އަންހެނެއްގެ ގޮހޮރު ފަޅައިގެން ދިޔަ މައްސަލަ ހިއުމަން ރައިޓްސް ކޮމިޓީން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދި އަންހެނަކު، ސިޒޭރިއަން ހެދުމުގައި ތެރޭގައި ގޮހޮރު ފަޅައިގެން ދިޔަ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް މި މައްސަލަ ހުށަހަޅައިފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

މައްސަލަ ހުށަހަޅުއްވަމުން ރޮޒެއިނާ ވިދާޅުވީ އޭއީއެޗްގައި މާބަނޑު މީހަކު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިއިރު، އެ މީހާގެ ގޮހޮރު ފަޅައިގެން ދިޔައިރު، އެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

"އައިސީޔޫއަށް ވެސް ވައްދާފަ، އެ ތަނުގަ ވެސް ކުރި ނުކުރި ކަމެއް އާއިލާއަށް ނޭނގި އޮވެ، އެންމެ ފަހުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ގޮހޮރު ފަޅައިގެން ގޮސްފައި އޮތް ކަމާ އެއްޗެހި މި އެނގުނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

އަންހެން މީހާގެ ހާލު އަދިވެސް ރަނގަޅު ނޫން ކަން ފާހަގަކޮށް ރޮޒެއިނާ ވަނީ މި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ބަލައި، ހޮސްޕިޓަލުގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އެޅޭނެ އިންތިޒާމެއް ކޮމިޓީން ހަމަޖެއްސުމަށް ހުށަހަޅައިފައެވެ.

ގޮހޮރުން ފެޅިފައިހުރި ތަން ބުރިކޮށް، އޭޑީކޭ ހޮސްޕިޓަލުން މިހާރު ވަނީ ހޮޅި ލައްވާފައި ކަމަށް އަންހެން މީހާގެ އާއިލާއިން ވަނީ މީގެ ކުރިން "ސަން"އަށް ބުނެފައެވެ. އޭޑީކޭގައި މިވަގުތު އެ މީހާ އޮތީ ކްރިޓިކަލް ސްޓޭޖެއްގައި ކަމަށް ވެސް އާއިލާއިން ބުނެއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގައިދިޔަގޮތް އެ މިނިސްޓްރީން އަންނަނީ ބަލަމުން ކަމަށެވެ.

"މި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް މިގެންދަނީ މި މިނިސްޓްރީން ބަލަމުން. އަދި ކަނޑައެޅިގެންވާ އުސޫލުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ހެލްތު މިނިސްޓްރީން ބުންޏެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާދިނުމުގައި ފަރުވާކުޑަކުރާ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް