ވައި ނުސާފުވާތީ ބޭރަށް ނުކުންނައިރު ސަމާލުވާން އިލްތިމާސްކޮށްފި

މާލޭގެ ވައި ނުސާފުވެފައި -- ސަން ފައިލް ފޮޓޯ

ވައި ނުސާފުވާ މިންވަރު ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް މެދުވެރިކޮށް ވައި ނުސާފު މިންވަރަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.

އެ އެޖެންސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް ދީފައެވެ.

އެ ގޮތުން، މެދުމިނަށް ވައި ނުސާފުވާ (ރީނދޫ ސަމާލުގެ) ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެ އެޖެންސީން ބުންޏެވެ. އެހެންވެ، އެ ފަދަ ދުވަސްތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުން ބޭރުގައި ނޫޅޭން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އިލްތިމާސްކުރީ:

  • ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
  • ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި 'އެން96' ނުވަތަ އެފަދަ މާސްކު އެޅުން
  • ބޭރުގެ ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • އެއާ ޕިއުރިފައިއާ ބޭނުންކުރުން

މީގެ އިތުރުން، އޮރެންޖު ސަމާލުގެ ހާލަތުގައި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެ އެޖެންސީން ވަނީ ސިއްޚަތައް ނުރަނގަޅު ރަތް ސަމާލުގެ ހާލަތުގައި ސިއްޚީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑު ކަމަށް ބުނެފައެވެ.

އަނެއްކާ ވެސް މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާން ފަށާފައިވާ ކަމަށް ކަމަށް ރިކޯޑުތަކުން ވަނީ ދައްކާފައެވެ.

https://sun.mv/202415

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީގެ މިންވަރު ހުރީ 159 ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދަށް ވައި ނުސާފުވާން ފަށާފައިވާ ކަމަށް އެ ސިސްޓަމުން ދައްކައެވެ. އިއްޔެ މި ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 61 ގައެވެ.

comment ކޮމެންޓް