ޢަލީ ވަހީދު ގެންނަން ބޭރުގެ އެޖެންސީތަކާއެކު މަސައްކަތް ފަށައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ސަން ފައިލް ފޮޓޯ

ޓުއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ އެޖެންސީތަކާ ގުޅިގެން މަސައްކަތް ފަށައިފި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޢަލީ ވަހީދު ހައްޔަރު ނުކުރެވިގެން އުޅެނީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބިގެން ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. އެ ކޯޓް އަމުރު މިދިޔަ މަހު ފަހުކޮޅު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

https://sun.mv/161504

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ޢަލީ ވަހީދު ގެނައުމުގެ އަމުރު، ދިވެހި ފުލުހުންނާ އެކުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ އެޖެންސީތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އެ އެޖެންސީތަކުން ދަނީ ކުރަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޢަލީގެ މައްޗަށް ދައުވާ އުފުލުމުން ވެސް އޭނާ ހިމާޔަތް ހޯދީ އިނގިރޭސިވިލާތުންނެވެ. އެ ފަހަރު ވެސް ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނެވޭ ގޮތެއް ނުވިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ކޯޓަށް ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޢަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޢަލީ ވަހީދުގެ ގާތް އެކުވެރިޔާ އަސްހަދު ޢަލީ (އަޑުބަރޭ) ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް ޢަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެހެންވެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

އެ މައްސަލައާ ގުޅިގެން އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އޭނާ ވެސް ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފައެވެ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ފުލުހުގައި އެދިފައި ވީނަމަވެސް އެކަން ވެސް ތަންފީޒެއް ނުވެއެވެ.

comment ކޮމެންޓް