ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ އަދިވެސް ރާއްޖެ ގެނެވޭގޮތް ނުވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެފިއެވެ.
އަލީ ވަހީދު ރާއްޖެ އަންނަން ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ އައިސްފައި ނުވާތީ އެ މައްސަލައިގައި ޖާމިނުވި އަސްހަދުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ބުދަ ދުވަހުއެވެ.
ހުކުމް އިއްވިއިރު އަސްހަދު ހުރީ އަލީ ވަހީދު ދިރިއުޅުއްވާ އިނގިރޭސިވިލާތުގައެވެ. އެހެންކަމުން ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސް ދިނުމަށް ބުދަ ދުވަހު ކަރެކްޝަނަލް ސާވިސްއިން ވަނީ ފުލުހުގައި އެދިފައެވެ.
އަސްހަދަށް ހުކުމް އިއްވިއިރު އޭނާ ރާއްޖޭން ފުރާފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެކަމަށް އަމާޒުވެފައެވެ. ބުނި މުއްދަތަށް އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމުން އަސްހަދަށް ފިޔަވަޅު އަޅަން ޖެހުނު ނަމަވެސް އެކަމުގައި ވަކި ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއްވިއެވެ. އެންމެ ފަހުން ކޯޓުން ހުކުމް ކުރިއިރު އަސްހަދު ރާއްޖެއަކު ނެތެވެ.
އެކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުސް އޮފީހުގައި އޭނާ ގެނެސް ދިނުމަށް އެދިފައިވުން ފިޔަވާ އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
ފުލުހުންނާއި ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ސިޓީއެއް ލިބުމުން އެކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޖަލު ހުކުމް ތަންފީޒު ކުރުމަށް އަލީ ވަހީދު ވެސް ރާއްޖެ ގެނެސް ދިނުމަށް ފުލުސް އޮފީހުގައި އެދިފައިވާތާ އެތައް މަހެއް ވެފައިވާއިރު ވެސް މިހާތަނަށް އެކަން ވެފައެއް ނުވެއެވެ.
މިއީ ކޮން މައްސަލައެއް؟
ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.
އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަސްހަދުއެވެ.
އަސްހަދު ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.
އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.
ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.