މި އަހަރުގެ ރިޔާސީ ބަޔާން ވީ ޓީޗަރުންނަށް އުފާވެރިކަން ގެނުވައިދިން ރިޔާސީ ބަޔާނަކަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ދުވަހު ޓީޗަރުންނަށް ދެއްވީ އުފާވެރި ޚަބަރެކެވެ.
ރައީސް އުފާވެރި ޚަބަރު ދެއްވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން އަންނަ މެއި މަހު ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ: ޓީޗަރުންގެ މުސާރަ މެއި މަހުން ފަށައިގެން ބޮޑުވާނެ ކަމުގައި ވިދާޅުވި --
މި ޚަބަރާއެކު ބައެއް ޓީޗަރުން އުފަލުން ފޮޅުނެވެ. އުފާފާޅުކުރިއެވެ. އެހެން ނަމަވެސް އަނެއްބައި ޓީޗަރުންނަށް އެ ވާހަކަ ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އެ ޓީޗަރުން އުފާވާނީ މުސާރަ ބޮޑު ކުރީމައެވެ.
ޓީޗަރުކަން ދޫކޮށް އެތައް ބަޔަކު ދޭ!
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1977އިން ފަށައިގެން 2019ވަނަ އަހަރާ ހަމައަށް 9،000އަށްވުރެ ގިނަ ޓީޗަރުން ވަނީ ތަމްރީނު ކުރެވިފައެވެ.
އެހެން ނަމަވެސް އަބަދުވެސް ފެންނަ މަންޒަރަކީ ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތް ކުރާ މަންޒަރެވެ. މިހާ ގިނަ އަދަދެއްގެ ދިވެހީން ތަމްރީނު ކުރެވިފައިވާއިރު ވެސް މި ދާއިރާގައި ދިވެހީން ހަރުލާތަނެއް ނުފެނެއެވެ.
އާދަމް މުހައްމަދު (އަސްލު ނަމެއް ނޫން)އަކީ 2007ވަނަ އަހަރުން ފަށައިގެން ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާ ކިޔަވައިދިނީ އެކައުންޓިންއާއި ބިޒްނަސް ސްޓަޑީޒް އަދި އިކޮނޮމިކްސްއެވެ.
އެހެން ނަމަވެސް 10 އަހަރު ވަންދެން ޓީޗަރުކަން ކުރުމަށްފަހު އާދަމް އެ ދާއިރާ ދޫކޮށްލިއެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަނީ އަމިއްލަ ކުންފުންޏެއްގެ އެކައުންޓެއްޓެއްގެ މަގާމުގަައެވެ.

އިސްކަންދަރު ސްކޫލްގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން
"ސުކޫލުގައި ވެއްޖިއްޔާ ހަތަރުދަމު އެތާ އުޅެގެން ލިބޭ މުސާރައަށްވުރެ ބޮޑު މިތަނުން އެބަ ލިބޭ އަށްގަޑިއިރު މަސައްކަތް ކޮށްލައިގެން. މިހާރު މާ ހައްޓަށް ފަސޭހަ،" އާދަމް ބުންޏެވެ.
އާދަމް ބުނި ގޮތުގައި މައްސަލައަކީ ޓީޗަރުންގެ އޯވަ ޓައިމް އެލަވަންސް (އޯޓީ) ލިމިޓުކޮށްފައި އޮތުމެވެ. ކުދިންނަށް ކިޔަވައިދިނުމުގެ އިތުރަށް ވެސް އެތައް މަސައްކަތެއް ޓީޗަރުން ކުރަން ޖެހެއެވެ.
"ލެސަން ޕްލޭން ހަދަންދާ ވަގުތާއި ފޮތްތައް މާކުކުރަން ދާ ވަގުތަކީ ވެސް ހަމަ އަޅުގަނޑުމެން މަސައްކަތުގައި އުޅޭ ވަގުތު ނޫންތޯ،" އާދަމް ބުންޏެވެ.
ގިނަ ޓީޗަރުން ދާއިރާ ދޫކޮށްދާ މައިގަނޑު ސަބަބަކީ މުސާރަ ކުޑަވުމެވެ. ބުރަކޮށް މަސައްކަތްކޮށްފައި އެ ކުރާ މަސައްކަތާ އެކަށޭނަ މުސާރައެއް ނުދިނުމެވެ.
ޓީޗަރުކަން ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން ދަށަށް!
ޓީޗަރަކަށްވުމަކީ ގައިމު ވެސް މީގެ ކުރިން ގިނަ ބަޔަކު ބޭނުންވި ކަމެކެވެ. އެކަން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކުން ފެންނަން ވެސް އެބަހުއްޓެވެ.
ގައުމީ ޔުނިވާސިޓީގައި މީގެ ކުރިން އެންމެ ދަރިވަރުން ގިނަ ފެކަލްޓީއަކީ ވެސް އެފްއީއެވެ. އެހެން ނަމަވެސް މިހާރު އެ އަދަދުތައް ދަށްވެއްޖެއެވެ. ޓީޗަރުކަން ކިޔަވާކަށް ދަރިވަރުން ބޭނުމެއް ނުވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2010ވަނަ އަހަރުން ފަށައިގެން ޓީޗަރުކަން ކިޔަވަން ވަންނަ ދަރިވަރުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެއަށްފަހު 2010ވަނަ އަހަރުން ފަށައިގެން 2016އަދި 2017ވަނަ އަހަރާ ހަމައަށް ބެޗްލާ އޮފް ޓީޗިން ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ވެސް ޓީޗަރުކަން ކިޔަވާ ކުދިންގެ އަދަދު މިހާރު ވަރަށް މަދު -- ސަން ފޮޓޯ- އިބްރާހިމް އިފާޒް
އެ ދެ އަހަރު ދަރިވަރުންގެ އަދަދު އިތުރުވީ ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރާ ދިވެހި ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޔޫއާ ގުޅިގެން ފެށުމުންނެވެ.
އެ ދެ އަހަރު 1،800އާ ގާތްކުރާ އަދަދަކަށް ބެޗްލާ އޮފް ޓީޗިން ކޯހަށް ދަރިވަރުން ވަނީ ވަދެފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް 2018ވަނަ އަހަރުން ފަށައިގެން ޓީޗަރުކަން ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން މަދުވާން ފެށިއެވެ. މަދުވަމުން މަދުވަމުން އައިސް 2021ވަނަ އަހަރު ބެޗްލާ އޮފް ޓީޗިންގައި ބައިވެރިވި ދަރިވަރުންގެ އަދަދު ވަނީ 400އަށްވުރެ ވެސް ދަށްވެފައެވެ.
މި އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑިގްރީ ކޯސްތަކުގެ ތެރެއިން ސެކަންޑަރީ ޓީޗިންއަށް ކުރިމަތިލީ މަދު ކުދިންތަކެކެވެ. މި އަހަރު ފެށެނީ އިސްލާމް/ޤުރުއާން ޓީޗިން، ދިވެހި ޓީޗިން އަދި އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖްގެ ކިޔެވުމެވެ.
މި ކޯސްތައް ފެށި ނަމަވެސް ކޯހެއްގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 40 ވަރަކަށް ދަރިވަރުންނެވެ.
