ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފިކަމަށް ފުލުހުން ބުނެފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުންދާ އެ އިމާރާތަކީ ކުދިން ބޭތިއްބުމަށް އެކަށޭނަ ތަނެއް ނޫންކަމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ބުނެފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކުޑަ ކުދިންގެ ހިޔާގެ ވެރިން ޒިންމާދާރުކުރުވުމަށް ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ހާދިސާތަކާ ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އެދުމުގެ މަތިން ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށެވެ.
"އެ މައްސަލައިގެ ތަހުގީގު ފެށިގެން ކުރިއަށްދަނީ. މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައި ވަނީ އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި ކުޑަކުދިންގެ ހިޔާ ހިންގަމުންދަނީ އެތަނުގައި ތިބި ކުޑަކުދިންގެ ދިރިހުރުމުގެ ހައްގާއި ހެދިބޮޑުވުމުގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް ކަމަށެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު ވަނީ ހަތަރު ފަހަރު ލިފާނުގެ ހާދިސާ ހިނގާފައެވެ.
އެންމެ ފަހުން އެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޖެއްގެ ކޮޓަރީގައެވެ. މި ހާދިސާއަކީ އެތަނުގައި ދިރިއުޅޭ ކުއްޖަކު އަމިއްލައަށް ކުރި ކަމެއް ކަމަށް ތުހުމެތު ކުރެވެއެވެ. އެ ކުއްޖާ އެކަން ކުރިއިރު، އެކަން ހުއްޓުވުމަށްޓަކައި އެއްވެސް މަސައްކަތެއް ނުކޮށް އެތަނުގެ މުވައްޒަފުން އެމަންޒަރު ބަލަން ހިމޭނުން ތިބި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.