެސް މިންވަރަކަށް އޮންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބިލާ ދެކޮޅަށް ވާހަކަ ދެއްކެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވައިގެން އެ ތަނަށް ނުފޫޒު ނުފޯރާ ކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް މެންބަރުން ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށްވާއިރު، މި ބިލަކީ ސަރުކާރުން ހުށަހަޅަން ޖެހޭ ބިލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެމްޑީޕީން ޖޭއެސްސީން އިސްލާހު ކުރާނެ ކަމަށާއި އިދިކޮޅުން ބިލު ހުށަހަޅައިގެން އުޅެނީ އެހެން ނިޔަތެއްގައި ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުގައި ވެސް ޕީޕިއެމްގެ ސުޕަ މެޖޯރިޓީ އޮތް އިރު ފޯމޭޝަން ބަދަލު ކުރުމަށް އެ ޕާޓީން ބޭނުމެއް ނުވި އެވެ. މި ސަރުކާރުގެ އިސްފަރާތްތަކުން އޭރު އިދިކޮޅުގައި ތިއްބެވި އިރު، ޖޭއެސްސީގެ ފޯމޭޝަނަށް ފާޑުކިޔައި، އެ ކަން ބަދަލު ކުރާނެ ކަމަށް ވައުދު ވެސް ވިއެވެ.