ގާނޫނަކުން ބޮލަށް ބަޑި ޖަހަން ފެށިޔަސް "އިންޑިއާ އައުޓް" ގޮވުން ދެނެއް ނުހުއްޓުވޭނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ފޮޓޯ/ ސަން

ހަރުކަށި ގާނޫނުތައް ހަދައިގެން އަނިޔާކޮށް ބޮލަށް ބަޑިޖަހަން ފެށިޔަސް "އިންޑިއާ އައުޓް" ގޮވުން، ދިވެހީން ދެނެއް ހުއްޓައެއް ނުލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވިއިރު، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ގާނޫނެއް ހެދުމަށް ޓަކައި ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.

އެ ޑްރާފްޓްގައިވާ ގޮތުން ނަމަ ބޭރު ގައުމެއްގެ އަޅުވެތިކަން ނޫނީ މިލިޓަރީ އަދި އިގްތިސޯދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ތާށި ވެފައިވާކަން ދެއްކުމަށް ޓަކައި ވަކި ގައުމަކާ ދެކޮޅުވެރިވެ، ސިޔާސީ ހަރަކާތް ހިންގުމަކީ ގާނޫނީ ކުށެކެވެ.

އެފަދަ ކަމެއް ކޮށްފި ނަމަ އެމީހަކަށް ލިބޭނެ އަދަބުތަކުގެ ގޮތުގައި ޑްރާފްޓްގައި ހިމަނާފައިވަނީ 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އަދި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމެވެ.

މި ޑްރާފްޓާ ގުޅިގެން އުމަރު "ސަން"އަށް ވިދާޅުވީ އެ ބިލަކީ އިންޑިއާގެ ވެރިރަށް ދިއްލީގެ އޯޑަރަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އެ ކުރަނީ ސަރުކާރު ތެރޭގައި ތިބި ދިއްލީން ޖަހާހާ ބެރަކަށް ނަށާ މީހުން ކަމަށް ވިދާޅުވިއެވެ.

"ދިއްލީން ފައިސާ ފޮނުވީމަ އެ ފައިސާގައި ސިޔާސީ ހަރަކާތް ހިންގާ މީހުން ތިކަން ތިޔަ ކުރަނީ. އެހެންވީމަ ތިޔަ ބިލަށް އަޅުގަނޑު ކިޔަނީ "ދިއްލީ ބިލް" އަސްލުގަ،" އުމަރު ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ އެ ބިލްގެ ސަބަބުން "އިންޑިއާ އައުޓް" ކެންޕެއިނަށް ކުޑަވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އޭގެ ބަދަލުގައި އިންޑިއާ އައުޓޭ ގޮވަމުން މުޒާހަރާއަށް ނުކުންނަ މީހުން ހައްތާހާ ވާނީ އިތުރު ކަމަށެވެ.

"ކިހިނެއް ތިކަން ކުރާނީ. ތިއީ ދިވެހީންގެ މުޅި މިނިވަންކަމާ ގުޅިފައިވާ ކަމެއް. އެހެންވީމަ ދިވެހީން އިންޑިއާ އައުޓް ގޮވާނެ. ބަޑި ޖެހިޔަސް ގޮވާނެ. ޖަލަށް ލިޔަސް ގޮވާނެ. ކޮންމެ ކަމެއް ކުރިޔަސް ދިވެހީން އެހެން ގޮވާނެ،" އުމަރު ވިދާޅުވިއެވެ.

"އެހެންވީމަ ދިއްލީ ބިލުގެ ސަބަބުން ދިއްލީ ކުދިން އިތުރަށް ފަޟީހަތް ވުން ނޫން އެހެން އެއްވެސް ނަތީޖާއެއް އެ ބިލުން ނުނިކުންނާނެ. އެކަމަށް ފިޔަވަޅެއް ނުވެސް އެޅޭނެ. ހަމަ އަތަށް ގޮވާނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ތަކަކީ އެތައް ޒަމާނެއް ކުރީއްސުރެ، އޮންނަ ގުޅުމެއް ކަމަށާއި ނަމަވެސް ދިވެހިން ނުކުމެ އިންޑިއާ އައުޓޭ އެ ދުވަސްވަރު ނުގޮވާ ކަމަށެވެ.

އިންޑިއާ އައުޓް ކެންޕެއިންގެ ސަބަބުން ދާޚިލީ ގުޅުން ތަކަށް ބުރޫ އަރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވާއިރު އުމަރު ވިދާޅުވީ އެ ވާހަކަ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެކަން ފެށުނު ޕޮއިންޓަކީ އިންޑިއާ ސިފައިން ރާއްޖެއަށް އެރުން ކަމަށެވެ.

"އޭގެ ފަހުން އިންޑިއާ އައުޓޭ ގޮވަން މި ފެށުނީ. ދެން އޭގެ ފަހުން ތިބޭނީ ގޮވާ މީހުންނާ ގައު އުކާ މީހުންނާ ބަޑިޖަހާ މީހުންނާ ކަނޑި އުކާ މީހުންނާ މި މީހުންތައް އަންނަނީ އޭގެ ފަހުން. އެހެންވީމަ ފުރަތަމަ ފެށުމަކީ އިންޑިއާ ސިފައިން ރާއްޖެއަށް އެރި އެރުން. އެއީ ފެށުމަކީ. އެއީ ގުޅުމަށް ބުރޫ އެރި ހިސާބަކީ،" އުމަރު ވިދާޅުވިއެވެ.

"އިންޑިއާ ސިފައިން ރާއްޖެއަށް އައުން އެއީ ބުރޫ އެރި ޕޮއިންޓަކީ. އެހެންވީމަ އެކަން މިހާރު ވެސް ނިމުމަކަށް ގެނައީމަ ދެން ބުރުލެއް ނާރާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ބޮޑެތި ގައުމު ތަކުން ކުދި ގައުމުތައް ޖަހައިގަންނަނީ ކިހިނަކުންކަން ދިވެހީންނަށް މިހާރު އެބަ އެނގޭ ކަމަށާއި އެކަން ނޭނގި ތިބޭނީ ވަރަށް މަދު ބައެއް ކަމަށެވެ.

ރާއްޖެއަށް އަރައި އަތް ގަދަ ކުރުމުގެ ތާރީހެއް ވެސް އިންޑިއާގެ އެބަ އޮތްކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ އެގޮތުން މަލާބާރީންނާއި ޕިޗޯރީންނަކީ ވެސް އިންޑިއާ ސަރަހައްދަކުން އައި މީހުން ކަމަށެވެ.

އުމަރު ވިދާޅުވީ އެފަދަ ގާނޫނެއް އޮތަސް، އަދި ނެތަސް އިންޑިއާ މިލިޓަރީ އައުޓޭ ގޮވާނެ ކަމަށެވެ. އަދި ވިދާޅުވީ އެހެން ނުގޮވައި ދެއަތް ފުރަގަހަށް ލައިގެން ކުޅި ބަލަން ހުންނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ޓީވީ ތަކާއި ޕޯޑިއަމް ތަކުގައި ވެސް ހަރުއަޑުން އިންޑިއާ އައުޓޭ ގޮވާނެ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތްތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް