މިޔަންމާ މައްސަލައަށް ތަދައްޚުލްވުމަށް ރާއްޖެއަށް ފުރުސަތު ދީފި

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް : އެ ކޯޓުން ވަނީ ޔަންމާ މައްސަލައަށް ތަދައްޚުލްވުމަށް ރާއްޖޭން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް ނިންމާފަ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިއަށްދާ ދަ ގެމްބިއާ ވާސަސް މިޔަންމާ މައްސަލައަށް ތަދައްޚުލްވުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ބަލައިގަތުމަށް އައިސީޖޭއިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން އެ ގޮތަށް ނިންމާފައި ވަނީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.

އެގޮތުން، ގަތުލު އާންމުންގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތައް މާނަ ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަވެންޝަންގައި ހުރި ކަންކަަމަކީ އެ ކޯޓަށް ބެލޭނެ ކަންކަން ކަމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ އޮފީހުން ބުނީ، އެ ކޯޓުން މި ފަދައިން ނިންމީ ރާއްޖޭގެ އިންޓަވެންޝަން ބަލައިގަތުމާ މެދު މިޔަންމާއިން އިޢުތިރާޟެއް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއިން ތަދައްޚުލްވުމުގެ ފުރުސަތު ލިބުނު މި މައްސަލައަކީ މި ޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ދަ ގެމްބިއާއިން މި ޔަންމާއަ ދެކޮޅަށް 11 ނޮވެންބަރު 2019ގައި އެ ކޯޓަށް ހުށަހަޅާފައިވާ މައްސަަލައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ރޮހިންޖާ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

comment ކޮމެންޓް