ފަގީރު ނިކަމެތި ބަހެއް؟

ސްކޫލެއްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހަކީ، ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަސް މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2000 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ޔުނެސްކޯއިން ނިންމީ، ދުނިޔޭގައި މީހުން ވާހަކަ ދައްކަން ބޭނުންކުރާ އެތައް ބަހެއް އުވި، އެތައް ބަހެއް ނެތި ދިޔުމުގެ ނުރައްކަލަށް ހުށަހޮޅިފައިވާތީއެވެ. ޔުނެސްކޯގެ "އެޓްލަސް އޮފް ދަ ވާރލްޑްސް ލޭންގުއޭޖް އިން ޑޭންޖަރ" ގައި ވާ ގޮތުން 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، 230 ބަހެއް ދުނިޔެއިން ވަނީ ނެތި ގޮސްފައެވެ. އަދި 2465 ބަސް ވަނީ ނެތިދިޔުމުގެ މަގުމަތީއެވެ.

މާދަމާއަކީ މި އަހަރުގެ މާދަރީ ބަހުގެ ދުވަހެވެ. އެހެންކަމުން، ދިވެހި އެންމެހައި އަޚުންނާއި އުޚުތުންނަށް، މާދަރީބަހުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

މާދަރީ މަހުގެ ގޮތުގައި 21 ފެބުރުވަރީ ފާހަގަކުރަންފެށި ފަހުން، ދިވެހިރާއްޖޭގައި ވެސް އަންނަނީ މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ދުވަހާ ގުޅޭ ގޮތުން ތަފާތު ކަންކަން ސްކޫލް ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި އަންނަނީ ބާއްވަމުންނެވެ. ޖަލްސާތަކާއި ތަފާތު އެކިއެކި ހަރަކާތްތަކެވެ. މާދަރީ ބަހުގެ މުހިންމުކަމުގެ ވާހަކަތަކުގެ އަޑު އެ ދުވަހު ގަދަވެއެވެ. ބަސް ރައްކާތެރިކުރުމާ ބެހޭގޮތުން އިވޭ އަޑުތައް ގިނަވެއެވެ. އެހެންނަމަވެސް އެ ދުވަހުގެ އިރާއެކު، އެ ވާހަކަތައް ވެސް އޮއްސިގެންދަނީއެވެ.

މާދަރީ ބަހެއް ރައްކާތެރިކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ކޮންމެ ޤައުމެއްގައި ވެސް، މާއްދީ އަދި މާނަވީ ތަރިކަތަކެއް ހުރެއެވެ. މި ތަރިކަތައް ރައްކާތެރިކޮށްދޭ އެންމެ މުހިންމު ހަތިޔާރަކީ، ޝައްކެއް ވެސް ނެތް ގޮތުގައި އެ ބަޔެއްގެ މާދަރީބަހެވެ. އެހެންކަމުން މާދަރީ ބަހަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ، ކޮންމެހެން ވެސް ކުރާންޖެހޭ ކަމެކެވެ. މި ފަދަ ވާހަކައެއް ދައްކާލަން އެންމެ މުނާސަބު އެއް ދުވަހަކަށް ވާނީ މާދަރީބަހުގެ ދުވަހެވެ.

ދިވެހިބަހާ ގުޅުވައިގެން މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ އެއް ވާހަކައަކީ، ދިވެހިބަހުގެ ފަޤީރުކަމުގެ ވާހަކައެވެ. ބުނަން ބޭނުންވާ ވާހަކަ އަނެކާއަށް ފަހުމްވާނޭހެން ނުބުނެވޭ ވާހަކައެވެ. ބޭރު ބަހެއްގެ ލަފުޒެއް ނުވަތަ ލަފުޒުތަކެއް އިތުރުކޮށްގެން ނޫނީ ޖުމުލައެއް ފުރިހަމަކޮށް ނުލެވޭ ވާހަކައެވެ. އެހެންނަމަވެސް ހަގީގަތަކީ މިއީ ބާވައެވެ؟ ދިވެހިބަހަކީ ހަމަ އެހައި ފަގީރު ބަހެއް ބާވައެވެ؟ ފާޅުކުރަން ބޭނުންވާ ޚިޔާލާއި ޝުޢޫރުތައް ފާޅުކުރަން ނުކުޅެދޭ ފަދަ ނިކަމެތި ބަހެއް ބާވައެވެ؟

މި ސުވާލަށް ޖަވާބުދެއްވި ދިވެހި ބަހުގެ އުސްތާޒަކު ވިދާޅުވާ ގޮތުގައި، މިއީ ކުރެވޭ ވަރަށް ބޮޑު ކުށް ހީއެކެވެ. ދިވެހި ބަހަކީ ފަގީރު ބަހެއް ނޫނެވެ. މިއީ މުއްސަނދި ބަހެކެވެ. ފަގީރުވެގެން މި އުޅެނީ ބަހެއް ނޫނެވެ. ބަހުގެ އަހުލުވެރިންނެވެ. އަހަރެމެން ދިވެހިންގެ ކިބައިގައި ބަހުގެ އިލްމު ނެތީއެވެ. ބަސްކޮށާރު ފަގީރީއެވެ. ބަހުގެ ތެރެއަށް ވަދެވިފައިވާ މިންވަރު ކުޑައީއެވެ. އެއީ ބަހުގެ މައްސަލައެއް ނޫނެވެ. މި ކަމަށް މެދުވެރިވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އަހަރެމެންގެ ތެރޭގައި ފޮތްތެރިކަން ނެތުމެވެ.

