ލިބުނު ފްލެޓް ނުލިބިފައި

ހިޔާ ފްލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން، އެތައް ބަޔަކަށް މި ފަހަރު ބޯހިޔާވަހިކަން ލިބުނެވެ. އެހެންނަމަވެސް ބުރަ މަސައްކަތްގަނޑަކާއެކު، ބޮޑު ބުރައެއް ބޮލަށް މެހިގެންނެވެ އެހެންކަމުން ލިބުނު އުފަލަށްވުރެ، ކުރިމަތިލާންޖެހުނު ކަންބޮޑުވުން ބޮޑުވިއެވެ. ބޮޑު ޚަރަދެއް ކޮށްގެން ނޫނީ، އެ ތަނަށް ވަދެވޭނެ ގޮތެއް ނެތްއިރު، އެ ފަދަ ޚަރަދެއް ކުރާނެހައި ފައިސާ ޖަމާގައި ނެތުމުންނެވެ. އާދައިގެ ގޮތަކަށް ހަދާލިޔަސް، ލައްކައަކަށްވުރެ ބޮޑު ޚަރަދެއް ހިނގާނެތީއެވެ.

ފްލެޓް ލިބުނުކަން އެނގުމާއެކު، ކޮންމެ މީހަކު ވެސް ވިސްނާންފެށީ، އެ ތަނުގައި ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމާލެވޭނެ ގޮތަކާމެދުގައެވެ. އެއް ބަޔަކު ދުއްވައިގަތީ ބޭންކްތަކާ ދިމާއަށެވެ. އަނެއް ބަޔަކު ތަނަވަސްކަން ހުރި އާއިލާގެ މީހެއް ނުވަތަ އެކުވެރިއަކާ ދިމާށެވެ. އަނެއް ބަޔަކު އުމުރުދުވަހު މަސައްކަތްކޮށްގެން، ފިއްތަފިއްތައިގެން އެއްކުރެވުނު ފައިސާކޮޅު ނަގައި ގުނައިލިއެވެ. ކޮންމެ މީހަކު ވެސް ބޭނުންވީ، ވީވަރެއް ކޮށްގެން އަވަހަށް ވަންނާށެވެ.

އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ހިޔާ ފްލެޓްގެ "ނަސީބުވެރިންގެ" އަތުގައި އޯގާވެރިކަމާއެކު ހިފިއެވެ. މަސް ދުވަސް، ދޮޅު މަސް ދުވަސް ތެރޭ މަސައްކަތް ނިންމައިދޭނެކަމުގެ ވަޢުދާއެކުގައެވެ. އެއް ބަޔަކަށްވުރެ އަނެއް ބަޔަކު އަގު ހެޔޮކޮށް، އަވަހަށް މަސައްކަތްތައް ނިންމައިދޭނޭކަމަށް ބުނެ، ތަފާތު މޮޅެތި ނަންނަމުގައި "ޕެކޭޖުތައް" ހަދައި، އިޝްތިހާރުކުރާން ފެށިއެވެ. އަމިއްލައަށް މަސައްކަތް ކުރެވެން ނެތް މީހުން، އެގޮތް މިގޮތުން ހޯދި ފައިސާކޮޅު މުށަށް ލައިގެން ގޮސް، މި ފަދަ ކޮންމެވެސް ފަރާތަކާ ހަވާލުކުރީ، ފޮނި ހުވަފެންތައް ދެކެމުންނެވެ.

މަސައްކަތާ ހަވާލުވި ގިނަ ފަރާތްތަކުން، މަސައްކަތް ނިންމާފައި ހަވާލުކުރާނެ ދުވަސް ވެސް، ޔަޤީންކަމާއެކެ ބުނެދިނެވެ. ދިން ޔަޤީންކަމަށް އިތުބާރުކޮށް، ކުއްޔަށް އުޅުނު ތަން ދޫކޮށްލުމަށް އެތައް ބަޔަކު ނޯޓިސްދިނެވެ. އެހެންނަމަވެސް އާޚިރު ނަތީޖާ ފޮންޏެއް ނުވިއެވެ. ދިން މުއްދަތު ފަހަނަޅައި ދިޔައިރު، މި ފަދަ ގިނަ ފްލެޓްތައް ހުރީ، ލިބުނު އިރު ވެސް ހުރި ގޮތަށެވެ. ބައެއް ތަންތަނަށް، މަސައްކަތާ ހަވާލުވި މީހުން ވަދެލިއެވެ. ބައެއް ތަންތަނަށް، މަސައްކަތްކުރާނެ ތަކެތި ގެންދިޔައެވެ. ބައެއް ތަންތާ މަސައްކަތް ފެށިއެވެ. ބުނި މުއްދަތަށް މަސައްކަތް ނިމިގެން، ބަދަލުވުމުގެ ނަސީބު ލިބުނީ މަދު އާއިލާއަކަށެވެ. ކުއްޔަށް އުޅުނު ތަނަށް ނޯޓިސް ދިން ގިނަ އާއިލާތަކަށް ޖެހުނީ، އެ ތަންތަނުން ނިކުންނާށެވެ. ވަންނާނެ ތަނެއް ނެތި މަގުމަތިވާށެވެ. ދުވަހު ކުއްޔަށް ދޭ ކޮޓަރި ނަގަން ޖެހުނު ޢާއިލާތައް ވެސް، މި މާލޭގައި އެބަ ދިރިއުޅެއެވެ.

