ރޮހިންޔާ މީހުންނަށް އަނިޔާވެރިވި މައްސަލައިގައި މިޔަންމާގެ އަސްކަރީ ވެރިޔާ ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އިސް ޕްރޮސެކިއުޓާ އެދިއްޖެއެވެ.
ޕްރޮސެކިއުޓާ ކަރީމް ޚާންގެ އޮފީހުން ބުދަ ދުވަހު ބުނީ ރޮހިންޔާ މައިނޯރިޓީއާ މެދު އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޒިންމާ އުފުލަނީ 2021ވަނަ އަހަރު ބަޣާވާތެއްގައި ގައުމުގެ ކޮންޓްރޯލް ހޯދި އަސްކަރީ ސަރުކާރުގެ ވެރިޔާ މިން އަންގް ހްލައިންގް ކަމަށެވެ.
އ.ދ. އިން ސިފަކޮށްފައިވާ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއިން ފެށި ނަސްލު ނައްތާލުމުގެ ކެމްޕޭނުން ސަލާމަތްވުމަށްޓަކައި 2017ވަނަ އަހަރު ލައްކައެއްހާ ރޮހިންޔާ މީހުން މިޔަންމާއިން ފިލައިގެން ދިޔައެވެ.
ނަމަވެސް މިޔަންމާ ސަރުކާރުން ވަނީ އެއީ ރޮހިންޔާ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި ކެމްޕޭނެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
މިޔަންމާއަކީ ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް ޖަވާބުދާރީވާންޖެހޭ ގައުމެއް ނޫން ކަމުން އެ ގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފުރަތަމަ ގަބޫލުކުރެވުނު ނަމަވެސް އައިސީސީގެ ޕީޖީން ފަހުން ބުނީ ތުހުމަތު ކުރެވޭ ބައެއް ޖަރީމާތަކުގެ ސަބަބުން ޖަވާބުދާރީ ވާންޖެހޭ ކަމަށެވެ.
ފަސް އަހަރު ދުވަހުގެ ތަހުގީގަށް ފަހު ޗީފް ޕްރޮސެކިއުޓަރު ވިދާޅުވަނީ މިން އަންގް ހިއިންގްގެ މައްޗަށް ބައިނަލްއަގުވާމީ ހައްޔަރު ކުރުމުގެ އަމުރެއް ނެރެވޭ ވަރަށް ހެކި ލިބިވަޑައިގެންފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް އަސްކަރިއްޔާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ މައްސަލައެއް ކުރިއަށް އެބަދެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ މިން އަންގް ހިލައިންގް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށް މަރުހަބާ ކިޔާފައެވެ.
ރޮހިންޔާ މީހުންނަށް އަމާޒުކޮށް ހަމަލާތައް އެންމެ ފުރަތަމަ ފެށީ 2017ވަނަ އަހަރު، މިޔަންމާގެ 30އަށް ވުރެ ގިނަ ފުލުހުންގެ ޕޯސްޓަށް ރޮހިންޔާ ހަނގުރާމަވެރިން ހަމަލާ ދިނުމުންނެވެ.
އެ ހަމަލާތަކުގެ ރައްދުގައި ސިފައިން ވަނީ ރޮހިންޔާ މީހުންގެ ގެތައް އަންދާލައި، އާންމުންނަށް ހަމަލާދީ މަރާލައިފައި ކަމަށް އެމީހުން ބުނެއެވެ.
މެޑިކަލް ޗެރިޓީ މެޑިސިންސް ސަންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ހާމަކޮށްފައިވާ ގޮތުގައި ހަމަނުޖެހުން ހިނގިތާ އެއް މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުން ދަށުގެ 730 ކުދިން ހިމެނޭ ގޮތަށް 6،700 ރޮހިންޔާ މީހުން މަރުވެފައިވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ އަންހެނުންނާއި އަންހެން ކުދިން ރޭޕްކޮށް އަނިޔާވެސް ކުރިއެވެ.
ރޮހިންޔާ މީހުންނާ ދެކޮޅަށް ހިނގި އަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަގްވާމީ ފާޑުކިޔުން މިޔަންމާއަށް އަމާޒުވިއެވެ. ނަމަވެސް މިޔަންމާގެ އޭރުގެ ލީޑަރު އަންގް ސަންގް ސޫކީ ވަނީ އޭނާގެ ޖެނެރަލުންގެ މައްޗަށް ދައުވާ ކުރަން ދެކޮޅު ހައްދަވާފައެވެ.