ޓީޗަރުކަން ކިޔަވަން ބޭނުންނުވަނީ ކީއްވެ؟
ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ވަސީމާ ފިކުރީ ވިދާޅުވި ގޮތުގައި ޓީޗަރުންނަށް ވަކި ހާއްސަ ވަގުތެއް މަސައްކަތް ކުރަން ކަނޑައަޅާފައެއް ނޯވެއެވެ. އަދި ޓީޗަރުންގެ އެންމެ ބޮޑު އުދާހަކީ އޯޓީ 10 ޕަސެންޓަށް ލިމިޓު ކޮށްފައި އޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަސީމާ ފާހަގަ ކުރެއްވި ގޮތުގައި، ކިތަންމެ ބުރަކޮށް ކިތަންމެ ގިނަ ވަގުތު މަސައްކަތް ކުރި ނަމަވެސް، ޓީޗަރުންނަށް ޖެހެނީ އޯޓީގެ ދިހަ ޕަސެންޓު ބަހާލަން ކަމަށެވެ. އެހެން ނަމަވެސް ޓީޗަރުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި، ކިޔަވައިދިނުން، ލެސަން ޕްލޭން ހެދުން، ބެލެނިވެރިން ގުޅާ ގަޑިއެއްގައި ވެއްޖިއްޔާ ޖަވާބުދިނުން އަދި އިތުރު ހަރަކާތުގައި އުޅުންފަދަ އެތައް ކަމެއް ހިމެނޭކަމުގައި އޭނާ ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް ކޮށްފައި ޓީޗަރުންނަކަށް ނުވޭ ގިނަ ފަހަރަށް އާއިލާއަށް އަޅާލާނެ ވަގުތެއް. ގިނަ ފަހަރަށް މައްސަލަ ޖެހިފައި އޮންނަނީ، ދަރިން ނުބެލިފައި އޮންނަނީ. އެހެންވީމަ އަންނަ ކުދިންނެއް ވެސް ރިޓެއިންއެއް ނުކުރެވޭ،" ވަސީމާ ވިދާޅުވިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ވަސީމާ ފިކުރީ "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް
"ވަރަށް ބައިވަރު ޓީޗަރުން އަސްލު ތަމްރީނު ކުރެވިއްޖެ. އެކަމަކު ޚިދުމަތުގައި ނުތިބެވޭ. އެހެން އެ ވާ ސަބަބަކީ މުސާރައިގެ މައްސަލައާއި އެކިކަހަލަ ބެނެފިޓްސްތައް ނާންނާތީ،" ވަސީމާ ވިދާޅުވިއެވެ.
ރާއްޖޭގައި ޓީޗަރުންނަށް މީގެ ކުރިން ވަރަށް ގިނަ މީހުން އިހުތިރާމް ކުރެއެވެ. ގަދަރުކުރެއެވެ. ދަރިވަރުން ވެސް ޓީޗަރުންނާ މުއާމަލާތްކުރާނީ އިހްތިރާމާއެކުގައެވެ. އެހެން ނަމަވެސް މިއަދު އެ އާދަކާދަ ވެސް ނެތިގެން ދާ މަންޒަރު އެބަ ފެނެއެވެ.
ވަސީމާ ވިދާޅުވީ މީގެ ކުރިން މީހުން ދެކޭ ގޮތުގައި ޓީޗަރަކަށްވުމަކީ ވަރަށް ގަދަރުލިބޭ ހައިބަތުހުރި ކަމެކެވެ. އެހެން ނަމަވެސް މިހާރު އެ ގަދަރު ނޯންނަކަމަށް ވަރަށް ގިނަ ޓީޗަރުން ދެކޭކަމުގައި ވަސީމާ ފާހަގަ ކުރެއްވިއެވެ.
ވަސީމާ ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ގިނަ ފަހަރަށް ފެންނަނީ ޓީޗަރުން އުޅޭ ދަތި ހާލެވެ. އެއީ ޓީޗަރުކަން ކިޔަވަން ދަރިވަރުން ބޭނުންނުވާ އެއް ސަބަބެވެ.
"ބައެއް ކުދިން ބުނަން ވެސް ބުނޭ. ޓީޗަރު އުޅޭ ހާލު ފެންނާތީއޭ ޓީޗަރަކަށް ވާން ބޭނުން ނުވަނީ،" ވަސީމާ ވިދާޅުވިއެވެ.
ޓީޗަރަކަށް ވާންވީ ކީއްވެ؟
ގިނަ ޓީޗަރުން އެ ވަޒީފާގައި އުޅެނީ، ހަމައެކަނި ލިބޭ އުޖޫރައަކަށް ނޫނެވެ. ނުވަތަ ދުނިޔަވީ ފައިދާއަކަށް ވެސް ނޫނެވެ. ތިމާއަށް ލިބިފައިވާ އިލްމެއް އަނެކާއަށް ފޯރުކޮށްދިނުމުން އާޚިރަތުގައި ވެސް ކުރާނެ ފައިދާއަކަށް ވިސްނައިގެންނެވެ.
ވަސީމާ ވިދާޅުވީ ޓީޗިންއަކީ ވަރަށް ޑިސިޕްލިން ދާއިރާއެއް ކަމަށެވެ. ޓީޗިން ހަދާ ދަރިވަރުން އެހެން ދަރިވަރުންނާ ތަފާތު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޓީޗަރަކަށް ވުމަކީ ކުރިއަށް ދިއުމުގެ މަގު އެތައް ގޮތަކުން ތަނަވަސް ވާނެކަމެއް ކަމުގައި ވަސީމާ ވިދާޅުވިއެވެ. ޓީޗަރުންނަށް އެކިކަހަލަ ފުރުސަތުތައް ލިބޭކަމުގައި އޭނާ ވިދާޅުވިއެވެ.

ސީއެޗްއެސްއީގެ ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ
"ބައެއް ކުދިންނަށް ހީވަނީ ޓީޗަރަކަށް ވީމަ އަބަދު ޓީޗަރަކަށޭ. ކްލާސްރޫމްގައޭ ހުންނަން ޖެހޭނީ. ނެތޭ ކެރިއާ ޕާތެއް. އެކަމަކު އަޅުގަނޑުމެން އެބަ ދައްކަދޭން މިސާލަކަށް އަޅުގަނޑު ވެސް އެއްއިރެއްގައި އުޅުނީމޭ ޓީޗަރަކަށް. އޭގެ ފަހުން ލެކްޗަރާއަކަށްވެ މި ހުރިހާ ކެރިއާ ޕާތެއް އާދެވިއްޖެއޭ،" ވަސީމާ ވިދާޅުވިއެވެ.
ޓީޗަރުންނަކީ ހަގީގަތުގައި ގައުމެއް ބިނާކުރުމުގައި ވަރަށް މުހިންމު ބައެކެވެ. ރަނގަޅު ޓީޗަރުން ތަމްރީނު ނުކުރެވިއްޖެނަމަ، އެހެން ދާއިރާތަކުން ވެސް ފެންވަރު ރަނގަޅު މީހުން ތަމްރީނެއް ނުކުރެވޭނެއެވެ.
ޓީޗަރުކަން ދިވެހީން ނުކިޔަވާނަމަ ވާނީ ކިހިނެއްް؟
ރާއްޖޭގައި ބިދޭސީ ޓީޗަރުން ގިނަ ވާހަކައަކީ އަބަދުވެސް އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. އެހެން ނަމަވެސް ދިވެހީން އެ ދާއިރާއިން ތަމުރީނު ނުވާނަމަ އެ ނޫން ގޮތެއް ނޯވެއެވެ.
ރާއްޖޭން ބޭރުން ޓީޗަރުން ގެންނަން ޖެހުމުން ކުރަން ޖެހޭ ޚަރަދު ދިވެހި ޓީޗަރަކަށް ކުރާ ހަރަދަށްވުރެ ދެގުނަ ބޮޑެވެ.
ވަސީމާ ވިދާޅުވި ގޮތުގައި ބޭރު ޓީޗަރުން ކިޔަވައިދޭން ގެނެސްގެން ރާއްޖޭގެ ޖީލުތައް ބިނާކުރުމުގައި ދަތިތަކަކާ ކުރިމަތިވާނެއެވެ.
"ބޭރުން އަންނަ ޓީޗަރަކަށް ނޭނގެ އަޅުގަނޑުމެންގެ ކަރިކިއުލަމްއެއް، އަޅުގަނޑުމެންގެ ކަލްޗާއެއް، އަޅުގަނޑުމެންގެ ދީނެއް، އެހެންވީމަ އެބައި މަޑުމަޑުން ދިޔައީމަ އެއީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް،" ވަސީމާ ވިދާޅުވިއެވެ.
