ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް އެމްޑީޕީ އަށް ސޮއިކުރައްވައިފި

14:30

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ރޭ އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ ނާޒިމް ރަޝާދު ސޮއި ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަސައްކަތުގައި ނާޒިމް ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އަދި އެމްޑީޕީ އަށް ނާޒިމް ރަޝާދު ސޮއިކުރެއްވީ އެމްޑީޕީގެ އެދުމުގެ މަތިން ތޯ ނުވަތަ އަމިއްލައަށް ގުޅިވަޑައިގަތީ ތޯ ދެންނެވުމުން ޝާހު ވިދާޅުވީ އެސުވާލު ނާޒިމް އާ ކުރެއްވުމަށެވެ. ޝާހު އިތުރަށް ވިދާޅުވީ އެޕާޓީން އަބަދުވެސް މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން ނާޒިމް އަށް ގުޅާލުމުން ފޯނު ބިޒީ ކޮށްލެއްވުމުން ނާޒިމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނާޒިމް އެމްޑީޕީ އަށް ސޮއިކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ތުޅާދޫ އަކީ އެމްޑީޕީއާ ވަރަށް ގާތްގުޅުމެއް އޮންނަ ރަށެއް ކަމަށާއި، އެހެންކަމުން އެރަށުގެ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ނާޒިމް ރަޝާދު އެނިންމެވި ނިންމެވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ނާޒިމް ރަޝާދަކީ މީގެ ކުރިންވެސް އެމްޑީޕީއާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑީޕީއަކީ މިހާރު އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެވަނައިގައި އުޅޭ ޑިއާރުޕީއަށް ވުރެ 113 މެންބަރުން މިވަގުތު އެމްޑީޕީގައި ގިނަ އެވެ. އެމްޑީޕީގެ ޖުމަލް މެންބަރުންގެ އަދަދު ތިރީސް ހަތް ހާސް ނުވަސަތޭކަ ފަންސަވީހުގައި އުޅޭއިރު، ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ ތިރީސް ހަތް ހާސް އަށް ސަތޭކަ ބާރަ އެވެ.

comment ކޮމެންޓް