ޕާކިން ސްލޮޓްތައް ވިއްކުން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ހުއްޓުވައިފި

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަރވިއުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

މާލޭގައި ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަމިއްލަ ފަރާތްތަކަށް 1000 ޕާކިން ސްލޮޓް ވިއްކަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޓްރާންސްޕޯޓް މިނިސްޓްރީން ހުއްޓުވައިފިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި މިރޭ މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ މާލެއިން ޕާކިން ސްލޮޓްތައް ވިއްކުމުގެ މުއާމަލާތް ހިނގަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަވެގެންތޯ ބެލުމަށާއި އެކަމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލަން އެ އޮތޯރިޓީން ބޭނުންވާކަމަށެވެ.

އެހެންކަމުން އެ އޮތޯރިޓީން އެ މައްސަލަ ބަލައި ވަކިގޮތެއް އަންގަންދެން ޕާކިން ސްލޮޓް ވިއްކުން މަޑުޖައްސާލުމަށް އެލްޖީއޭއިން ވަނީ ސިޓީ ކައުންސިލަށް އަންގާފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ބާރުތަކެއް ލިބިދޭ ކަމަށެވެ. އެގޮތުން ޕާކިން ޒޯންތަކާއި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތައް އެ ގަވާއިދުގެ ދަށުން އެ ކައުންސިލަށް ކަނޑައެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކުކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ވެސް އެ ގަވާއިދުގެ ދަށުން ސިޓީ ކައުންސިލަށް ލިބިގެންވާކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ނަމަވެސް، ދިގު މުއްދަތަކަށް ޕާކިން ސްލޮޓްތައް ކުއްޔަށް ދިނުމަކީ އެ ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ ގަވާއިދުގާވާ ގޮތުގެމަތިން ޕާކުކުރުމަށް ބިން ދޫކުރުމާއި ޕާކިންސްލޮޓްތައް ގާއިމްކުރާތަންތަނުގެ ލޭންޑް ޔޫސް ޕްލޭނެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައި ފާސްކޮށްގެން ބިންދޫކުރުމުގެ ކަންކަން ސިޓީކައުންސިލަށް ކުރެވޭނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ކަންމިހެން އޮތް ނަމަވެސް މާލެ ސިޓީ ކައުންސިލުން މި މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭޢން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވެއެވެ. އަދި، އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައެއް ވެސް ނުވެއެވެ. މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަކަސް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ." އެ ބަޔާނެއްގައިވެއެވެ.

comment ކޮމެންޓް