"ޓީޗަރުން ލިބިދާނެ. އެކަމަކު ދިވެހީން ކިޔަވައިދޭ ގޮތަށް ކިޔަވައިދޭނެ ޓީޗަރުންނެއް ނުލިބޭނެ،" ވަސީމާ ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ގައުމު ބިނާކުރުން ފެށިގެން އަންނަނީ ސުކޫލުން ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ ޓީޗަރުން ތަމްރީނު ކުރެވުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް --
"އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ދިވެހީން މިކަން މާ ރަނގަޅަށް ކުރާ ވާހަކަ. އެހެންވީމަ ދިވެހީން މި ދާއިރާއިން ތަމްރީން ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ،" ޝަރީފް ވިދާޅުވިއެވެ.
މުސާރަ ބޮޑުކުރުމުން ބަދަލެއް އަންނާނެތަ؟
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މުސާރައަށް އަންނަ ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރައަށް އަންނަ ކުރިއެރުމަކީ 56 ޕަސެންޓުގެ ކުރިއެރުމެކެވެ.
ސުވާލަކީ މި ބަދަލާއެކު ޓީޗަރުކަން ކިޔަވަން ބޭނުންވާ މީހުންގެ އަދަދަށް ކިހާވަރެއްގެ ބަދަލެއް އަންނާނެ ހެއްޔެވެ؟ މި ބަދަލާއެކު މީގެ ކުރިން ޓީޗަރުކަން ކުރި މީހުން އަނބުރާ ދާއިރާއަށް އައިސްފާނެ ހެއްޔެވެ؟ މި ބަދަލާއެކު ސުކޫލު ނިންމާ ކުދިން ޓީޗިން ދާއިރާއަށް ނުކުންނަން ބޭނުންވާނެ ހެއްޔެެވެ؟

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކްލާސް ރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ
ބައެއް ޓީޗަރުންނަށް އަދިވެސް ތިބީ މި ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. އެ ޓީޗަރުން ބުނާ ގޮތުގައި ޓީޗަރުންނަށް ކޮންމެ ސަރުކާރަކުން ވެސް ދައްކަނީ އަވާމެންދުރެކެވެ. ޓީޗަރުންނަށް ކޮންމެ ސަރުކާރަކުން ވެސް ދައްކާ ހުވަފެން ވަނީ ބިލާހަކަށެވެ.
ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި ޓީޗަރަކު ބުނީ ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ގަބޫލުކުރާނީ އެކަން ވާ ދުވަހުންފަށައިގެން ކަމަށެވެ.
"ބޮޑު ކުރީމަ ނޫނީ އަޅުގަނޑު ހަމަ ގައިމު ވެސް ނުބުނާނަން ބޮޑު ވާނެއެކޭ. އެކަމަކު އުންމީދަކީ މުސާރަ ބޮޑުވުން،" އޭނާ ބުންޏެވެ.
އެހެން ޓީޗަރަކު ބުނި ގޮތުގައި މި ބަދަލާއެކު ދިރިއުޅުމަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް އަންނާނެއެވެ. އެ ގޮތުން މާލޭގައި ދިރިއުޅޭއިރު އެއްވެސް އެއްޗެއް އެއްނުކުރެވޭ ކަމަށް ފާހަގަކުރަމުން އޭނާ ބުނީ މި ބަދަލާއެކު ރަނގަޅު އެއްޗެއް ސޭވް ކުރެވޭނެ ކަމަށެވެ.
"މި ދެކޭ ހުވަފެންތައް ހަގީގަތަކަށް ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު. އެކަން ވެއްޖެނަމަ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންނެއް ނުދާނެ،" އޭނާ ބުންޏެވެ.
ވަސީމާ ވިދާޅުވި ގޮތުގައި މުސާރައަށް މި އަންނަ ބަދަލާއެކު ޓީޗަރުކަން ކިޔަވަން ބޭނުންވާ ކުދިންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އަންނަ ސެމިސްޓާއަށް ޓީޗިންއަށް ގިނަ ކުދިންތަކެއް ވަނުމަކީ އޭނާ ކުރާ އުންމީދެއް ކަމުގައި ވަސީމާ ވިދާޅުވިއެވެ.