ހިޔާ ފްލެޓުން ބޯހިޔާވަހިކަން ލިބުނު، ގާތް އެކުވެރިއަކަށް، ކަން ދިމާވި ގޮތް ހިއްސާކޮށްލާނަމެވެ. އޭނާ މަސައްކަތް ހަވާލުކުރީ، ނަން މަޝްހޫރު ބޮޑު ކުންފުންޏަކާއެވެ. އިޝްތިހާރަށް ބެލިއިރު، މަސައްކަތުގެ ފެންވަރު ރަނގަޅުވެފައި، މަސައްކަތް ރީތިވީމައެވެ. އެއް މަހާ 20 ދުވަސްތެރޭގައި މަސައްކަތް ނިންމައި ފްލެޓް ހަވާލުކުރާނޭކަމަށް ވެސް ބުނީމައެވެ. އެތައް ދުވަހަކު ކުރި ބުރަ މަސައްކަތުން ޖަމާވި ފައިސާކޮޅުން، އެޑްވާންސަށް ދޭންޖެހޭ 157000 (އެއްލައްކަ ފަންސާސް ހަތް ހާސް) ރުފިޔާ މި ދިޔަ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު، އެ ކުންފުންޏާ އޭނާ ހަވާލުކުރިއެވެ. ދުވަސް ގުނާންފެށީ އެ ދުވަހުން ފެށިގެންނެވެ.

ކުންފުނިން އެއްބަސްވީ އޮކްޓޯބަރު މަހުގެ 10 ގައި ފްލެޓްގެ މަސައްކަތް ނިންމާފައި ހަވާލުކުރާނޭ ކަމަށެވެ. އެ މީހުން ދިން ޔަޤީންކަމެއްގެ ބޮޑުކަމުން، އޭރު ކުއްޔަށް އުޅުނު ތަނުގެ ވެރިފަރާތަށް އޭނާ ވަނީ، އޮކްޓޯބަރުމަހުގެ ނިޔަލަށް އެ ތަން ހުސްކުރާނޭ ކަމަށް އަންގާފައެވެ. އެހެންނަމަވެސް ކަން ދިމާވީ ވަރަށް ހިތިކޮށެވެ. މުއްދަތު ހަމަވެ، އުޅެމުން އައި ތަނުން ނިކުނާންޖެހުނު އިރު ވެސް، ފްލެޓް ހުރީ ހަމަ ހުރިގޮތަށެވެ. އެ އާއިލާ ވެސް މަގުމަތިވީއެވެ.

އެއް މަހާއި 20 ދުވަހުން ނިންމާން އެއްބަސްވި މަސައްކަތަށް، ހަތަރު މަސް ވަނީއެވެ. އަދިވެސް ނުނިމެއެވެ. މުސްކުޅި މަންމައާއި ބައްޕައާއި ދަރިންކޮޅު ގޮވައިގެން، އާއިލާ މީހަކު އުޅޭ ތަނެއްގެ ކޮޓަރިއެއްގައި ދުވަސްތައް ހޭދަކުރަމުން އޭނާ އެ ގެންދަނީ، ދަތި އުނދަގޫ ހާލަތެއްގައެވެ. ބައެއްގެ އޮޅުވާލުމާއި މަކަރުވެރިކަމުގެ ސަބަބުން، މިއީ ޢާއިލާއަކަށް ލިބުނު ކިހައި ބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟ ފޯނުކުރިޔަސް، ކުންފުނީގެ ވެރިއަކާ ބައްދަލެއް ނުވެއެވެ.

