މިޔަންމާ ހަނގުރާމައިގައި 26،000 މީހުންގެ ގެދޮރު ގެއްލިއްޖެ

ގެދޮރު ގެއްލިފައިވާ މިޔަންމާ ބަޔަކު ވަގުތީ ހިޔާގައި. ފޮޓޯ/ބެރޮންސް

މިޔަންމާގެ އަސްކަރިއްޔާ (އެމްއޭއެފް) އާއި އަރަކާން އާމީ (އޭއޭ)އާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ސަބަބުން އެ ގައުމުގެ ހުޅަނގު ރާޚައިން ސްޓޭޓުގެ 26،000 މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (ޔޫއެންއޯސީއޭ)އިން ހުކުރު ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ ސީއެންއެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ފަރާތުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ ޖުމްލަ ގާތްގަނޑަކަށް 90،000 އަށް ވަނީ އަރާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ނުރަސްމީކޮށް މީގެ އަހަރެއްހާ ދުވަސް ކުރިން ދެ ފަރާތުން އެއްބަސްވި ނަމަވެސް އެ އެއްބަސްވުން ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ނިމުމަކަށް އައިސްފައެވެ. އޭގެ ފަހުން ބަދަލުކުރި ހަމަލާތަކުގައި 11 މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއޭއެފްއިން 100 އަށް ވުރެ ގިނަ މީހުން ހިފަހައްޓާފައިވާއިރު އޭއޭއިން ފަސް މީހަކު ބަންދުކޮށްފައިވާ ކަމަށް ވެސް އެ ޖަމާއަތްތަކުން މައުލޫމާތުދެއެވެ.

އޭއޭ ހަނގުރާމަވެރިން ހޯމަ ދުވަހު ރާޚައިން އާއި އަވައްޓެރި ޗިން ސްޓޭޓްގެ ސަލާމަތީ ބާރުތަކަށް ވަނީ ހަމަލާދީފައެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވާ މީހުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި، ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ ކުރާ މީހުންނަށް ހަމަލާދެމުންނެވެ. ކުރިން 2021 ވަނަ އަހަރުގެ ބަޣާވާތާ ގުޅިގެން އަސްކަރީ ސަރުކާރާ ދެކޮޅަށް ތެދުވި ގިނަ މީހުން މަރައިލާފައިވާ ކަމުގައި، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ބަޣާވާތަށް ފަހު މިޔަންމާގައި ވަނީ ހަމަނުޖެހުންތައް އުފެދިފައެވެ.

comment ކޮމެންޓް