ކައުންސިލްގެ ކަންކަމަށް "ހުރަސް" އަޅާތީ މޭޔަރު އެލްޖީއޭއަށް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަންފޮޓޯ/ ނާއިލް ހުސައިން

މާލޭ ސިޓީ ކައުންސިލުން ކުރަން އުޅޭ ކަންކަމަށް، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުރަސް އަޅާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަޝްވަރާއަށް އެ އޮތޯރިޓީއަށް މިއަދު ވަޑައިގެންފިއެވެ.

މާލޭގައި ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަމިއްލަ ފަރާތްތަކަށް 1،000 ޕާކިން ސްލޮޓް ވިއްކަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުއްޓުވައިފައެވެ.

އޭގެ އިތުރުން ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ކުންފުނި ހެދުމުގެ ހުއްދަ ނުދިނުމާއި މާލޭގެ ލޭންޑްޔޫސް ޕްލޭން މިހާތަނަށް ފާސްކޮށް ދީފައި ނުވާތީ އެއީ ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅުންކަމަށް ކައުންސިލުން ދެކެއެވެ.

https://sun.mv/161960

އެނގިފައިވާގޮތުގައި މޭޔަރު މުއިއްޒުއާއި ސިޓީ ކައުންސިލްގެ ގާނޫނީ ޓީމުން މިވަގުތު ދަނީ އެލްޖީއޭގެ ވެރިންނާ މަޝްވަރާ ކުރައްވަމުންނެވެ.

މި ބައްދަލުވުމުގެ ތަފްސީލް މިއަދު މެންދުރު ސިޓީ ކައުންސިލުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި އެލްޖީއޭއާއި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ދީފައިވާ ބާރުތައް ހަނި ކުރަމުންނެވެ.

ޕާކިން ސްލޮޓް ވިއްކުން މަޑުޖައްސާލުމަށް އެލްޖީއޭއިން އިއްޔެ ސިޓީ ކައުންސިލަށް އެންގުމުން ސިޓީ ކައުންސިލްގެ މެމްބަރުން ގެންދަވަނީ އެކަމާ ނުރުހުން ފާޅު ކުރައްވަމުންނެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި ރޭ މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ މާލެއިން ޕާކިން ސްލޮޓްތައް ވިއްކުމުގެ މުއާމަލާތް ހިނގަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަވެގެންތޯ ބެލުމަށާއި އެކަމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލަން އެ އޮތޯރިޓީން ބޭނުންވާ ކަމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ބާރުތަކެއް ލިބިދޭ ކަމަށެވެ. އެގޮތުން ޕާކިން ޒޯންތަކާއި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތައް އެ ގަވާއިދުގެ ދަށުން އެ ކައުންސިލަށް ކަނޑައެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ވެސް އެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ލިބިގެންވާކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ނަމަވެސް، ދިގު މުއްދަތަކަށް ޕާކިން ސްލޮޓްތައް ކުއްޔަށް ދިނުމަކީ އެ ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ ގަވާއިދުގާވާ ގޮތުގެމަތިން ޕާކުކުރުމަށް ބިން ދޫކުރުމާއި ޕާކިންސްލޮޓްތައް ގާއިމްކުރާތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައި ފާސްކޮށްގެން ބިންދޫކުރުމުގެ ކަންކަން ސިޓީކައުންސިލަށް ކުރެވޭނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް