ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފި

ސެޓެލައިޓް ސުކޫލުގައި ދަރިވަރުން ކިޔަވަނީ --- ފޮޓޯ/ ސޯޝަލް މީޑިއާ

ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށް، ހުރަވީ ސްކޫލާއި ބ. ފެހެންދޫ ސްކޫލުގައެވެ.

ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

ނައިބު ރައީސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ހުރަވީ ސްކޫލުގައި ހުންނަވައިގެންނެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވާނީ ފެހެންދޫ ސްކޫލުގައި ހުންނަވައިގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކިޔަވައިދޭން ފަށާފައިވަނީ ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައެވެ.

ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ. ހުރަވީ ސުކޫލުގެ މުދައްރިސުން މެދުވެރިކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

އާބާދީ މަދުވުމުގެ ސަބަބުން ފުރަތަމަ ފެހެންދޫ ސުކޫލު ބަންދުކުރީ 2008 ވަނަ އަހަރުގައެެވެ.

comment ކޮމެންޓް