އެފްރިކާ ކަޕް އޮފް ނޭޝަންގެ ފައިނަލް މެޗުގައި ޕެނަލްޓީން މިސްރު ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުން ޕެނަލްޓީ ޖަހައިގެން ސެނެގާލް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ލަނޑު ޖަހައި ލީޑު ނެގުމަށް ސެނެގާލް އަށް ވަނީ ތަނަވަސް ފުރުސަތެއް ލިބިފައެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި މިސްރުގެ ގޯލު އޭރިޔާ ތެރެއިން ސެނެގާލްގެ ސާޑިއޯ މާނޭއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މާނޭ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު މުހައްމަދު އަބޮއުގަބާލް ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގުމަށް ސެނެގާލްގެ ސާނޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އޭގެން ފުރުސަތެއްގެ ބޭނުން އޭނާއަށް މާއެދެވޭ ގޮތެއްގައި ނުހިފުނެވެ. މިހާފުގައި ސެނެގާލުން ފޮނުވަމުން ދިޔަ ހަމަލާތައް ހުއްޓުވުމުގައި މިސްރުގެ ޑިފެންސް ލައިނާއި ކީޕަރު އަބޮއުގަބާލްގެ ހުށިޔާރުކަން ފެނުނެވެ.
ފުރަތަމަ ހާފުގައި މިސްރުގެ މުހައްމަދު ސަލާހުއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑްވާޑް މެންޑީ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅެފައިވަނީ ސެނެގާލުންނެވެ.
ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. ދެ ވަނަ ހާފުގެ 50 ވަނަ މިނެޓުގައި ސެނެގާލްގެ ނެމްޕަލީސް މެންޑީ މިސްރުގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މިސްރުން ވެސް ލަނޑެއް ޖެހުމަށް މެޗުގައި ވަރަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި މިސްރުގެ މުހައްމަދު އަބްދުލް މޮނެމް ބޮލުން ފޮނުވާލި ބޯޅަ ސެނެގާލްގެ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުމުން، ނަތީޖާ ނެރުމަށްޓަކައި 15 މިނެޓުގެ ދެ ހާފު ވަނި ކުޅެފައެވެ.
އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފު ނިމުނު އިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުމަށް ދެން ޖެހީ ޕެނެލްޓީއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސެނެގާލުން ވަނީ ހަތަރު ޕެނެލްޓީ ކާމިޔާބުކޮށްފައެވެ. މިސްރަށް ކާމިޔާބުކުރެވުނި ދެ ޕެނެލްޓީއެވެ. ސެނެގާލްގެ ޕެނެލްޓީތައް ކާމިޔާބުކުރީ، ކައުލިބަލީ، ޑިއާލޯ، ޑިއެންގް އަދި މާނޭއެވެ. ބައުނާ ސަރް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. މިސްރުގެ ދެ ޕެނަލްޓީ ކާމިޔާބުކުރި ޒިޒޯ އަދި މަރްވަން ހަމްޑީ އެވެ. އަބްދުލް މޮނެމް އަދި ލަޝިންގެ ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.