ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ޕީޕީއެމުން ވަކިވެވަޑައިގެން ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ޖޭޕީ އޮފީސް ހުންނަ މ. ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުސެން މަނިކް އެ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު އޭނާ އިހްސާސް ކުރަމުންދިޔައީ ވަރަށް ނިކަމެތި ގޮތްތަކެއް ކަމަށާއި ސަރުކާރު މެންބަރެއްގެ ގޮތުގައި ހުންނެވީ ދާއިރާގެ ރައްޔިތުންނަށް ހޮޔެ ގޮތްތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ޖުމްހުރީ ޕާޓީއަށް ގުޅެން ބޭނުންވީ މުސްތަގްބަލަށްޓަކައި. މުސްތަގްބަލް އޮތީ ޖުމްހޫރީ ޕާޓީގައި. މުސްތަގްބަލް އޮތީ އެމްޑީޕީގައި މުސްތަގްބަލް ހުރީ ދެންވެސް ހުރު ޕާޓީތަކުގައި. ހަމަ ގައިމު ވެސް ޕީޕީއެމްގެ މުސްތަގްބަލެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމަށް ވެރިކަން ހޯއްދަވައި ދެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކޮށް ހުސައިން މަނިކު ވިދާޅުވީ، އެއްވެސް މީހަކަށް އޭނާ ހަރާން ކޯރު ނުވާނެ ކަމަށެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިމާޔާތްކޮށް ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ހުސައިން މަނިކު ވިދާޅުވި އެވެ.
ހުސައިން މަނިކުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވެސް މިރޭ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.