ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުވުމަކީ ލިބުނު ކާމިޔާބީއެއް: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް: ޔާމީން ރަޝީދު މަރާލިކަމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުވުމަކީ ލިބުނު ކާމިޔާބެއް ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމަކީ އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވެ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލުމަށާއި ގިސާސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހްމަދު ޒިހާންއަކީ, ޔާމީން ރަޝީދު މަރާލުމުގެ އަމަލުގައި އަމަލީގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުން ކަމަށެވެ.

"މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މި އޮފީހުން ދެކެން," ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒުއާއި، މ. ތާއިފް، އިސްމާއީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ.

އެ ހަތަރު މީހުންނަކީވެސް ޔާމީން ރަޝީދު މަރާލުމުގެ އަމަލު ރޭވުމުގައާއި، އެކަން ތަންފީޒްކުރުމުގައި އެކި މިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެއްކާއި ގަރީނާއިން އެނގޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

"މި ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވާތީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް މި އޮފީހުގެ އެބައޮތް," ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިމައްސަލައިގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން، އެ ރިޕޯޓް ދިރާސާކުރުމަށްފަހު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މިބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ދެކޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނެ ކަމުގެ ޔަގީންކަން ވެސް ޕީޖީ އޮފީހުން ވަނީ ދީފައެވެ.

comment ކޮމެންޓް