ހިފާފައިވާ ގުދްސު (29 ޖަނަވަރީ 2022) : އަރަބި ގައުމުތަކަށް ކުރިން އާންމުކޮށް ސްނޯ ނުފައިބާ މިންވަރަށް މިއަހަރުގެ ފިނި މޫސުމުގައި މާ ބޯކޮށް ސްނޯ ވެހެމުން އެބަދެއެވެ.
އާދަޔާ ޚިލާފަށް ސްނޯ ވެހެމުންދާ އަރަބި ގައުމުތަކުގެ ތެރޭގައި ސޫރިޔާ، ފަލަސްތީން، ލުބްނާން، އުރުދުން، އިރާގު، މިސްރު، އަދި ސައޫދީ އަރަބިޔާގެ އުތުރުގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ. ސޫރިޔާގެ އުތުރުގެ ސަރަހައްދު ތަކަކީ ކުރިންވެސް އާންމުކޮށް ސްނޯ ވެހޭ ގައުމެކެވެ.

ސޫރިޔާގެ ރެފިއުޖީ ފޭލިގެތައް ސްނޯ އިން ފޮރުވިފައި
ނަމަވެސް މިއަހަރުގެ ފިނި މޫސުމުގައި ޚާއްސަކޮށް ފާއިތުވި ހަފްތާގައި ސޫރިޔާގެ އުތުރާ އަދި އެގައުމުގެ އެކި ސަރަހައްދުތަކަށް ސްނޯ ވެހިފައިވަނީ އާދަޔާ ޚިލާފަށް ގިނަކޮށެވެ. ދިރިއުޅުމަށް ދަތިވެ ނިކަމެތިކޮށް އުޅެންޖެހިފައިވާ މީހުން ފިނިގަދަވެގެން ވޭންއުފުލައި އަދި ހާލުދެރަވެ މަރުވާ މިންވަރަށެވެ.
މިހާ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބަކީ ޝާމް ކަރައާއި އަނަތޯލިޔާ ސަރަހައްދާއި މެޑިޓަރޭނިއަން ކަނޑުގެ އިރު އުތުރަށް މިދިޔަ ހަފްތާގައި ކުރިމަތިވި ލޯ ޕްރެޝަރ ޓްރަފެއް ކަމަށް އެސަރަހައްދުގެ ގައުމުތަކުގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އަރަބި ގައުމުތަކުގެ އުތުރުން ތުރުކީއާއި ގްރީސް އަށްވެސްވަނީ ވަރަށް ބޯކޮށް ސްނޯ ފައިބާފައެވެ.

ގަދަ ފިނީގައި ސޫރިޔާގެ ރެފިއުޖީންގެ ކުއްޖަކު
ސޫރިޔާއަކީ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްތަކާއި އަވަށްތައް އެއްކޮށް ފަނާވެ ވީރާނާވެ ފަޅުވެފައި އަދި ރައްޔިތުންގެ ގިނަ ބަޔަކު ވަރަށް ދަތި ހާލުގައި ރެފިއުޖީ ފޭލިގެތަކެއްގައި ކަރަންޓްގެ އެއްވެސް ވަސީލަތެއްނެތި ވޭނުގައި ދިރިއުޅެން ޖެހިފައިވާ ގައުމެކެވެ. އެހެންކަމުން ސްނޯ ފޭބުމުގެ ސަބަބުން އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަންޖެހިފައިވަނީ ސޫރިޔާގެ އުތުރުގައިވާ ރެފިއުޖީ ފޭލިގެތަކުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެން ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީ އާއިލާތަކަށެވެ.

ސޫރިޔާގެ ރެފިއުޖީން ސްނޯގެ ގަދަ ފިނީގައި އެމީހުންގެ ދަރިންނާއެކު
ފިނި ހޫނުމިން މައިނަސް ފަހަކަށް ވުރެ ދަށަށް ދިޔުމާ އަދި ގަދައަށް ސްނޯ ފޭބުމާއެކު ތަހައްމަލް ކުރަންޖެހޭ ގަދަ ފިނީގެ ސަބަބުން އެ ފޭލިގެތަކުގައި ދިރިއުޅޭ މީހުން ގެންދަނީ ހޫނުކުރާނެ އެއްވެސް ވަސީލަތެއްނެތި ގަދަ ފިނި ތަހައްމަލް ކުރަންޖެހުމުގެ ސަބަބުން އެހީގެ އަތެއް ފޯރުކޮށް ދިނުމަށް ގޮވާލާ މުޅި ދުނިޔެއަށް އާދޭސް ކުރަމުންނެވެ. މި ގަދަ ފިންޏާއެކު ރެފިއުޖީ ކޭންޕްތަކުން އިވެމުންދަނީ ކުޑަކުދިން ރުއިމުގެ އަޑާއި ދުވަސް މުސްކުޅިންގެ ކެކުޅުމުގެ އަޑުތައް ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.
ޚަބަރުތަކާއި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ އުތުރުގައި ސްނޯއިން ފޮރުވިފައިވާ ރެފިއުޖީ ކޭންމްތަކުން ކޮންމެ ދުވަހަކު ފިނީގެ ސަބަބުން އެތަށް ކުޑަކުދިންނެއް މަރުވެއެވެ. އިއްޔެވެސް ތުއްތު 8 ކުއްޖަކު ފިނީގެ ސަބަބުން ހަށިގަނޑު ގަނޑުވެގެން މަރުވެފައިވެއެވެ.

އުރުދުން ގެ ސަރަހައްދުތައް ސްނޯ އިން ފުރިފައި
ފަލަސްތީނާއި އުރުދުން އަށް ބަލާއިރު އެދެގައުމުގެ މަގުތައް ވަނީ ސްނޯގެ ބަންދުވެ ދަތުރުފަތުރުކުރުން ހުއްޓިފައެވެ. މިއާއެކު ގިނަ ވިޔަފާރިތަކާއި ސްކޫލްތައްވަނީ ބަންދުކޮށްފައެވެ. އިސްރާއީލު ވެރިވެގެނެގެން އުލޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްތަކާއި ގުދްސުގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ސަރަހައްދުވަނީ ގާތްގަނޑަކަށް އެއްފޫޓާއި ދޮޅު ފޫޓާ ދެމެދުގެ ބޯ މިނުގައި ސްނޯއިން ފުރިފައެވެ. ނަމަވެސް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިން ގެންދަނީ ފިނީގައި ބޭރަށް ނުކުމެ ސުނޯގެ ތެރޭގައި މަޖާކުރަމުންނެވެ.
މިއަހަރު ސްނީ ވެހެމުންދަނީ މިދިޔަ އަހަރު ސްނޯ ވެހުނު ވަރަށްވުރެވެސް ބޯކޮށް ކަމަށް ފަލަސްތީނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. ސްނޯގެ އިތުރުން އަރަބި ގައުމުތަކަށް މިއަހަރުގެ ފިނި މޫސުމުގައިވަނީ ވަރަށް ބޯކޮށް ވަރޭވެސް ވެހިފައެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވި އަރަބި ގައުމުތަކުގެ ތެރޭގައި ކުވައިތު، ސައޫދީ އަރަބިއާ، އުމާން އަދި މިސްރާއި ލިބިއާގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.