ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗު ހޮޅުދޫ އެފްސީން ކާމިޔާބުކޮށްފި

ނ. ހޮޅުދޫ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

މި ސަރުކާރުން ނ. ހޮޅުދޫގައި ގާއިމްކުރި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން މާލޭ ސޮކާ ވެޓަރެންސް ސްޕޯޓްސް ކުލަބާއި ހޮޅުދޫ އެފްސީ ކުޅުނު މެޗު ހޮޅުދޫ އެފްސީން ކާމިޔާބުކޮށްފިއެވެ.

ދަނޑު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުގައި ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް އަޅައިދޭނެ ކަމަށް ވައުދުވެލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ޔޫތު މިނިސްތަރު އަހުމަދު މަހްލޫފާއި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ހޮޅުދޫ އެފްސީއާ ދެކޮޅަށް ކުޅުނު ސޮކާ ވެޓަރެންސް ޓީމުގައި ރާއްޖޭގެ ފުޓުބޯޅައިގެ މައިދާނުގައި ތަޖުރިބާކާރު ކޯޗުންނާއި މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ވެސް ކުޅުނެވެ. މި ރަސްމިއްޔާތުގައި މާލޭ ސޮކާ ވެޓަރެންސް ކުލަބުން ހޮޅުދޫގައި އޮންނަ ފުޓުބޯޅަ އެކަޑެމީ، މައި ޔުޓައިލް ސްޕޯޓްސް އެކަޑެމީ(އެމްޔޫއެސްއޭ)އަށް ވަނީ ބޯޅަތަކެއް ހަދިޔާކޮށްދީފައެވެ.

ނ. ހޮޅުދޫ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

މިއަދު ހަވީރު ކުޅުނު މެޗު ހޮޅުދޫ އެފްސީން ކާމިޔާބުކުރީ 1-3ގެ ނަތީޖާއިން ވެޓަރެންސް މައްޗަށް ކުރި ހޯދައިގެންނެވެ. ހޮޅުދޫ އެފްސީއަށް ތިން ލަނޑު ވެސް ކާމިޔާބުކޮށްދީފައިވަނީ މައި ޔުޓައިލް ސްޕޯޓްސް އެކަޑެމީގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ހޮޅުދޫ އެފްސީން ލީޑު ނެގިއެވެ. އެޓީމަށް 20 އަހަރު ވަންދެން މެދު ނުކެނޑި ކުޅެމުން އަންނަ ނޫނު އަތޮޅުގެ ފުޓުބޯޅައިގައި އެންމެ ނަން ވިދާ މޫސާ އިބްރާހިމް(މުސްތަޓޭ) ނަގައިދިން ހުރަހަކުން ޒުވާން އަހުމަދު ހާތިމް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ.

ނ. ހޮޅުދޫ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ / ރައީސް އޮފީސް

ދެވަނަ ހާފުގައި ހޮޅުދޫއަށް ލީޑު ފުޅާކޮށްދިނީ މުސްތަޓޭ ނަގައިދިން ހިތްގައިމު ހުރަހަކުން އަނެއްކާވެސް ހާތިމް ގޯލު ޖެހިއެވެ. މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ހޮޅުދޫ ޓީމުން އަނެއްކާވެސް ލަނޑު ޖެހިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ހޮޅުދޫގެ އެކަޑެމީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް މުހައްމަދު ޝާބިންއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެޓަރެންސަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމުން ފޮނުވާލި ޕެނަލްޓީ ހޮޅުދޫ ޓީމުގެ އިތުބާރު ހިފޭ ކީޕަރު އަލީ ޒާއިދު ވަނީ ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓުފަހުން މީގެ ކުރިން ވިކްްޓްރީއަށް ކުޅުނު އަނިލް ވެޓަރެންސަށް ގޯލު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 1-3 އަކަށް ބަދަލުކުރިއެވެ.

މިއަދު ކުޅުނު މެޗުގައި މަހުލޫފާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ވެސް ކުޅުނީ ހޮޅުދޫ އެފްސީއަށެވެ.

މި ދަތުރުގައި މިނިސްޓަރު މަހުލޫފް ވަނީ ދަނޑުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ރަށުގެ ޒުވާނުންނާއި މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ޗޭޖިން ރޫމާއި ލައިޓިން ސިްސްޓަމާއި ސިޑިބަރި ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިހޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދުގެ މެންދުރުފަހު ވަކިވަކީން ވަނީ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މޭނާ ސްކޫލް މިހާރު ދެ ކެމްޕަހެއްގެ ގޮތުގައި ހިންގަމުން ދާތީ ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލްގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހޮޅުދޫ ރައްޔިތުން ވަނީ ތަރައްޤީއާގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުޅިވަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތާއި ގުޅޭ ގޮތުން އެ ބޭފުޅުން ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ގެ ތަރައްޤީއަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް