ކަހައިފި ނަމަ ހިތި ފިލުވާށެވެ!

ބިދޭސީއަކު މަގުމަތީގައި ގާ އެތުރުމުގައި-- ސަން ފައިލް ފޮޓޯ

އެކުވެރިޔަކު ގުޅާލައިފައި އޮއްވާ ފެނުމުން ގުޅައިލީމެވެ. ސަމާސާ ބޮޑު އެކުވެރިއެއްކަމުން، އޭނާއާ ވާހަކަދައްކަން ފެށީ، އޭނާއާ ގުޅޭ ގޮތަށެވެ. ސަމާސާ ރާގުގައެވެ. އެހެންނަމަވެސް މި ފަހަރު އެކުވެރިޔާގެ ދުލުކުރީގައި ވަނީ ޝަކުވާގެ ލަފުޒުތަކެކެވެ. އަޑާއި ރާގުގައި ވެސް ހުރީ އެ ފަދަ ރަހައެކެވެ. އޭނާގެ ކަންބޮޑުވުން ހިއްސާކުރިއެވެ. އޭނާ ވާހަކަ ދެއްކީ އޭނާއާއި އެހެން އެތައް ބަޔަކަށް ދަތިވަމުން ދިޔަ ކަމަކާމެދުގައެވެ.

އެ ގޭދޮށު މަގުގައި ކޮންމެވެސް މަސައްކަތެއް ކުރުމަށް ބަޔަކު އައިސް، ދާދިފަހުން ރެއެއްގެ ދަންވަރުގެ ވަގުތުގައި، މަގުގެ އެއްފަރާތުން، ކޮޅުންކޮޅަށް ބޮޑު ތަންގަނޑެއް ކޮނެލައިފިއެވެ. އޭނާ ބުނާހެން ކޮންނާން ޖެހުނީމާ ވާނީ ކޮންނާށެވެ. މާލޭގެ މަގުތަކަކީ، އެތައް ނަމެއްގެ ހޮޅިއާއި އެކި ނަންނަމުގެ ނަރާއި ކޭބަލް ވަޅުލާފައި ހުރި މަގުތަކެކެވެ. އެއިން ކޮންމެ އެއްޗަކަށް މައްސަލައެއް ދިމާވިޔަސް، ނުވަތަ އާ ހޮޅިއެއް، އާ ކޭބަލެއް އަޅާންޖެހުނަސް، ޖެހޭނީ ކޮންނާށެވެ. އެހެން ގޮތެއް ނޯންނާނެއެވެ.

މާލޭގެ މަގުތަކާއި ގޯޅިތައް ހަދާފައި މި ހުންނަނީ، ގާ އަތުރައިގެންނެވެ. މަގު ކޮންނަ މީހުން ފުރަތަމަ ކަމަކަށް ކުރާންޖެހޭ ކަމަކީ، ކޮންނާން ބޭނުންވާ ސަރަޙައްދުގައި އަތުރާފައި ހުރި ގާތައް ނެގުމެވެ. ކޮނެވޭނީ އޭގެ ފަހުންނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާނީ އެއަށްފަހުގައެވެ. މައްސަލަ ހައްލުކުރުމަށްފަހު، ކޮނުނު ތަނަށް ފަސްއަޅައި، ފަސްބާރުކޮށް، ނެގި ގާތައް އަތުރާން ޖެހޭނެއެވެ. މަސައްކަތް ނިމޭނީ އެހައި ހިސާބުންނެވެ.

އެކުވެރިޔާގެ ޝަކުވާ ފެށެނީ، މަސައްކަތްކުރާ ފަރާތްތަކުން، މަސައްކަތް ނިންމާފައި އެނބުރި ދާއިރު، ކަންކޮށްފައި އޮންނަ ގޮތާ ހިސާބުންނެވެ. ނުލާހިކު ރީތިކޮށް އެއްވަރަށް ގާ އަތުރައިގެން ހަދާފައި އޮތް މަގެއް ކޮނެ، އެ ކުރިކަމެއް ކޮށްފައި އެނބުރި ދިޔަ އިރު، އެ ތަން އޮތީ އޮންނާނެ ގޮތަކަށެވެ. ހީވަނީ މަގަށް ކުޑަވަރެއްގެ ބިންހެލުމެއް އައިސްފައި އޮތްހެންނެވެ. ފަސްގަނޑު އެއްވަރުކޮށްލާފައެއް ނެތެވެ. ފަސްތައް ބާރުކޮށްފައެއް ނެތެވެ. ނުލާހިކު ރީތިކޮށް ތަރުތީބުން އަތުރާފައި ހުރި ގާތަށް ވެސް ހުރީ، ފާޑަކަށް އެ ތަނަށް އުކާލާފައި ހުރި ކަހަލަ ގޮތަކަށެވެ. ތަރުތީބެއް ހަމައެއް ނެތެވެ. ގާތައް ހެލޭ ދަތްޕިލައެއްގެ ދަތްތަކެއް ފަދައެވެ. ދެ ދުވަހެއް ތިން ދުވެހެއް ވާއިރު، ހުންނާނީ ބޮޑެތި ވަޅުގަނޑުތައް ހެދިފައެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް، އެތައް ތަކުލީފެއް އުފުލާން ޖެހިފައެވެ. އެ އޮތް ހިތްފަސޭހަކޮށް، ރީތިކޮށް އޮތް މަގު، ދަތި އުނދަގޫ މަގަކަށް ހަދައިލީއެވެ.