އަމީރު އަހްމަދު ޕްރީސްކޫލްގައި ޓީޗަރަކު ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ
ވަސީމާ ގަބޫލުކުރައްވާ ގޮތުގައި ޓީޗަރުކަމުގައި އުޅުމަށް ފަހު ދާއިރާ ދޫކޮށް ގޮސް ތިބި މީހުން ވެސް މި ދާއިރާއަށް އައުމުގެ ފުރުސަތު އެބައޮތެވެ. މި ބޮޑުކުރި މުސާރައިން ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
އެހެން ގައުމުތަކުގައި ޓީޗަރުންގެ މުސާރައަށް ކަޅިއެއް!
ސިންގަޕޫރުގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ވެލިއު ޗެމްޕިއަން އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އޭޝިއާގެ ގިނަ ގައުމުތަކުގައި ޓީޗަރުންގެ އާމްދަނީ، ޖީޑީޕީ ޕާ ކެޕިޓާ ނުވަތަ ގައުމުގެ ކޮންމެ ބޮލަކަށް ޖެހޭ އާމްދަނީއާ އެއްވަރެވެ.
ކޮރެއާ، ތައިލޭންޑް، އިންޑިއާ އަދި ޖަޕާނުގައި ޓީޗަރުންގެ މުސާރަ ޖީޑީޕީ ޕާ ކެޕިޓާގެ 175 ޕަސެންޓަށް އަރައެވެ. އޭގެ މާނައަކީ އެ ގައުމުތަކުގެ ގިނަ މީހުންނަށް ލިބޭ އާމްދަނީއަށް ވުރެ ޓީޗަރުންގެ ބޮޑެވެ.
ދެކުނު ކޮރެއާގައި މަތީ ސާނަވީ ސްކޫލް ޓީޗަރެއްގެ މުސާރަ އަހަރަކު 65 މިލިއަން ކޮރެއަން ވޮން (55000 އެމެރިކާ ޑޮލަރަށް) އަރައެވެ. އެގައުމުގެ ޖީޑީޕީ ޕާ ކެޕިޓާ އަކީ އަހަރަކަށް 31,346 އެމެރިކާ ޑޮލަރެވެ.
ދެކުނު ކޮރެއާއަކީ އާބާދީގެ ނިސްބަތުން މަތީ ތައުލީމު ހާސިލުކޮށްފައިވާ އެންމެ ގިނަ ބަޔަކު ތިބި ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހުނަރުވެރި މަސައްކަތުގެ އާބާދީއެއް އޮންނަ އެއް ގައުމު ކަމަށް އެމެރިކާގެ ނެޝަނަލް ސެންޓާ އޮން އެޑިއުކޭޝަން އެންޑް ދަ އިކޮނޮމީ (އެންސީއީއީ)އިން ބުނެއެވެ.
އެ ގައުމުގެ އިގުތިސާދަކީ ދުނިޔޭގެ 12 ވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. އޭގެ ސިއްރަކީ އެގައުމުގެ ތައުލީމީ ނިޒާމު ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދުނިޔޭގެ ތައުލީމީ ނިޒާމުތައް އަޅާކިޔާ ޕްރޮގްރާމް ފޯ އިންޓަނޭޝަނަލް ސްޓޫޑެންޓް އެސެސްމެންޓްގެ އެންމެ ކުރީގައި އުޅޭ 10 ގައުމުގެ ތެރޭގައި، ފާއިތުވި 15 އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ދެކުނު ކޮރިޔާ ހިމެނެއެވެ.
ދެކުނު ކޮރެއާގައި ޓީޗަރުންގެ މުސާރަ މަތިވުމުން އެ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންގެ އަދަދު ގިނައެވެ. އަދި ޓީޗިން ވަޒީފާތަކަށް ވާދަވެރިކަން ބޮޑެވެ.
