ރައްޔިތުންގެ އިހުސާސްތައް ދަންނަ ސިޔާސީ މީހަކު ޖުޑީޝަލް ސާވިސް ކޮމިޝަންގައި އިނުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ މީހުންނަށް ޖޭއެސްސީގައި ނުތިބެވޭ ގޮތަަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅި މައްސަލައިގެ އިބްތިދާއީ ބަހުސް ވަނީ މިއަދު ފަށައިފައެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާއެކު، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ އެ ބިލާމެދު އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވައިފައެވެ.
ނޫ ގާނޫނު އަސާސީއާއި ފެހި ގާނޫނު އަސާސީގައި ކަން އޮތް ގޮތް ސާފު ކޮށްދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީ އުނި ކަމެއް ކަމަށެވެ.
"މަޖިލީހުގެ ރައީސް އެއީ ދައުލަތުގެ އެއް ބާރު، އޭނާ ވެސް ޖޭއެސްސީގައި އިންނަން ޖެހޭ ކަމަކީ، ތެދުފުޅެއް އުނި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިނުމަކީ "އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވާން ޖެހޭ މިންވަރަށް ފޯރުމަށް" މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ ބައެއް، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލު ކުރުމަށް މަޖިލީހުގެ މެންބަރުން ނޫން ބައެއް ހަމަ އަދިވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ ޝަކުވާތައް ބަލައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށްވާއިރު، ޖޭއެސްސީގައި ގިނަ ފަނޑިޔާރުން ތިއްބެވުމަކީ މަސްލަހަތަށް ފުށޫ އަރާ ކަމެއް ކަން ފާހަގަކޮށް، ފަނޑިޔާރުން ތިއްބަވާ އަދަދަށް ބަދަލެއް ގެނައުން މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ހުށަހަޅުއްވަމުން ތޯރިގް ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ފަނޑިޔާރުގެއަށް ނުރަނގަޅު ނުފޫޒު ފޯރުވާ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށާއި ޖޭއެސްސީ ބަދަލުކުރަން އެންމެން ވެސް އިއްތިފާގުވާ ކަމަށެވެ.
މީގެ ކުރިންވެސް ތޯރިގް މިފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިރު، އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. އޭރު ތޯރިގް ހުށަހެޅުއްވީ، މަޖިލިސް ރައީސް އާއި މަޖިލިސް މެމްބަރު، އާންމުންގެ ތެރެއިން ކަނޑައަޅާ ފަރާތް، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމަނާ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.