ބޮޑީ ވޯން ކެމެރާއަކީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑު ކުރުމަށް އެހީއެއް: ސީޕީ

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު -- ސަން ފޮޓޯ

ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށް ބޮޑީ ވޯން ކެމެރާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ، މި ވަސީލަތުގެ ސަބަބުން ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށާއި ތަހުގީގަށް ބޭނުންވާ ހެކި ލިބޭނެ ކަމަށެވެ. އަދި މިއީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެވޭނެ ވަސީލަތެއް ކަމަށެވެ.

ބޮޑީވޯން ކެމެރާއަކީ، ފުލުހުންގެ ހިދުމަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތައާރަފް ކުރަމުން އަންނަ ވަސީލަތެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބޮޑީ ވޯން ކެމެރާ މިހާރު ބޭނުން ކުރަން ފެށި ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުގައި މި ވަސީލަތް ބޭނުން ކުރަން ފެށިތާ އަހަރުތަކެއް ވެއްޖެ ކަމަށް ސީޕީ ހަމީދު ފާހަގަ ކުރެއްވިއެވެ.

"ދިވެހި ފުލުހުން މި ގާބިލުކަން ހޯދުމަށް މަސައްކަތް ކުރާތާ މިހާރު ދެތިން އަހަރު ވެއްޖެ. ކަން ދިމާކުރި ގޮތުން 2020 ވަނަ އަހަރު ބަޖެޓުން މިކަން ކުރުމަށް ރާވާފަ އޮތް ނަމަވެސް، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ ބަލިމަޑުކަމާއެކު މުޅި ދައުލަތުގެ އާމްދަނީ ދަށްވެ، ހަރަދުތައް ކުޑަކުރަން ޖެހުމާ ގުޅިގެން މި ޕްރޮޖެކްޓް ފަށައިގަތުން ތަންކޮޅެއް މި ވަނީ ލަސްވެފަ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާގެ ހިދުމަތް ފަށާފައި ވަނީ އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލައި، އެކަމަށް ފުލުހުން ތަމްރީނު ކުރުމަށް ފަހުގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ކަމަށެވެ. އެގޮތުން އެއީ ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭ ވަސީލަތެއްކަން ސާބިތުވެފައިވާކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ބޮޑީ ވޯން ކެމެރާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

ސީޕީ ހަމީދު ވިދާޅުވީ މުސްތަގުބަލުގައި، ފުލުހުން ޖަވާބުދާރީ ކުރުވުމަށް ބޮޑީ ވޯން ކެމެރާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ފުލުހުންގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކުގެ ތެދުދޮގު ބެލުމަށް ވެސް ބޮޑީ ވޯން ކެމެރާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މީގެ ކުރިން އެކިކަހަލަ ހާދިސާތަކުގައި މީހުން ވިޑިއޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ނަމަވެސް ހާދިސާއެއް ހިނގައި ދިއުމުން ފުލުހުންގެ މީހާގެ ނަޒަރުން ކަން ހިނގާދިޔަ ގޮތް ފެންނަން ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ބޮޑީ ވޯން ކެމެރާ ހަރުކޮށްގެން ހުރި ފުލުހެއް ނަމަ ފުލުހަކަށް ފެނުނު މަންޒަރު ރެކޯޑް ކުރެވެމުން ދާނެ ކަމަށެވެ. އަދި އެ ފުލުހެއްގެ ނަޒަރުން އެ ހާދިސާ އަލުން ބަލާލެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ފުލުހުންގެ މައްޗަށް ކުރެވޭ އަސްލެއް ނެތް ޝަކުވާއާއި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށް ބާރުއެޅިގެން ދާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ފަރާތުން ހިނގާ ކަންކަމަށް ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް މަދުވެ، ޝަކުވާތައް ތަހުގީގު ކުރުމާއި ހަގީގަތް ހޯދުމަށް ޒަމާނީ ފުރިހަމަކަމެއް ގެނެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑީ ވޯން ކެމެރާ ތައާރަފް ކުރުމުން، ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މީހުން ފުލުހުންނަށް ނުކިޔަމަންތެރިވެ އަނިޔާވެރި ވުމަށް އޮންނަ ފުރުސަތު ހަނިވެގެން ދާނެ ކަމަށް ސީޕީ ހަމީދު ދެކިލައްވައެވެ.

ބޮޑީ ވޯން ކެމެރާ ތައާރަފްކުރީ 200 ކެމެރާއާއެކު މާލެ އާއި އައްޑޫގައެވެ. ކުރިއަށް އޮތް ތާނގައި އިތުރު 1200 ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ފުލުހުންގެ ހުރިހާ ސަރަހައްދެއްގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމަށް މަސައްކަތް ކުރަމުންދެއެވެ.

"އާއްމުންގެ މީހަކާ ކުރާ ހުރިހާ މުއާމަލާތެއް ރިކޯޑު ކުރަން ޖެހޭ ގޮތަށް މިވަނީ އުސޫލު އެކުލަވާލެވިފައި. އަދި ވީޑިއޯ ފުޓޭޖްގެ ރައްކާތެރިކަމާ ގުޅޭގޮތުންނާއި، ހާމަކުރަން ޖެހޭ ހާލަތްތަކުގައި ހާމަ ކުރުމާ، މިފަދަ ކަންކަން މިވަނީ އުސޫލެއްގެ ދަށުން ގާއިމު ކުރެވިފައި،" ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަގުމަތި ޕެޓްރޯލް ކުރުމަށާއި ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ޑްރަގް އޮޕަރޭޝަންތަކުގައި އަދި ސްޕެޝަލިސްޓް އޮޕަރޭޝަންތަކުގައި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރެވޭނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ހަމައެއާއެކު މުޒާހަރާތަކާއި ތަފާތު އެއްވުންތަކުގައި ވެސް ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަން ފާހަގަ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ، މި ޕްރޮގްރާމް ފެށީ 200 ކެމެރާއިން ކަމަށްވާތީ، މިވަގުތު ހުރިހާ ހާލަތްތަކުގައި ހުރިހާ ފުލުހުންގެ އަތުގައި ކެމެރާ ނުހުންނާނެ ކަމަށެވެ.

comment ކޮމެންޓް