އެފްއޭއެމްގެ ސީ ލައިސެންސް ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭއެމުން ކުރިއަށް ގެންދިޔަ ކޯޗިންގް ކޯހެއްގެ ތެރެއިން --- އެފްއޭއެމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ކޯޗިންގް ލައިސަންސް "ސީ" ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ލައިސަންސް ކޯޗުން ތަމްރީން ކުރުމުގެ ގޮތުން އެފްއޭއެމުން ކޮންމެ އަހަރަކުވެސް ހުޅުވާލައި މި ފުރުސަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްއަށް ފޯމު ހުށައެޅުމަށް ވަނީ އެ އިދާރާއިން ބުނެފައެވެ. މިފަހަރުގެ ސީ ލައިސަންސް ކޯޗިންގް ކޯސް ކުރިއަށް ދާނީ މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ ތިނަކަށެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ފީއެއްގެ ގޮތުގައި ނަގާނީ 1500 ރުފިޔާއެވެ. އަދި ފޯމާއެކު ހުށައަޅަން ޖެހޭ ލިޔުންތައް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް އެފްއޭއެމްއިން އިލްތިމާސް ކުރެއެވެ.

މި ކޯހުގެ ބައިވެރިންނަށް ކުލާސްތައް ނަގައިދޭނީ އެފްއޭއެމްގެ އިންސްޓްރަކްޓަރު އަދި އޭއެފްސީ ޕްރޯ ލައިސަންސް ހާސިލް ކޮށްފައިވާ ޝާޒްލީ މުހައްމަދު (ޝާޒް) އެވެ. ޝާޒް ބުނީ މި ކޯހުގައި ބައިވެރިވުމުގެ ކްރެޓީރިއާ އަކީ ފުޓުބޯޅައިގެ ނޮލެޖް ހުރުމާއެކު މިކަމަށް ޝައުގުވެރިކަން ހުރުމެވެ.

"އެފްއޭއެމްގެ އަމާޒަކީ ވީހާވެސް ގިނަ ކޯޗުން ތަމްރީން ކުރުން. އާއްމުކޮށް އަޅުގަނޑުމެން ބެޗެއްގައި ގެންގުޅެނީ 24 މީހުން. އެކަމަކު ބައެއް ފަހަރަށް އެއަށްވުރެން ގިނައިން ވެސް ނަގަން،" ޝާޒް ބުންޏެވެ.

ޝާޒް ބުނީ އެޕްލިކޭޝަން ގިނަވެއްޖެ ނަމަ ކެނޑިޑޭޓުން ހޮވުމުގައި ބަލާނީ ސީވީއަށާއި، ލިޔެކިޔުންތަކަށް ކަމަށެވެ. އެހެން ނަމަވެސް ބަލާނީ ވީހާވެސް ގިނަ ބަޔަކަށް މީގައި ފުރުސަތު ދިނުމަށް ކަމަށެވެ.

comment ކޮމެންޓް