އާއިލާއިން އެދިގެން ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި ---

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ހުކުމް އިއްވަން މި މަހަށް ތާވަލް ކުރި ނަމަވެސް އާއިލާއިން އެދިގެން ފަސްކޮށްފިއެވެ.

އޭޕްރިލް 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ސްޕެޓީއުލާ ގޭ ސިޑި ކައިރި އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ, މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ދެ ފަރާތުން ހުލާސާ ބަޔާން އިއްވި އެ އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ, 30 ދުވަސް ތެރޭގައި ހުކުމް ކުރައްވާނެ ކަމަށެވެ.

ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެކަމަށް ގަނޫނުގައި ވެސް ވަނީ ބުނެފައެވެ.

ނަމަވެސް ކުރިން އެކުލަވާލި ތާވަލަށް ބަދަލު ގެނެސް ހުކުމްކުރުން ލަސްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ. އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ, ހުކުމް އިއްވެވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ލަސްކޮށްފައިވަނީ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރިނުވެވޭނެތީ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުރިހާ އަޑުއެހުމަކަށް ވެސް އޭނާގެ އާއިލާގެ ފަރާތުން މީހުން ދެއެވެ. އަދި ޔާމީން ރަޝީދަށް ހަމަލާ ދިން ގޮތުގެ ތަފްސީލް ކިޔައިދިން ޝަރީއަތުގެ އަޑުއެހުމެއްގައި އޭނާގެ އާއިލާގެ މީހަކު ވަނީ އަޑުން އަޑުނަގައި ރޮއިފައެވެ. އެ އަޑުއެހުން ކުޑަވަގުތުކޮޅަކަށް މަދުކަނޑާލުމަށްފަހު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުން ނިކުމެފައެވެ.

މީގެ ކުރިންވެސް މައްސަލަ ނިންމެވުމަށް މި މައްސަލަ ބެއްލެވި ގާޒީން ތާވަލް ކޮށްފައިވެއެވެ. މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ އަކީ މި މައްސަލަ ބައްލަވާ ތިންވަނަ ގާޒީއެވެ. މީގެ ކުރިން މައްސަލަ ބެއްލެވީ މިހާރުގެ ސުޕްރީމް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން މިހާރު އިސްތިއުފާ ދެއްވާފައިވާ ގާޒީ އިބްރާހީމް އަލީއެވެ.

comment ކޮމެންޓް