ވިއްސާރައަށް ފަހު އަނެއްކާވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު މާލޭގެ ބޮޑު ސަރަހައްދަކަށް ވަނީ ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައެވެ. އެއަށްފަހު މިއަދު ވެސް މި ސަރަހައްދުގައި ވަނީ ވައި ނުސާފުވެފައެވެ.
މެޓް އޮފީހުން "ސަން"އަށް ބުނީ, އެއިރެކޭ އެއްގޮތަށް މިހާރުވެސް ކުރަމުން އަންނަނީ އިރުވައި މޫސުމުގެ ހޭޒްގެ އަސަރުކަމަށެވެ.
ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
މެޓް އޮފީހުން ބުނީ މިދިޔަ ހަފުތާގައި ހޭޒްގެ އަސަރު ކުޑަވީ ވިއްސާރަވުމާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ވިއްސާރަ އަލިވުމުގެ ސަބަބުން މިހާރު އަނެއްކާވެސް ހޭޒްގެ އަސަރު ކުރަން ފަށައިފައިވާ ކަމަށާއި އެންމެ ބޮޑަށް އަސަރު ކުރަމުން ދަނީ އުތުރުގެ ބައެއް ރަށްތަކަށާއި މެދު ރާއްޖެތެރެއަށް ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެ ތެރެއިން، މާލޭގައި ވައިނުސާފުވުމުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާކަން މެޓް އޮފީހުން ފާހަގަކުރިއެވެ. އެގޮތުން އާންމު ހާލަތްތަކުގައި 10 ކިލޯމީޓަރަށް ފެންނައިރު މިހާރު ދުރުމިން ފެންނަވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައި ކަމަށާއި ވަރަށް މަދުން ނޫނީ އެހާ ވަރަށް ދަށްނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ވައި ސާފު ވާނީ ހޮނިހިރު ދުވަހަށް ފަހުގައެވެ. އެހެންނަމަވެސް ވައި އެއްކޮށް ސާފުވާނެ ދުވަހެއް ލަފާކުރަން ދަތިކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މާލެއަށް ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެ އޭޖެންސީން ވަނީ ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށާއި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ނުސާފު ވައިން ރައްކާތެރިވުމަށް އެއާ ޕިއުރިފަޔާ ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.