މި ދެވެނީ ކޮން ދިމާޔަކަށް، ކޮން މަންޒިލަކަށް؟

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިހަކަށް ދުވަހު މީޑިއާއިން ފެނުނު ޚަބަރަކީ މާލޭގެ މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކު، އޭނާގެ އަމިއްލަ ކޮއްކޮ ވެސް ހިމެނޭ ގޮތުން ފަނަރަ އަންހެން ކުދީން ރޭޕް ކުރިކަމުގެ ޚަބަރެވެ. ސަން އޮންލައިނުގައި ރިޕޯޓު ކޮށްފައި އޮތް ގޮތުން، މި ބިރުވެރި ޖަރީމާތައް ހިންގި ކުއްޖާ ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ހިމެނޭ ސްކްރީންޝޮޓްތަކެއް މީސްމީޑިއާއަށް ފެތުރިފައި ވާއިރު، އޭނާ ކުރި ކަމަށް ބުނެވޭ ކުށްތަކުގެ ވާހަކައާ އެކު، ބަދުއަޚްލާޤީ އެތައް ވާހަކައެއް އެ ސްކްރީންޝޮޓްތަކުގައި ހިމެނެއެވެ. ކުރުކޮށް ދަންނަވަންޏާ، ހާމަ ވި މަޢުލޫމާތު އިޝާރާތް ކުރަނީ އެ ކުއްޖާ އަކީ އިންސާނީވަންތަކަން މުޅީން ގެއްލުމާ ހަމަޔަށް ގޮސްފައި ވާ ކުއްޖެއް ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ކުރީން، ރައްޔިތުންގެ މަޖިލިހޭ ކިޔައިފައި އޮންނަ ތަނުގެ ޖަލްސާއަކަށް ހާޒިރު ވެ، ސިއްހަތާ ބެހޭ ވަޒީރުގެ މަގާމުގައި ހުރި އަހުމަދު ނަސީމު ދިން މައުލޫމާތާއި ދެއްކި ވާހަކަތަކުގައި ބުނެފައި ވާ ގޮތުން، ރާއްޖެއަށް އެތެރެ ކުރާ މަސްތުވާ ތަކެތީގެ ވައްތަރުތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އޭގެ ތެރެއިން ގިނަ ވައްތަރުތައް އަންނަނީ "ދޮން މީހުންގެ ޔޫރަޕުން" ކަން ވެސް ޝައުގުވެރިކަމާ އެކު ފާހަގަ ކޮށްލެވެއެވެ. އެކަން ފާހަގަ ކޮށްލާން މި ޖެހެނީ، ޑިމެގޯގަރީގެ ޝައިޠާނީ އުކުޅުތަކުގެ ތެރެއިން، ބުއްދި އާއި ޟަމީރަށް ފައިން އަރައިފައި، ދިވެހި ޤައުމު ފަނާގެ އަނދިރިކަމަށް ގެންދާން އުޅޭ "ލީޑަރުން" އަޅުގަނޑުމެން "އުޅޭން ވާނީ ދޮން މީހުން އުޅޭ ގޮތަށޭ" ބުނެ އަޑު އިއްވަމުން ދާތީއެވެ. އަހުމަދު ނަސީމުގެ ވާހަކައިގައި ބުނެފައި ވާ ގޮތުން، މަސްތު ވާ ތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ބިރުވެރި އަދި އެންމެ ނުރައްކައުތެރި އެއް ބާވަތް ކަމަށް ވާ މެތަމްފެޓަމިން ނުވަތަ "މެތު" ދިވެހިރާއްޖެއިން ހިލޭ ލިބެއެވެ. މިއީ ރީތިކޮށް ހުންނަ އިންސާނަކަށް ނަފްސާނީ ގޮތުންނާއި ނުމާއްދީ އެކިއެކި ގޮތްގޮތުން ދޭ ގެއްލުންތަކުގެ އިތުރުން، މީހާގެ މާއްދީ ސޫރަ ވެސް ފުރޭތައެއްގެ ސޫރަޔަށް ބަދަލު ކޮށްލާ ޒަހަރެކެވެ. ނަސީމު ރައްޔިތުންގެ މަޖިލިހާ މި މައުލޫމާތު ހިއްސާ ކުރުމުގެ ދުވަސްކޮޅެއް ކުރީން، ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށް ވާ "ހޭންޑްސް ޓުގެދަރ" ގެ ފަރާތުން އެ މަޖިލިހަށް ވަނީ "ޗޭންޖް އެންޑީއޭ" ގެ ނަމުގައި ޕެޓިޝަނެއް ވެސް ހުށައަޅައިފައެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ، މަސްތު ވާ ތަކެތި ބޭނުން ކުރުން މަދު ކޮށް ހުއްޓުވުމުގެ ޤާނޫނީ ތަންފީޛީ މަސްއޫލިއްޔަތުތައް ޙަވާލު ކުރެވިފައި ވާ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިޞްލާޙު ކުރުމަށް ޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ދެން އެހެން ވާހަކައެކެވެ! މި ހިނގާ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ސަން އޮންލައިނުގައި އޮތް ރިޕޯޓެއްގެ ސުރުޚީ އަކީ "އެއިޑްސް ބަލި ރާއްޖޭގެ ބޮޑު ބަޔަކަށް ފެތުރިދާނޭކަމުގެ ބިރު" މިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ އަލްފާޟިލް ޢަބްދުލްޙަމީދާ ޙަވާލާ ދީ، ރިޕޯޓުގައި ބުނެފައި ވަނީ، ރާއްޖޭގައި އެޗްއައިވީ އާއި އެއިޑްސް ބަލި ފެތުރުމުގެ އެއް ސަބަބަކީ އެޗްއައިވީ ޖެހިފައި ހުރި މީހެއްގެ ލޭ، ޓެސްޓު ނުކޮށް އެހެން މީހެއްގެ ގަޔަށް އެޅުން ކަމަށެވެ. ދެވަނަ ކަމަކަށް އޭނާ ފާހަގަ ކުރެއްވި ކަމަށް އޮތީ، "ރައްކައުތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ނުވަތަ އެއްވެސް ހުރަހަކާ ނުލައި ނޫނީ ހުރަސް ބޭނުން ކުރާން ވާ ގޮތް ނޫން ގޮތަކަށް ބޭނުން" ކޮށްގެން ޖިންސީ ގުޅުން ހިންގުމެވެ. އާދެ، އެކި ގޮތްގޮތަށް ޢިބާރާތް ކުރައްވައިގެން އެޗްޕީއޭގެ އޮފިޝަލް އެ ވިދާޅުވާ ވާހަކައަކީ، ޢިއްފަތްތެރިކަމުގެ ބުރުގާ އެއްލައިލައި، ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރެއްވި ގޮތްގޮތަށް ފާޙިޝް ޖިންސީ ގުޅުންތައް ހިންގައި ޒިނޭ ކުރާ ވާހަކައެވެ. މިއީ ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިޔަސް، އަޅުގަނޑުގެ ވިސްނުމުގެ ނިޔާއަށް ފެންނަ ގޮތުގައި، މިއީ ދިވެހިރާއްޖޭގައި އެޗްއައިވީ އާއި އެއިޑްސް ބަލި ފަތުރާ މައިގަނޑު ސަބަބެވެ. އަދި ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ބޮޑު ބަޔަކަށް އެޗްއައިވީ ފެތުރެންޏާ، އެކަން ވާނީ ވެސް ހޮސްޕިޓަލްތަކުން ލޭ އެޅުމުގެ ތެރޭގައި ކަމަކަށް ނުބެލެވެއެވެ. އެކަން ވިއްޔާ ވާނީ ވެސް، ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ ތެރޭގައި ޢާއްމު ވަމުންދާ ފާޙިޝް ޢަމަލުތަކުގެ ސަބަބުންނެވެ. ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ބަޔަކަށް ވަމުންދާ ޒިނޭ އާއި ފާޙިޝް ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މީޑިއާއިން ފެނުނު ރިޕޯޓެއްގައި، ދިވެހި ކުދީންގެ ތެރެއިން 80 އިންސައްތަ ވަރަކަށް ކުދީން، ޢުމުރުން ސަތާރަ އަހަރު ވުމުގެ ކުރީން، ފުރަތަމަ "ޖިންސީ ތަޖުރިބާ" ކުރާ ކަމަށް ވެސް ލިޔެފައި އޮއްވައި ދާދި ފަހުންފެނުނެވެ.

މި ވަނީ ކިހިނެއްތޯއެވެ؟

އަޅުގަނޑުމެންގެ ޅަދަރީންނަށް ހެޔޮ ތަރުބިއްޔަތާއި ހަރުދަނާ ތަޢުލީމު ދިނުމަށް ޓަކައި، ދިވެހި ރައްޔިތުން އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހޭދަ ކޮށްގެން މަދަރުސާތަކެއް އެބަ ހިންގައެވެ. ކޮންމެ ކުއްޖަކުހެން، އެ މަދަރުސާތަކުގެ ނިޒާމުގެ ތެރޭގައި އެތައް އަހަރަކު އެބަ ގެންގުޅެވެއެވެ. އެ ތަންތަނުގައި، ވަރުވަރުގެ ޑިގްރީ ފާސްތައް ނަގައިގެން، އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، ޤާބިލުކަމުގެ ބެޖު ޖަހައިގެން ތިބި ނާޒިރުންނާއި މުދައްރިސުންނާއި އޮފިޝަލުންތައް އެބަ މަސައްކަތް ކުރެއެވެ. މަސްތު ވާ ތަކެތީގެ މައްސަލަ ޙައްލު ކުރުމަށޭ ކިޔައިފައި އަޅުގަނޑުމެން ފުލުހުންގެ ތެރޭގައި އެކަމަށް ޚާއްޞަ ޑިވިޜަނެއް އުފައްދައިފީމުއެވެ. ތަންފީޛީ ބާރުގެ ތެރޭގައި ނެޝަނަލް ޑްރަގް އޭޖެންސީ އެހެރީއެވެ. މަސްތު ވާ ތަކެތީގެ މައްސަލަ ޙައްލު ކުރުމުގެ ނިޒާމުގެ ބައެއްގެ ގޮތުގައި، ޑްރަގް ކޯޓުގެ ނަމުގައި ޚާއްޞަ ކޯޓެއް އުފައްދައިފީމުއެވެ. މި ނިޒާމަށް ވެސް އަހަރަކު އެތައް މިލިޔަން ރުފިޔާއެއް އެބަ ހޭދަ ކުރެވެއެވެ. އެކަމަކު ނަތީޖާއެއް ނެތެވެ.

މި ވަނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންނަށް މި ދެވެނީ ކޮން ދިމާޔަކަށްތޯއެވެ؟ މި ދެވޭ މިޞްރާބުން، މި ހިނގޭ މަގުން ކުރިޔަށް ގޮސް އަޅުގަނޑުމެންނަށް ވާޞިލު ވެވޭނީ ކޮން މަންޒިލަކަށްތޯއެވެ؟ ޖަމާޢަތެއްގެ ގޮތުގައި، މުޖުތަމަޢެއްގެ ގޮތުގައި، ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ މުސްތަޤުބަލާ މެދު އޮތް އުއްމީދަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެންގެ ތެރޭގައި ފެތުރި ޢާއްމު ވަމުން މި ދަނީ އާދައިގެ ގޯސްތަކެއް ނޫނެވެ. މިއީ ވަކިވަކި ފަރުދުންނާއި، މުޅި މުޖުތަމަޢާއި، މުޅި ޤައުމު ބިރުވެރި ހަލާކެއްގެ ތެރެއަށް ބޯކޮޅު ވަތަށް ވައްޓައިލާނޭ ޝައިޠާނީ ބަލިތަކެކެވެ. މިސާލަކަށް، ފަނަރަ އަންހެން ކުދީން ރޭޕް ކުރި ކަމަށް ބުނެވޭ ކުއްޖާގެ މައްސަލައާ މެދު ވިސްނަމާ ހިންގަވާށެވެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެއީ ވެސް، އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ފަދައިން، ފިޠުރަތުގެ ސާފުކަންމަތީގައި، މަޢުޞޫމު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އައި ކުއްޖެކެވެ. އެ ކުއްޖެއްގެ މަޢުޞޫމު ހިނިތުންވުންތަކުން، އުފާވެރި ދެމަފިރިއެއްގެ ދިރިއުޅުމަށް އުޖާލާކަން ގެނުވި ކުއްޖެކެވެ. "ސުވަރުގޭގެ ކޮކާލެއް" ކަމުގައި ވި ކުއްޖެކެވެ. ސުވާލަކީ، އެ ކުއްޖާ "ފުރޭތައަކަށް" ބަދަލު ކޮށްލީ ކާކުތޯ، ކޮން ބަޔަކުތޯ، މިއެވެ. އެކަން ވީ ކިހިނެއްތޯ، މިއެވެ. އެކަން ވެގެން ދިޔައީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައެވެ. އެ ކުއްޖާ ކިޔަވަމުން ދިޔައީ އަޅުގަނޑުމެންގެ މަދަރުސާތަކުގައެވެ. އެ ކުއްޖާ ކިޔައިފައި ވަނީ އަޅުގަނޑުމެން އޭނާ ކިޔާން ދިން ފޮތްތަކެވެ. އޭނާ ބެލީ އަޅުގަނޑުމެން އޭނާ ބަލާން ހޯދައިދިން ކާޓޫނުތަކާއި ފިލްމުތަކެވެ. އޭނާ މުނިފޫހި ފިލުވައި އުޅުނީ އަޅުގަނޑުމެން ހޯދައިދިން "އެމްޓީވީ" ބަލައިގެންނެވެ. ދެން، އޭނާ އިންޓަރނެޓުން ބެލިއްޔާ ބެލި އެއްޗަކާއި، ކީ ނަމަ ކީ އެއްޗެއްސެއް ކިޔައިފައި ވަނީ، އަޅުގަނޑުމެން އޭނާޔަށް ދިން ފޯނާއި އިންޓަރނެޓުގެ ބޭނުން ކޮށްގެންނެވެ. މަޢުޞޫމު ކުއްޖަކު، ފުރޭތަޔަކަށް ބަދަލުވުމުގެ ފައްތަރުމައްޗަށް ދާން ޖެހުނީ ކީއްވެގެންތޯ މި ސުވާލުގެ މައްޗަށް، މި ނުކުތާތަކުގެ އަލީގައި ވިސްނަމާތޯއެވެ؟ މި ކަންކަމާ މެދު އަޅުގަނޑުމެން ޤައުމީ ފެންވަރުގައި ވިސްނާނީ ކިހައި ވަރެއް ވީމާތޯއެވެ؟ ދިވެހި ކިތައް ކުޑަކުދީން، މަޢުޞޫމުކަން ގެއްލި، ފުރޭތަތަކަކަށް ބަދަލު ވާފަހުންތޯއެވެ؟

މަސްތު ވާ ތަކެތީގެ މައްސަލައާ ބެހޭގޮތުން، ދާދި ފަހުން ސިޔާސީ ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް ޢުމަރު ނަޞީރު ވިދާޅުވެފައި ވަނީ، އެ މައްސަލަ ޙައްލު ކުރުމަށް ޓަކައި އޮތް މަގަކީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާ ވެފައި ވާ މޮޑެލެއް ރާއްޖެއަށް ތަޢާރަފު ކުރުން ކަމުގައެވެ. މިކަމާ ބެހޭގޮތުން ޢުމަރު ދައްކަވައިފައި ވާ ވާހަކަތައް ވަރަށް ރަނގަޅުކަން އަޅުގަނޑު ފާހަގަ ކުރަމެވެ. ހުޅަނގުގެ ޤައުމުތަކަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކެވެ. އެންމެ "ތަޢުލީމީ" މުޖުތަމަޢުތަކެވެ. ފަންނީ ޤާބިލިއްޔަތު އެންމެ ރަނގަޅު ޤައުމުތަކެވެ. އެންމެ ވަރުގަދަ މުއައްސަސާތަކާއި އިދާރާތައް ހުރި ޤައުމުތަކެވެ. މި ބާވަތުގެ ކަންކަމަށް ބޭނުން ވާ ވަސީލަތްތަކުގެ ގޮތުން އެންމެ ތަނަވަސް ޤައުމުތަކެވެ. ނަމަވެސް އެއިން އެއްވެސް ޤައުމަކަށް މަސްތު ވާ ތަކެތީގެ މައްސަލަ ޙައްލެއް ނުކުރެވުނެވެ. ފާޙިޝްކަމުގެ މައްސަލަ ޙައްލެއް ނުކުރެވުނެވެ. ކުށުގެ މައްސަލަ ޙައްލެއް ނުކުރެވުނެވެ. ޕޯރނޯގްރަފީގެ މައްސަލަ ޙައްލެއް ނުކުރެވުނެވެ. ހަށި ވިއްކުމުގެ މައްސަލަ ޙައްލެއް ނުކުރެވުނެވެ. އެމީހުން އަޅާ އެއްވެސް ފިޔަވަޅަކުން މި ކަންކަން ޙައްލު ނުވުމުން، ދެން ހަދާ ގޮތަކީ، ޤާނޫނުތަކުގައި އެކަން މަނާ ކުރުން ނިމުމަކަށް ގެނެސް، އެ ކަންކަމަކީ ކުށް ނޫން ކަމަށް، އަދި މައްސަލަތައް ނޫން ކަމަށް ފޮތުގައި ލިޔެލަނީއެވެ. އެއިރުން މައްސަލަ "ޙައްލު" ވީތާއެވެ! ކޮންމެއަކަސް، އަލްފާޟިލް ޢުމަރު ނަޞީރު އެ ވިދާޅުވީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. މި ދެންނެވި މައްސަލަތަކުގެ ތެރެއިން އެއްވެސް މައްސަލައަކަށް، މާތް ވެގެން ވާ އިސްލާމް ދީނުގެ ރޫޙާނީ، އަޚްލާޤީ، އަދި ފިކުރީ ފަރުވާއިން މެނުވީ ޝިފާއެއް ނެތެވެ.

އަޅުގަނޑުމެންގެ ދަރީން ގޭމް އޮފް ތްރޯންސް ބަލާހައި ހިނދަކު، އެމެރިކާގެ ޕޯރނޯގްރަފީގެ ނަފްސާނީ އަޅުވެތިކަމުގައި ޖެހިފައި ތިބިހައި ހިނދަކު، ހުޅަނގުގެ ކޮންސިޔުމަރިސްޓް އިޤްތިޞާދުގެ މަގަށް ތަރުބިއްޔަތު ކުރެވެމުން ދާހައި ހިނދަކު، ހުޅަނގުގެ ވީޑިއޯ ގޭމުތަކާއި ހުޅަނގުގެ ކާޓޫނުތަކާއި ފިލްމުތަކާއި ހުޅަނގުގެ "ކުޑަކުދީންގެ އަދަބިއްޔާތުން" އެކުދީންގެ މުނިފޫހި ފިލުވުމުގެ ކަންކަން ކުރެވޭހައި ހިނދަކު، ހުޅަނގުގެ މިޔުޒިކާއި ޖަސްޓިން ބީބަރ އާއި މައިލީ ސައިރަސް ފަދަ ޝައިޠާނުންނަކީ "ރޯލް މޮޑެލުން" ކަމަށް އެކުދީންނަށް ބުނެދެވޭހައި ހިނދަކު، މި ދެންނެވި ނުބައިތަކުން އެކުދީން މިންޖެއް ނުވާނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހުރަހަށާއި ދިގަށް ފެތުރިފައި ވާ މި ބިރުވެރި ވަބާތަކަށް ވަގުތުން ހުއްޓުމެއް ނުގެނެވިއްޖެއްޔާ، ދިވެހި ޤައުމުގެ މުސްތަޤުބަލް އޮތީ ބިރުވެރި އަދި ހިތްދަތި ފަނާއެއްގެ ތެރޭގައެވެ. ދެ ދުނިޔެ ގެއްލިގެން ބަރުބާދު ވެގެން ދާ ޤައުމަކަށް އަޅުގަނޑުމެން ވުން އޮތީ ދާދި ގާތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް