ނޭޕީޑަވް (ޑިސެންބަރު 6): އަސްކަރީ ބަޣާވާތެއްގައި މަގާމުން ދުރުކޮށްފައިވާ މިއަންމާގެ ކުރީގެ ސަރުކާރުގެ ވެރިޔާ އަދި ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގުމާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވެވަޑައިގެންފައިވާތީ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް މިޔަންމާގެ ކޯޓަކުން ހުކުމް ކޮށްފައިވީނަމަވެސް ސޫކީގެ ޝަރީއަތާބެހޭ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ސޫކީގެ މައްޗަށް ސާބިތުވެފައިވަނީ މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ގޮވާލައި ގައުމުގައި ބައިބައިވުން އުފެދޭގޮތަށް ބަޔާނެއް ނެރުމާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިޔަންމާގެ ސިއްހަތާބެހޭ އިދާރާތަކުން އަމަލުކުރަމުން ގެންދިޔަ ގަވައިދުތަކާ ޚިލާފުވެވަޑައިގަތުންކަމަށް ކޯޓު އިއްވި ހުކުމްގައި ބުނެފައިވެއެވެ.
ސިފައިން ނުކުމެ ސޫކީގެ މަދަނީ ސަރުކާރު ވައްޓާލާފައިވަނީ ފެބްރުއަރީމަހު
މިޔަންމާގެ ސިފައިން ނުކުމެ ސޫކީގެ މަދަނީ ސަރުކާރު ވައްޓާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަސްކަރީ ވެރިން ސޫކީއާއި އޭނާގެ ސަރުކާރުގެ މައްޗަށް ކުރި ތުހުމަތަކީ މިދިޔަ ޖަނަވަރީމަހު އެގައުމުގައި ބޭއްވި އާންމު އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލުމުގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގާފައިވުމެވެ.
ޖަނަވަރީމަހު ބޭއްވި އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ސޫކީގެ ޕާޓީ ކަމަށްވާ "ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ" އިންނެވެ. އެކެއް ފެބްރުއަރީގައި ގެނައި އަސްކަރީ ބަޣާވާތުގައި ސޫކީގެ އިތުރުން އޭރު މިޔަންމާގެ ދައުލަތުގެ ރައީސަކަށް ހުންނެވި ވިން މިންޓް ވެސް ވަނީ ހައްޔަރުކޮށްފައެވެ. ވިން މިންޓް ގެ މައްޗަށްވެސް މިހާރު ގެންދަނީ ޝަރީއަތް ހިންގަމުންނެވެ.
ރޮހިންގްޔާ މުސްލިމުންގެ ހައްގުތަކަށް އިންކާރު ކުރެއްވުމުން ސޫކީގެ އަގުވަނީ ވެއްޓިފައި
ސޫކީ މަޝްހޫރުވެފައިވަނީ މިޔަންމާގެ ޑިމޮކްރެޓިކް ލީޑަރުގެ ގޮތުގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ބޮޑެތި ގުރުބާންތަކެއް ވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. މި މަސައްކަތްތަކާ ގުޅިގެން އޭނާގެ ނަން މަޝްހޫރުވެ އޭނާއަށް ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑެތި އިނާމުތައްވެސް ލިބިވަޑައިގެންނެވިއެވެ.
ނަމަވެސް ޑިމޮކްރަސީއަށް ކުރެއްވި މަސައްކަތްތައް ކާމިޔާބުވެ 2016 ގައި މިޔަންމާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސޫކީގެ ފަރާތުން ފެނިގެން ދިޔައީ މިއާ މުޅިން ޚިލާފު އަމަލުތަކެކެވެ. ހަރުކަށިކަމާއި އަނިޔާވެރިކަމެވެ. މިޔަންމާގެ ރޮހިންގްޔާ މުސްލިމުންގެ އިންސާނީ ހައްގުތަކާއި ރައްޔިތުކަމުގެ ހައްގުތަކަށް އިހްތިރާމް ނުކުރެއްވުމާއި އެކަމާ އަޅާނުލެއްވުމުގެ ހަރުކަށި އަމަލުތަކެވެ.
މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް 2017 ވަނައަހަރު ހިންގި ގަތްލުއާންމުތައް ހިންގީ ސޫކީގެ ވެރިކަމުގައެވެ. ސޫކީ އެކަމާ އަޅާނުލެއްވުމުގެ އިތުރުން އެޖަރީމާތައް ހުއްޓުވުމަށްވެސް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.
ސޫކީއަށް ލިބުނު ލޯތްބާއި ތައުރީފް ގެއްލި އަނިޔާވެރިއެއްގެ ގޮތުގައި އޭނާ ދުނިޔެއަށް ސިފަވެގެންދިޔަ
ނަތީޖާއަކަށްވީ މިއަންމާ އަށް ޑިމޮކްރެސީ ގެންނައުމަށް ސޫކީ ކުރެއްވި މަސައްކަތަށް މުޅި ދުނިޔޭން އޭނާއަށް ލިބުނު ލޯތްބާއި ތައުރީފް ގެއްލި އަނިޔާވެރިއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ސޫކީ ސިފަވެގެން ދިޔުމެވެ. ސޫކީގެ ވެރިކަމުގައި ރޮހިންގްޔާ މުސްލިމުންނަށް މިއަންމާ ސިފައިން ކުރަމުންދިޔަ އަނިޔާތަކަށް ސޫކީ އަޅާނުލެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސޫކީ އަށް އެކި ފަރާތްތަކުން ދީފައިވާ ޝަރަފުވެރި ލަގަބުތައްވެސް އޭނާގެ އަތުން އަތުލުމެވެ.
ސޫކީއަށް ދީފައިވާ އިނާމްތަކާއި ލަގަބުތައްވެސް އަތުލި
މިގޮތުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ސިޓީން ސޫކީއަށްދިން "ފްރީޑަމް އޮފް އޮކްސްފޯޑް" ލަގަބު އޭނާގެ އަތުންވަނީ އަތުލާފައެވެ. އަދި ސޫކީ ކިޔަވާ ވިދާޅުވި އޮކްސްފޯޑް ޔުނިވާސިޓީގެ ސެއިންޓް ހިއުސް ކޮލެޖުންވަނީ އެޔުނިވާސިޓީގެ ކޮމަން ރޫމުން ސޫކީގެ ނަން ނަގައިފައެވެ. އަދި އޮކްސްފޯޑް ކޮލެޖުގައި ބަހައްޓާފައި ހުރި ސޫކީގެ ފޮޓޯ ވެސް އެދުވަސްވަރު ވަނީ ނަގައިފައެވެ. އަދި ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ސޫކީ އަށް ދީފައިވާ އޮނަރަރީ ޕްރެޒިޑެންސީ ވެސް ވަނީ އޭނާގެ އަތުން އަތުލާފައެވެ.
މީގެއިތުރުން ކެނެޑާގެ ޓްރޭޑް ޔޫނިއަން އިން ދެހާސްވަނައަހަރު ސޫކީ އަށް ދީފައިވާ އޮނަރަރީ މެމްބަޝިޕް ވެސް ވަނީ ސޫކީގެއަތުން އަތުލައިފައެވެ. ސޫކީއަށް ދީފައިވާ ސުލްހައިގެ ނޮބެލް އިނާމު އަތުލުމަށްވެސް އެދުވަސްވަރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުން ގެންދިޔައެވެ. ނަމަވެސް ނޮބެލް އިނާމު ކޮމިޓީންވަނީ ނޮބެލް އިނާމު ލިބުމަށްފަހު އެމީހަކު ނުބައިވިނަމަވެސް އެއިނާމު އަތުނުލެވޭނެކަމަށް ބުނެފައެވެ.