މީގެ ހަތަރު އަހަރު ކުރިން، ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރާލިކަން ސާބިތުވި ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް، އެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، މަރަން ހުކުމްކޮށްފައިވަނީ މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމްގޭ މުހައްމަދު މާޒިންއެވެ. މި ދެ މީހުންގެ ފަރާތުން، އެ މީހުން މަރަން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
މީގެ ހަތަރު އަހަރު ކުރިން، ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މީހާގެ މައްސަލަ ވެސް އޮތީ ހައިކޯޓުގައެވެ. އެއީ، ގއ. މާމެންދޫ ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްސަލައެވެ. އެ މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުންނެވެ.
ނަމަވެސް، ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ ކަމާ ގުޅިގެން ޝަރަފުގެ މައްޗަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމެކެވެ.
ފެބްރުއަރީ އަށެއް، 2021ގައި ހިނގި އެ މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު ވެސް ޒަޚަމުކޮށްފައިވެއެވެ. އޭނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.
މި މައްސަލައިގައި ކުށް ސާބިތުވީ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ބޭއްވި އަޑުއެހުމުގައި އުދައްޔުގެ މަންމައާއި ބައްޕަ ބުނީ، އެ މީހުންނަށް ދޭން ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
"ހަމަ މަރަށް މަރު މަ ބޭނުމީ، ނަފުސަކަށް ނަފުސެއް މަ ބޭނުމީ،" އުދައްޔުގެ މަންމަ ޝަރީއަތުގައި ބުންޏެވެ.
އުދައްޔުގެ މަރާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ވަނީ ކުރިން ކުށް ސާބިތުވެފައެވެ. އެ ކުއްޖާ 25 އަހަރަށް ޖަލަށްލާން ކުރިން އޮތީ ހުކުމްކޮށްފައެވެ.