އުސްތާޒުގެ މި ވާހަކައަށް ވަރަށް ބޮޑަށް ތާޢީދުކުރެވެއެވެ. ދިވެހިބަސް ފަގީރޭ ބުނެވޭނެ ޖާގައެއް ނުފެނެއެވެ. ހުސެން ޞަލާޙުއްދީން ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވާ ކީރިތި ރަސޫލާގެ ސިޔަރަތަށް ބަލައިލިޔަސް، ފެންނާން އޮތީ ދިވެހިބަހުގެ ފޯރާކަމާއި ފުދުންތެރިކަމެވެ. ރީތިކަމެވެ. އޭގެ ކޮންމެ ޖުމުލައަކުން ވެސް ހިތުގެ އެންމެ ފުނަށް އަސަރު ފޯރައެވެ. އެހެން ބަސްބަހުގެ ލަފުޒުތަކާއި ބަސްކޯޅިތައް ގެނެސްފައެއް ނެތެވެ.

އާއެކެވެ! ދިވެހި ބަހުގައި މުއްސަނދި ބަސްކޮށާރެއް އެބަ އޮތެވެ. ހަމަތަކަކާއި ގަވާއިދުތަކެއް އެބަ ހުއްޓެވެ. ހަރުބަސްތަކާއި މިސާލުބަސްތަކާއި މަޖާޒު ފަދަ އަދަބީބަސްތައް އެބަ ހުއްޓެވެ. ކަލާއި ރައިވަރާއި ޅެމާއި ފަރިއްސާއި ލަވަ ފަދަ ޅެންވެރިކަމުގެ އެތައް ބާވަތެއް އެބަ ހުއްޓެވެ. އުސްތާޒު ވިދާޅުވި ފަދައިން މި ބައިތަކަށް ބީރައްޓެހިވެގެން މި އުޅެނީ، އަހަރެމެންނެވެ. ސަބަބަކީ ފޮތްތެރިކަން އަހަރެމެންގެ ކިބައިގައި ނެތީމައެވެ. ޚާއްޞަކޮށް، ދިވެހިބަހުގެ ފޮތްތަކާ މާ ބޮޑަށް ބީރައްޓެހިވެވުނީމައެވެ.

މާދަރީ ބަހުގެ ދުވަސް ކުރިމަތީގައި އޮތް އިރު، އެންމެހައި ދިވެހިން، ޚާއްޞަކޮށް ކިޔަވާކުދިން ޢަޒުމެއް ކަނޑައަޅަމާ ހިނގާށެވެ! ކޮން ކަމަކަށް ހެއްޔެވެ؟ ދިވެހިބަހުން ލިޔެފައި ހުންނަ ތަފާތު ބާވަތްތަކުގެ ލިޔުންތައް، މިހާރަށްވުރެ ގިނައިން ކިޔުމަށެވެ. އެ އާދަ އަށަގެންނެވުމަށެވެ. އޭގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތައް ކުރާނެއެވެ. ބަހުގެ ހަމަތަކަށް ލޯ ހުޅުވޭން ފަށާނެއެވެ. ރީތިކޮށް އިބާރާތްކުރާން ފަރިތަވާނެވެ. ބަސްކޮށާރު މުއްސަނދިވާނެއެވެ. އަދަބީ މުހާވަރާތަކަށް ލޯހުޅުވޭނެއެވެ. މައުލޫމާތުގެ ޚަޒާނާ އިތުރަށް މުއްސަނދިވާން ފަށާނެއެވެ. އަދިވެސް އެތައްއެތައް ފައިދާއެއް ކުރާނޭކަން ކަށަވަރެވެ.

މާދަރީ ބަހުގެ ދުވަހަކީ އަހަރަކު އެއް ފަހަރު އަންނަ ދުވަހެއް ކަމަށް ވިޔަސް، އަހަރުގެ ހަމަ ކޮންމެ ދުވަހަކީ ވެސް މާދަރީބަހަށް އިސްކަންދޭ، މާދަރީ ބަހަށް ޚިދުމަތްކުރާ ދުވަހަކަށް ހަދާން އެބަ ޖެހެއެވެ. އެ ބަޔެއްގެ ބަހަށް އެ ބަޔަކު ނުކުރި ލޯތްބެއް ކުރާނެ ބަޔަކު ނުތިބޭނޭކަން ހަނދާނުގައި ބަހައްޓައިގެންނެވެ. ބަހަށް އިސްކަންދޭ ބަހަށް ލޯބިކުރާ މީހަކަށް ކޮންމެ ދިވެހި ފަރުދަކު ވެސް ވަމާތޯއެވެ؟

comment ކޮމެންޓް