ކުޑަރިކިލު ރައްޔިތުން ރަތަށް، ޑޮކްޓަރު މައްސަލައިގައި ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފި

ކުޑަރިކިލު ސިއްހީ މަރުކަޒުގައި ތަޅު އަޅުވައި ރައްޔިތުން ނުރުހުން ފާޅު ކުރަނީ --

ބ. ކުޑަރިކިލުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ގިނަވެފައިވާއިރު، އެ ރަށުގައި ޑޮކްޓަރެއްނެތި ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒުގައި ތަޅުއަޅުވައި މުޒާހަރާ ކޮށްފިއެވެ.

ރާއްޖޭގައި މި ދުވަސްވަރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އެ ރަށުގައި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އަދި އެ ރަށުގައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިބްވެފައިވާއިރު އަށް މީހަކު ކަރަންޓީނުގައި އެބަތިއްބެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "ސަން"އަށް މިއަދު ވިދާޅުވީ ޑޮކްޓަރެއް ނެތި މިހާރު ދިހަވަރަކަށް ދުވަސް ވެދާނެ ކަމަށާއި، މިއަދު ޑޮކްޓަރު ރަށަށް އަންްނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ޑޮކްޓަރެއް ނެތުމުން ކުޑަރިކިލު ރައްޔިތުންވަނީ ނުރުުން ފާޅުކޮށްފަ --

"އެހެންނަމަވެސް އަޅުގަނޑަށް މިއަދު މައުލޫމާތު ލިބިއްޖެ ޑޮކްޓަރު މާލެ އަންނަނީ މިއަދު ތިނެއް ޖަހާއިރުކަމަށް. އެހެންވީމަ މި ބަލަނީ ޑޮކްޓަރު މާދަމާ ރަށަށް އަންނާނެ ކަމަށް،" ހަންނާން ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ ރޯގާ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖެހިފައިވާ ކަމަށެވެ. އަދި މި ހާލަތުގައި ޑޮކްޓަރެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަރިކިލުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިޔަ އިރު ވެސް ރަށުގައި ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ފެތުރެން ފަށާފައިވާކަމަށް ހަންނާން ވިދާޅުވިއެވެ. އަދި ރަށުގެ ހާލަތު އެގޮތަށް އޮއްވައި، ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އަތޮޅު ހޮސްޕިޓަލުން ރަށަށް ޑޮކްޓަރެއް ހަމަޖައްސައި ނުދީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ރަށުގައި ޑޮކްޓަރެއް ނެތުމުން ޑޮކްޓަރަށް ދައްކަމުންދަނީ އޮންލައިންކޮށެވެ. އެގޮތުން އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި އައިޖީއެމްއެޗަށް ވެސް އެގޮތަށް ޑޮކްޓަރަށް ދައްކައިފައިވެއެވެ.

ކުޑަރިކިލު ރައްޔިތުން ސިއްހީ މަރުކަޒު ކައިރީގައި އަޑު އުފުލަނީ --

ކުޑަރިކިލުގައި މިހާރު ދިރިއުޅޭ 400 މީހުންގެ ތެރެއިން، ކޮންމެ ދުވަހަކު އެވްރެޖްކޮށް ހަ ވަރަކަށް ކުޑަކުދިން ބޭރަށް ހިންގުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާ ކަމަށް ހަންނާން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ކުޑަރިކިލަށް ޑޮކްޓަރެއް ހަމަޖެހޭނެ ކަމަށެވެ.

comment ކޮމެންޓް