މިއީ ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ނަތީޖާ, ނުފޫޒެއް ނުފޯރުވަން: ރާޝިދު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބްކުރެއްވި ރާޝިދު އޭނާގެ ސަޕޯޓަރުންނާ އެކު ---

ކޮމަންޑޫ ދާއިރާގެ ނަތީޖާއިން ފެނުނީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ނަތީޖާ ކަމަށް އެ އިންތިހާބު ކާމިޔާބްކުރެއްވި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރަޝީދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭނާއަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ, 1،161 ވޯޓެވެ.

ދުއިސައްތައެއްހާ ވޯޓުގެ ތަފާތުން އެމްޑީޕީން އެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު, އިދިކޮޅުން ވަނީ ސަރުކާރުން ވަރަށް ބޮޑަށް އެ ވޯޓަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ސަރުކާރުން އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފައިވާ ކަމަށް. ދެން ރައިސުލްޖުމްހޫރިއްޔާ މިތަނަށް ވަޑައިގަތުމަކީ އެއީ ސަރުކާރުން ނުފޫޒު ފޯރުވުމެއް ނޫން," އިންޚާބު ކާމިޔާބު ކުރެއްވި ރާޝިދު ވިދާޅުވިއެވެ.

މިއަދުގެ ވޯޓުން ފެނުނީ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެމްޑީޕީގެ އާންމު މެންބަރުންނާ އެ ދާއިރާގެ ރައްޔިތުން ކުރި ބުރަ މަސައްކަތް ކަން ފާހަގަކުރައްވައި އެބޭފުޅުންނަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

"ދެން ހަމައެއާ އެކު މި ސަރުކާރުން ކުރިއަށްގެންދާ ބިޔަ ޕްރޮޖެކްޓްތަކުގެ ނަތިޖާ،"

"ދެން މިތާނގައި މިހިނގާ ޕްރޮޖެކްޓްތަކަކީ މި ސަރުކާރު އައި ފަހުން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ތަރުތީބުވެގެން ކުރިއަށްދާ ޕްރޮޖެކްޓްތަކެއް. ދެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުން އެއީ އެ ވިދާޅުވާ ނުފޫޒު ނަމަ އެއީ ނުފޫޒު. އަޅުގަނޑު ގަބޫލެއް ނުކުރަން," ރާޝިދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުގެ ކުރިން ވެސް އެ ދާއިރާގެ ތިން ރަށުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދިޔަކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ, އެއީ ނުފޫޒު ކަމަށްވަންޏާ ރައީސް ސޯލިހުގެ ދައުރު ފެށުނީއްސުރެ އެ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައި އޮތް ކަމަކަށް," ރާޝިދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނިމުނު ނަމަވެސް އެ ދާއިރާއަށް ހާއްސަކޮށްގެން ފަށާފައިވާ ޕްރޮޖެކްޓްތަކަށް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން ރާޝިދު ވަނީ ދެއްވާފައެވެ. އަދި ކުރިއަށް އިތުރު ޕްރޮޖެކްޓްތަކެއް ރާވާފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ. ކަނޑައަޅާފައިވާ ތާރީހުތަކުގައި އެ ޕްރޮޖެކްޓްތައް ފަށާނެ ކަމަށް ރާޝިދު ވިދާޅުވިއެވެ.

"މިއީ އިންތިހާބާ ދިމާކޮށް ފެށި ޕްރޮކެޖްޓްތަކެއް ނޫން. މަތިކޮމަންޑޫ ގުޅުވާލުމުގެ ޕްރޮޖެކްޓް އިންތިހާބާ ދިމާވީ. އެކަމަކީ ރައީސް ސޯލިހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތް ޕްރޮކެޖްޓެއް," ރާޝިދު ވިދާޅުވިއެވެ.

comment ކޮމެންޓް