ސަރުކާރުގެ ސައިޒު ދައްކާލައި, ރާޝިދު ކޮމަންޑޫ ގޮނޑި ކާމިޔާބުކޮށްފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުހައްމަދު ރާޝިދު ----

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބުކޮށް ސަރުކާރުގެ ސައިޒް ދައްކާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު, އެ ދާއިރާގައި ވަނީ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރާއި އިދިކޮޅުގެ ގިނަ ސިޔާސީ އިސް ބޭފުޅުންތަކެއް އެ ދާއިރާގެ ތިން ރަށަށް ވަޑައިގެންފައިވާއިރު ގިނަ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. އެގޮތުން, އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާގެ ތިން ރަށަށް އަމާޒުކޮށްގެން ބޮޑެތި ޕްރޮޖެކްޓްތަކެއް ފަށާފައިވާއިރު އެކަން އިދިކޮޅުން ސިފަކޮށްފައިވަނީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކެއްގެ ގޮތުގައެވެ.

އެކަމަށް ރައީސް އިބްރާހިމް މުހުއްމަދު ސޯލިހު ވެސް ވަނީ ސިދާ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ, އިދިކޮޅުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

comment ކޮމެންޓް