އިންޑިއާގެ ޓީޗަރުންނަށް އަހަރަކު 3500 އާއި 5000 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބެއެވެ. ސަރުކާރުގެ ޓީޗަރުންނަށް އަހަރަކަށް 8،000 ޑޮލަރުގެ މުސާރައެއް ލިބެއެވެ.
އެއީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދަށް މުސާރައެއް ނަމަވެސް އެއީ ޖީޑީޕީ ޕާ ކެޕިޓާގެ ދެގުނަ އިތުރު އަދަދެެކެވެ. އެގައުމުގެ ޖީޑީޕީ ޕާ ކެޕިޓާ އަކީ 2,036 ޑޮލަރެވެ.
ތައުލީމީ ފެންވަރު ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ވާކީ ފައުންޑޭޝަނުން 35 ގައުމެއްގައި ކުރިއަށްގެންދިޔަ ސާވޭއަކަށް ފަހު އެކުލަވާލި ގްލޯބަލް ޓީޗާ ސްޓޭޓަސް އިންޑެކްސް 2018ގައިވާ ގޮތުން އިންޑިއާގައި ޓީޗަރުންނަށް ކުރާ އިހުތިރާމު ބޮޑުވެފައި، ޓީޗަރުންނަށް ވުމަށް ދަރިންނަށް ހިތްވަރު ދޭނެ ކަމަށް 50 ޕަސެންޓު ބެލެނިވެރިން ބުންޏެވެ.
އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކީ ނުރަސްމީ ވަޒީފާތައް އަދާ ކުރާ މީހުންނެވެ. އަދި އެގައުމުން ދަނީ ރަސްމީ ވަޒީފާތައް އަދާ ކުރާ މީހުންގެ އަދަދު އިތުރު ކުރުމަށްޓަކައި ތައުލީމަށް ހަރަދު ކުރާ މިންވަރު އިތުރު ކުރަމުންނެވެ.
ޗެކް ރިޕަބްލިކް މެންޑެލް ޔުނިވާސިޓީގެ ޕްރޮފެސަރުންތަކެއް، 1975 އާއި 2016އާ ދެމެދު އިންޑިއާގެ އިގުތިސާދާއި ތައުލީމީ ދާއިރަށް އައި ބަދަލުތަކުގެ ތަފާސްހިސާބުތަކުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެ ގައުމުގެ އިގުތިސާދު ކުރިއަރައި ދިޔުމުގައި ގައުމުގެ ތައުލީމީ ފެންވަރު މުހިއްމު ދައުރެއް އަދާ ކުރެއެވެ. ހާއްސަކޮށް މަތީ ތައުލީމް ހާސިލު ކުރާ މީހުންގެ އަދަދު އިތުރުވުމުން އިގުތިސާދު ކުރިއެރުމަށް މަގުފަހިވެއެވެ.

އިމާދުއްދީން ސްކޫލްގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ
ޓީޗިންއަކީ ދުނިޔޭގެ ގިނަ ގަައުމުތަކުގައި ބޮޑު މުސާރައެއް ލިބޭ ވަޒީފާއެެކެވެ. އެ ގައުމުތަކުގައި ޓީޗަރަކަށް ވާން އެހާ އުނދަގޫ ވަނީ ވެސް އެހެންވެގެންނެވެ. އެ ވަޒީފާގެ ވާދަވެރިކަން ބޮޑުވީމައެވެ.
ރާއްޖޭގައި ވެސް ޓީޗިން ދާއިރާއަކީ މީހުން ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް ޓަކައި، ޓީޗަރުންނަށް އެކަށޭނަ މުސާރައެއް ލިބެން ޖެހެއެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ދެއްވި އުފާވެރި ޚަބަރުން ޓީޗަރުން ތިބީ އެ ކަމުގެ އުންމީދުގައެވެ.
ދެން އޮތީ ބޮޑު ސުވާލެވެ. ބޮޑުކުރި މުސާރައިން ޓީޗަރުކަން ކިޔަވާ މީހުންގެ އަދަދަށް ބަދަލެއް ގެނެވޭނެ ހެއްޔެވެ؟