އާ އަހަރަށް ހުޅުމާލޭގައި ހަވާ އަރުވަނީ

ރާޅުގަނޑު ސަރަހައްދުގައި ހަވާ އެރުވި ރަސްމިއްޔާތެއްގެ ތެރެއިން -- ސަން ފޮޓޯ

އާ އަހަރު ފެށުމުގެ މުނާސަބަތުގައި މާދަމާ ރޭ ހުޅުމާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މާދަމާ ރޭ ހަވާ އަރުވާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި، 23:59ގައި ކަމަށެވެ.

މި ހިނގަމުންދާ އަހަރު ފެށުމާ ދިމާކޮށް މާލޭގައި ހަވާ އެރުވުން ކުރިއަށްނުގެންދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު 31ގައި އެެމްއެންޑީއެފްގެ "ސިފްކޯ" އިން ވިޔަފާރި އުސޫލުން 43 ރިސޯޓެއްގައި ހަވާ އެރުވިއެވެ.

އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން "މަރުހަބާވީސް"ގެ ނަމުގައި މާދަމާ ރޭ 8:30 ގައި ހުޅުމާލޭ ދުވާ ޓްރެކްގައި ޝޯއެއް ބާއްވާނެކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެ ޝޯއިން ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ އާއި ދިވެހި ފަންނާނުން ފެނިގެންދާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެ ޝޯއަކީ އުރީދޫ، ދިރާގު، މޯލްޑިވިއަން، ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އެސްޓީއޯ އަދި ޓޫރިޒަމް މިނިސްޓްރީގެ ބައިވެރިވުމާއެކު ޔޫތު މިނިސްޓްރީން ބާއްވާ ޝޯއެކެވެ.

comment ކޮމެންޓް