އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސަބަބުން މީހަކު މަރާ ހަނގުރާމަ ކުރަނީ

ޖުލައި 21، 2019: އައްޑޫ ސިޓީގައި ހުންނަ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި އެ ސިޓީގެ މަރަދުއަށް ނިސްބަތްވާ އަންހެނަކަށް ފަރުވާދިނުމުގައި ހޮސްޕިޓަލުން ފަރުވާކުޑަ ކުރިކަމަށް އާއިލާއިން ބުނެފިއެވެ.

ސ. މަަރަދޫ ހުސްނޫވިލާ، ނަސްރީނާ މުހައްމަދުގެ ސިޒޭރިއަންއެއް އެ ހޮސްޕިޓަލުން ހަދާފައިވަނީ 23 ޖެނުއަރީގައެވެ.

ސިޒޭރިއަންއަށް ފަހު ތިން ދުވަސް ވީއިރުވެސް ނަސްރީނާއަށް ފާޚާނާއަށް ނުދެވި، ނޭވާލާން އުނދަގޫވެގެން އުޅުނުކަމަށް އާއިލާއިން ބުނެއެވެ. އަދި ހަތަރު ވަނަ ދުވަހު ފާޚާނައަށް ގޮސްފައި އައިސް ބަނޑަށް ތަދުވާކަމަށް ބުނެގެން އާއިލާއިން ނަރުހުންނަށް އަންގައިގެން ސީޓީ ސްކޭނެއް ހެދިކަމަށް އާއިލާއިން ބުނެއެވެ.

"މި މީހުން ސީޓީ ސްކޭނެއް ހަދާފައި ބުނީ ޕޭޝަންޓުގެ ގޮހޮރުގައި ބްލޮކެއް އެބައިންކަމަށް. ތިމަންނަމެން ސާފުކޮށްލީމާ އިތުރު އޮޕަރޭޝަނަކަށް ދާން ނުޖެހޭނެކަމަށް." އާއިލާއިން ބުންޏެވެ.

ނަސްރީނާގެ އޯޕަން ސާޖަރީއެއް ކުރާތީ ކޮމްޕްލިކޭޝަންތައް ދިމާވެދާނެކަމަށް ޑޮކްޓަރު ބުނުއްވި ކަމަށާއި، އެކަމަށް ތައްޔާރުވެގެން ތިބުމަށް ޑޮކްޓަރު އެންގެވިކަމަށް އާއިލާއިން ބުނެއެވެ.

"ދެން ޕޭޝަންޓް ބަދަލުކުރީ އައިސީޔޫއަށް. އާއިލާ މީހުންނަކަށް ނާންގާ ވާނުވާއެއް. އެތައް އުނދަގުލަކުން ނަރުހުން ކުރެން އެހީމަ ބުނޭ ރަނގަޅޭ. ފާޚާނާއަށްވެސް އަމިއްލައަށް ގޮސް ހެދޭކަމަށް،" އާއިލާއިން "ސަން"އަށް ކިޔައިދިނެވެ.

އާއިލާއިން ބުނީ ހަތް ދުވަސް ވީއިރުވެސް އެއްވެސް އެއްޗެއް ކާން ނުދެވޭ ކަމަށާއި، އައިސީޔޫގައި އޮވެ މާލެ ގެނައުމަށް އެދުމުން ބުނީ ނުފުރުވޭނެ ކަމަށެވެ.

"މާލެ ގެންދަން ބުނުމުން ބުނީ ނުފުރުވޭނެ ކަމަށް. ނޭވާލާން އުނދަގޫވެގެން އުޅޭއިރު [ވައިގެ ދަތުރު] ނުވާނެކަމަށް،"

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ޞާލިހު، ނަސްރީނާގެ ހާލު ގާތުން ބައްލަވާކަމަށް ވިދާޅުވިކަމަށް އާއިލާއިން ބުނެއެވެ.

އައިސީޔޫއަށް ނަސްރީނާ ލުމަށްފަހު ވޯޑަށް ދޫކުރި ކަމަށާއި، އައިސީޔޫގައި ކުރި އެއްވެސް ކަމެއް ނުވަތަ ހިނގި އެއްވެސް ކަމެއް ހޮސްޕިޓަލުން ނުބުނާ ކަމަށް އާއިލާއިން ބުންޏެވެ.

"ވޯޑަށް ދޫކޮށްލާފައި ބުނީ މިހާރު ރަނގަޅޭ ޕޭޝަންޓް. އަދި ދެ ދުވަހަށް ބަލާފައި ގެޔަށް ދޫކޮށްލާނޭ،" އާއިލާއިން ބުންޏެވެ.

ނަމަވެސް ހަމަ އެ ދުވަހު އާއިލާއިން އަމިއްލައަށް ނަސްރީނާ މާލެއަށް ގެންދިޔައެެވެ. އަދި ކަމަށާއި، މިހާރު އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.

އޭޑީކޭގައި މިވަގުތު ނަސްރީނާ އޮތީ ކްރިޓިކަލް ސްޓޭޖެއްގައިކަމަށް އާއިލާއިން ބުންޏެވެ.

"އޭޑީކޭއިން ބަލާފައި ބުނީ ސާޖަރީއެއް ހަދަން ޖެހެޔޭ. މީހާ އޮތީ އިންފެކްޓް ވެފައޭ،"

އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނީ ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ޕޭޝަންޓުގެ ގޮހޮރު ހުރީ ފެޅިފައި ކަމަށާއި، އެތަނުން ލީކުވެ، މުޅި ހަށިގަނޑު ހުރީ އިންފެކްޓްވެފައި ކަމަށެވެ. އަދި ފުއްޕާމޭގައި ފެން ހެދިފައިވާކަމަށްވެސް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުންޏެވެ.

މީގެ އިތުރުން ގޮހޮރުން ފެޅިފައިހުރި ތަން ބުރިކޮށް، އޭޑީކޭ ހޮސްޕިޓަލުން މިހާރު ވަނީ ހޮޅި ލައްވާފައި ކަމަށްވެސް އާއިލާއިން ބުނެއެވެ. އަދި މިވަގުތު ނަސްރީނާގެ ހާލު ވަރަށް ދެރަކަމަށް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށެވެ. އަދި އެ މިނިސްޓްރީއަކީ ރާއްޖޭގެ ސިއްހީ ނިޒާމު ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްކަމަށް ވުމާއެކު އެ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނަކަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގައިދިޔަގޮތް އެ މިނިސްޓްރީން އަންނަނީ ބަލަމުން ކަމަށް އެ ޓްވީޓްގައިވެއެވެ.

"މި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް މިގެންދަނީ މި މިނިސްޓްރީން ބަލަމުން. އަދި ކަނޑައެޅިގެންވާ އުސޫލުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ހެލްތު މިނިސްޓްރީން ބުންޏެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބަލިމީހުންނަށް ފަރުވާދިނުމުގައި ފަރުވާކުޑަކުރާ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް