މާދަމާ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި "ކޮތަރު ކޮށި" ޖަލްސާ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން އެ ކޯލިޝަނުން ނިންމައިފިއެެވެ.
މި ޖަލްސާގައި މާލޭގައި ބާއްވަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމަށް އެ ކޯލިޝަނަށް ގިނަ ދަތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ފުލުހުންގެ ފަރާތުން ދަތިތައް ކުރިމަތިވުމާއެކުއެވެ.
އެއާއެކު މިއަދު ހަވީރު ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ އިސް ބޭފުޅުންވަނީ މީޑިއާއާ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފައިވާކަން ހާމަކޮށްފައެެވެ.
ޖަލްސާ އޮންނާނީ މާދަމާ ރޭ 08:30ގައެވެ. އަދި އެ ޕާޓީއާއި ރާއްޖޭގެ މިނިވަންކަމަށް ލޯބިކުރާ އެންމެހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީންވަނީ ދައުވަތު ދީފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ވަނީ މި ޖަލްސާއަށް ހުރަސް އަޅަނީ ސަރުކާރުން ގަސްދުގައިކަަމަށް ވިދާޅުވެފައެވެ. އަދި ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމް އިން ބާއްވާ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެ ސަރަހައްދުގައި ފުލުހުން ފޯރި މަރަން ފަށައިފައިވަނީ ރޭގައެވެ.
ޕީޕީއެމްގެ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނީ، އެ ސަރަހައްދުގައި ޖަލްސާ ބާއްވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި އެ ސަރަހައްދުގައި އެ ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނި ފަހުން ވެސް އެ ސަރަހައްދުގައި ޕީޕީއެމުން ޖަލްސާއަށް ތައްޔާރުވާން ފެށުމުންނެވެ.
އެޗްޑީސީން ހުއްދަ ނުދޭ ކަމަށް ބުނެފައިވަނިކޮށް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލުކޮށް، އެ ކައުންސިލްގެ ދަށަށް ގެންދިއުމަށް ނިންމައިފައެވެ.
ސިޓީ ކައުންސިލުން މިހެން ނިންމި ނަމަވެސް، އެޗްޑީސީން ވަނީ ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުން ހުއްޓުވުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.