އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށާއި އެ ގައުމުގެ އުޅޭ ދިވެހިންނަށް ގެއްލުންވާ ކަމުގެ މައުލޫމާތު ލިބޭތީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް މުހައްމަދު ނަޝީދު, ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅުއްވައިފިއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ, އެ މައްސަލަ ރައީސް ނަޝީދު 241 ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
"އެ ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމާތައް ނުރައްކާވެ އަދި އެކަމުގެ ސަބަބުން އިންޑިއާގައި އުޅޭ ވަރަށް ގިނަ ދިވަހިންނަށް ނުރައްކާވާ ކަމުގެ މައުލޫމާތު ލިބޭތީވެ އެކަންކަން ބައްލަވައިދެއްވުން އެދި ރައީސް އެދިވަޑައިގެންފައިވަނީ," ޒިޔާއު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން، އިންޑިއާއާ ދެކޮޅަށް ހިންގަމުން އަންނަ ހަރަކާތަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ކެމްޕެއިނުގެ ސަބަބުން ދިވެހިންނަށް ވާނީ ގެއްލުން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެގޮތަށް ގައުމުތަކާ ޖެހިގަތުމުން ލިބިފައިވާ ގެއްލުންތައް ދުނިޔޭގެ ތާރީހުން ފެންނަން އެބަހުރި ކަމަށެވެ. އަދި މިއީ މިނިވަންކަން ގެއްލުމަށް ހުށަހެޅިދާ ފަދަ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވައިފައެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް އެމްޑީޕީއިން މިހާރު ވަނީ ފަށައިފައެވެ.