ކުޑަރިކިއްޔަށް ޑޮކްޓަރަކު ހަމަޖައްސައިފި

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ގިނަވެފައިވާ ބ. ކުޑަރިކިއްޔަށް ވަގުތީ ޑޮކްޓަރެއް ހަމަޖައްސައި މިއަދު އެރަށަށް ފޮނުވަން ނިންމައިފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ނާޝިދު "ސަން" އަށް ވިދާޅުވީ، ވަގުތީ ޑޮކްޓަރު މިއަދު މެންދުރުފަހު އެރަށަށް ދާނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން އެ އަންނަނީ. ބޭރުން އައި ޑޮކްޓަރެއް އެއީ،" ނާޝިދު ވިދާޅުވިއެވެ.

ޑޮކްޓަރެއް ނެތުމުން ރައްޔިތުން ނުކުމެ އިއްޔެ ވަނީ އެ ރަށު ސިއްހީ މަރުކަޒު ބަންދުކޮށްފައެވެ. މުޒާހަރާ ކުރި މީހުން، މިވަގުތު ވެސް ސިއްހީ މަރުކަޒު ގޯތިތެރޭގައި މަޑުކޮށްލައިގެން އެބަ ތިބިކަމަށް ނާޝިދު ވިދާޅުވިއެވެ.

"މުޒާހަރާ ކުރަން ތިބި ބޭފުޅުންނާ ކައުންސިލުން ގޮސް ވާހަކަ ދައްކައިގެން، މަރުކަޒު ހުޅުވާލެވިފަ މިހާރު ހުރީ، ހިދުމަތް ދިނުމަށް،" ނާޝިދު ވިދާޅުވިއެވެ.

މިއަދު އެރަށަށް ދަނީ، މީގެ ކުރިން ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރި ޑޮކްޓަރެއް ކަމަށާއި، އިތުރު އެހެން މައުލޫމާތެއް އަދި ލިބިފައި ނެތް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ

"ސަން" އަށް އެނގިފައި ވާގޮތުން، މިއަދު ޑޮކްޓަރު ރާއްޖެ އައި ނަމަވެސް، ޕީސީއާރް ޓެސްޓް ހަދައި، ހުރިހާ ކަމެއް ނިމުމަށް ފަހު، ޑޮކްޓަރަށް ހިދުމަށް ދޭން ފެށޭވަރު ވާނީ ދެ ދުވަހެއްގެ ތެރޭގައެވެ.

https://sun.mv/161124

ކުޑަރިކިލަށް ފޮނުވަނީ މިވަގުތު އެންމެ އަވަހަށް، އެންމެ ފަސޭހައިން ލިބެން ހުރި ޑޮކްޓަރު ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް