ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަށް ވެސް އަޑުބަރޭ ހާޒިރުވެފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ, އަޑުބަރޭ ކޯޓަށް ހާޒިރުނުވުމަށް މަގުބޫލު އުޒުރެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އަޑުބަރޭގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ކޯޓުން ދިން މުހަލަތުގެ ދެތެރޭގައި އަލީ ވަހީދު ހާޒިރު ކުރުމަށް އަޑުބަރޭ ކޮށްފައިވާ މަސައްކަތެއް އެނގެން ނެތްކަން ފާހަގަކޮށް ގާޒީ ވިދާޅުވީ, އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށެވެ. ދެކޮޅު ހެދިކަމަށް ގާޒީ ފާހަގަކޮށްފައިވަނީ, އެކަމަށް އަޑުބަރޭ ދެކޮޅު ހެދުމުންނެވެ. އެއީ އޭނާ އެއްބަސްވީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް ކަމަށް އަޑުބަރޭ މީގެ ކުރިން ބުނެފައިވާތީއެވެ.
އެ މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމެއްގައި އަލީ ވަހީދު ބައިވެރިވެފައިވާތީ, އެއީ އަޑުބަރޭއަށް ދިން މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިވުން ކަމަށް އޭނާ ބުނެފައިވާތީއެވެ.
ނަމަވެސް, އެކަން ނަފީ ކުރުމަށް ގާޒީ ދެއްކެވީ އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރުނު ހުކުމެވެ. އެ ހުކުމުގައި ބުނެފައިވަނީ, ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރެ އޮންލައިންކޮށް ބާއްވާ ޝަރީއަތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.
އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.
އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.
އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.
ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.
އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި އަޑުބަރޭއަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމި ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.