އޭނާގެ ވާހަކަ ނިންމާލީ، މިއީ ދެން ކިހައި ދެރަވަރު ކަމެއްހޭ ބުނަމުންނެވެ. ސިޓީކައުންސިލުން ކަމަށް ވިޔަސް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށް ވިޔަސް، އެހެން މުވައްސަސާއަކުން ކަމަށް ވިޔަސް، ޒިންމާ ނަގަން ޖެހޭ ބަޔަކު، މިހާރަށްވުރެ ރަނގަޅަށް މި ފަދަ ކަންކަން ބަލާންޖެހޭނެ ނޫންހޭ ބުނަމުންނެވެ. މަސައްކަތް ކުރާން އަންނަ ބިދޭސީ ކުދިންކޮޅު، ކުރާނެ ގޮތަކަށް ކޮށްފައި ދިޔާމައި، އެހައި ހިސާބުން މައްސަލަ ހައްލުވީ ކަމަށް ބަލައިގެން ނުވާނެއެވެ. އެއް ކަމެއް ހައްލުވާއިރު، އެއަށްވުރެ ބޮޑު އަނެއް މައްސަލަ ނަގައި ކޮޅަށް ޖެހުމުން، މައްސަލަ ހައްލުވީ ހެއްޔެވެ؟

އަޅުގަނޑަށް ޖެހުނީ އެކުވެރިޔާގެ ވާހަކައަށް ސަތޭކައިން ސަތޭކަ ދޭށެވެ. އެ މީހަކު ކެހި ކަނޑުލެއްގެ ހިތި، އެ މީހަކު ފިލުވާން ޖެހޭނެއެވެ. ހަމަ އެގޮތަށް، ރަނގަޅަށް ހިތި ފިލުވިތޯ ބަލާނެ ބަޔަކު ވެސް މިހާރު ތިބޭން ޖެހެއެވެ. އެހެނޫނީ މި ފަދަ ކަންކަމުގެ ހުރިހައި ތަކުލީފެއް އުފުލާން ޖެހޭނީ، އާންމު ރައްޔިތުންނަށެވެ. މިއީ އެކުވެރިޔާގެ ގޭދޮށުގެ މަގުގެ އެކަނި ހާލަތެއް ނޫނެވެ. މިއީ މާލޭގެ އެތައް މަގަކަށް އައިސްފައިވާ ބިންހެލުމެކެވެ. ރީތިކޮށް ގާއަތުރައިގެން ހަދާފައި ހުންނަ މަގުތަކުގެ ހާލަތު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހައި ބޮޑަށް ގޯސްވާ މައިގަނޑު ސަބަބަކީ މި ކަންކަން ކުރެވޭ ގޮތެވެ.

މަގަކީ އެ ތަނެއްގައި ދިރިއުޅޭ މީހުންނާއި އެ ތަނަކަށް ޒިޔާރަތްކުރާ އެންމެން، ބޭނުންކުރާން އޮންނަ ތަނެކެވެ. އެހެންކަމުން އެ އެންމެންގެ ފަސޭހައަށް ޓަކައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާން ޖެހެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2014 އިން 2018 އަށް އެކުލަވާލާފައިވާ ބިޒްނަސް ޕްލޭންގައި، ތަޞައްވުރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރައްކާތެރި މުޖުތަމަޢެއް އެކުގައި ބިނާކުރުން" އެވެ. މި ތަޞައްވުރަށް ވާސިލުވުމަށް ޓަކައި މަގުމަތީގެ ރައްކާތެރިކަން ވަރަށް މުހިންމެވެ. މަގުމަތީގެ ރައްކާތެރިކަން ބިނާވެފައި އޮންނާނީ، މަގުތައް ބޭނުންކުރާ މީހުންގެ އަމަލުތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. މަގުތައް ކޮނެ ހަދާ ފަރާތްތައް، އެ ކަންކަން ކުރާގޮތަކީ ވެސް، މަގުތަކުގެ ރައްކާތެރިކަމާ ގުޅިފައި ހުރި ކަންކަމެވެ.

މި ފަދަ ކަންކަމާމެދު، ކަމާބެހޭ ފަރާތްތަކުން، މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ. މި ފަދަ މަސައްކަތްތައް ކޮށް ނިމުނީމާ، މަސައްކަތް ކުރުވާ ފަރާތުން އެ ތަނަކަށް ޒިޔާރަތްކޮށް، މަސައްކަތް ކޮށްފައި ހުރީ ރަނގަޅަށްތޯ ބަލާން ޖެހޭނެއެވެ. މަގުގެ ރައްކާތެރިކަން ކަށަވަރުކުރާން ޖެހޭނެއެވެ. މަގުތަކަކީ އެތައް ބަޔަކު އެތަނެއްގެ ޚިދުމަތް މެދުނުކެނޑި ހޯދަމުން އަންނަ ތަނެކެވެ. އެ ތަނާ ނުލައި ދިރިނޫޅެވޭނެ ތަނެކެވެ. އެހެންކަމުން މި ފަދަ މުހިންމު ތަނެއް އޮންނާން ވާނީ، ވީހާ ވެސް ތަކުލީފު ކުޑަކޮށް ޚިދުމަތް ހޯދޭނޭ ގޮތަށެވެ. ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ތަނެއްގެ ގޮތުގައެވެ.

comment ކޮމެންޓް