މި ކަމުގައި ދިމާވާ އަނެއް މައްސަލައަކީ، އިސްތިހާރުގައި ދައްކާފައި ހުންން ގޮތާ، މަސައްކަތުގެ ފެންވަރާ ދިމާނުވުމެވެ. މިއީ ވެސް ގިނަ ބަޔެއްގެ ޝަކުވާއެކެވެ. ފޮޓޯތަކުން ދައްކަނީ ކިތަންމެ ހައި ވެސް ފުރިހަމަ ތަންތަނެވެ. އަގު ނަގަނީ އެ ފެންވަރަށް ހަދައިދޭނޭކަމަށް ވަޢުދުވެފައެވެ. އެހެންނަމަވެސް ނިމޭއިރު ހުންނަނީ އުޑާ ބިމާހައި ތަފާތުކޮށެވެ. ގިނަ ފަހަރު މިހެން ވަނީ މަސައްކަތް ނަގާ ފަރާތުން، ކޮންމެވެސް އެހެން ބަޔަކާ މަސައްކަތް ހަވާލުކޮށްފައި، ކުރާނުކުރާ ގޮތް ބަލައި ވެސް ނުލާތީއެވެ. ބައެއް ތަންތާގައި ތިންވަނަ ޕާޓިން، ހަތަރުވަނަ ޕާޓިން ވެސް އެބަ މަސައްކަތްކުރެއެވެ. ޕާޓީއޭ ކިޔަސް ގިނަ ތަންތާގައި މަސައްކަތް ކުރަނީ، މަގުމަތިން ނަގައި، ހޭޑިފޭޑިއެއް ނެތް ދެތިން ބަންގާޅީއެކެވެ.

މި ކަހަލަ ކަންކަން މި ދުވަސްވަރު ތަޖުރިބާކުރަމުން ދަނީ، އެންމެ ޢާއިލާއެއް ދެ އާއިލާއެއް ނޫނެވެ. އެތައް އާއިލާއެކެވެ. މަސައްކަތްކުރާ ފަރާތްތަކުން ފައިސާގެ ދަހިވެތިކަމުގައި، ނުވާވަރަށް މަސައްކަތްތައް ހޯދައި، އެޑްވާންސަށް އެތައް ލައްކަ ފައިސާއެއް ނަގައިގެން، މީސްމީހުންނަށް މި ދެނީ ކިހައި ބޮޑެތި ކެހިތަކެއް ހެއްޔެވެ؟ ބައެއް މީހުން، އެތައް ބަޔެއްގެ އަތުން، ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން، މަސައްކަތް ނުކޮށް ފިލައިގެން ދާ ވާހަކައަކީ ވެސް، ތޯތޯ ވާހަކައެއް ނޫނެވެ. ހިންގާ ބޮޑެތި ޖަރީމާތަކެވެ.

މިހިރަ ކަންކަމަކީ ކުދިކުދި ކަންކަމެއް ނޫނެވެ. އެތައް އާއިލާއެއްގެ މުސްތަޤުބަލާ ގުޅިފައި ހުރި ބޮޑެތި މައްސަލަތަކެވެ. މި ފަދަ ކަންކަން މި ގޮތަށް ކުރާއިރު، މާދަމާއެއް އޮތްކަމާމެދު ވެސް ވިސްނައިލަބަލާށެވެ! ތިޔަ ހެދެނީ ގޯހެކެވެ. ނުހަނު ބޮޑު ގޯހެކެވެ. ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދެވެނީއެވެ. އެތައް ބަޔެއްގެ ޙައްޤުތައް ނިގުޅައިގަނެވެނީއެވެ. ޓެކުމުގެ ބޮޑު ފާފައަށް އަރައިގަނެވެނީއެވެ. ލޯބިވާ އާއިލާއަށް އަލިފާން ކާންދެވެނީއެވެ. އަދި ކޮބައިތޯއެވެ؟ އިޚުލާސްތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރާ ފަރާތްތައް ވެސް ބަދުނާމު ވަނީއެވެ. އެ ބަޔެއްގެ ޙައްޤު އެ ބަޔަކަށް އަވަހަށް އަދާކޮށް، ތައުބާވުމަށް އަވަސްވެގަންނާށެވެ! ސަލާމަތްވުން އޮތީ އެ ގޮތުގައެވެ.

comment ކޮމެންޓް