މިތުރެއް! ހަތުރެއް!

މިއަދު ގިނަ މީހުންގެ އެންމެ ގާތް މިތުރަކީ ކޮން އެއްޗެއް ހެއްޔެވެ؟ ނިކަން ވިސްނާލައިފައި ޖަވާބެއް ދީބަލާށެވެ! ނޫނެކެވެ. ތިއެއް ނޫނެވެ. މިއަދު ގިނަ މީހުންގެ އެންމެ ގާތް އެކުވެރިއަކީ މޮބައިލް ފޯނެވެ. ކުޑަކުއްޖެއް، ޒުވާނެއް، ދުވަސްވީ މީހެއް، އަންހެނެއް ފިރިހެނެއް ކިޔާނެކަމެއް ނެތެވެ. ހައްތާވެސް މޮބައިލް ފޯނަށް އަޅުވެތިވެފައިވާ ފަރާތްތަކެވެ. އެންމެ ގާތް މިތުރަކީ މޮބައިލް ފޯނު ކަމުގައި ބަލައިގެން އުޅޭ ފަރާތްތަކެވެ. އެހެނަސް މިއީ ހަތުރެއް ވެސް މެއެވެ.

ގިނަ މީހުންގެ އަތުގައި ސައުވީސްގަޑިއިރު ފޯނު އޮވެއޭ ބުނެފިއްޔާ ވާނީ ދޮގަކަށެވެ. އެކަމަކު އެހެން ނުބުނެވޭވަރެއް ނޫނެވެ. މަގުމަތީގައި ވެސް ފޯނެވެ. އޮފީހުގައި ވެސް ފޯނެވެ. މިސްކިތުގައި ވެސް ފޯނެވެ. ފިހާރައަކަށް ވަނަސް ފޯނެވެ. އުޅަނދަކަށް އެރިޔަސް ފޯނެވެ. ކޮފީއަކަށް ދިޔަސް ފޯނެވެ. ފާޚާނާއަށް ވަނަސް ފޯނެވެ. ނިދަން އެނދަށް އަރައި އޮންނަ ވަގުތުގައި ވެސް ފޯނެވެ. ގިނަ ފަހަރު ދެމަފިރިންނަށް އެކަކު އަނެކެއްގެ މޫނު ފެންނާނީ ވެސް، ފޯނުގެ އިސްކިރީނުގެ ދީލަތި އެހީތެރިކަމާއެކުގައެވެ.

މިއީ މިއަދުގެ ހާލަތެވެ. ކަން ހުރި ގޮތެވެ. ފޯނަށް ހެއްލި، ގެއްލިފައި ތިބޭ މީހަކު ނުފެންނަ ދިމާއެއް ވަރަށް މަދުވާނެއެވެ. ހެނދުނެއް، ހަވީރެއް، ރޭގަނޑެއް، ތަފާތެއް ނެތެވެ. ފޯނުގެ އިސްކިރީނުގައި ދެ ލޯ ތަތްކޮށްގެން ތިބޭއިރު، ދުނިޔެމަތީގެ އެންމެހައި ކަންކަން ގިނަ ފަހަރަށް ހުންނަނީ ފަރުދާވެފައެވެ. ވަށައިގެން ހިނގާ ކަންކަން، އެނގޭ ފަހަރަށްވުރެ ގިނަވާނީ ނޭނގޭ ފަހަރެވެ. މި ފަދަ ހާލަތުގައި ތިބެ، ވަރަށް ތަފާތު ކަންކަން މީސްމީހުން ތަޖުރިބާކޮށްފައި އެބަ ހުއްޓެވެ. ނުރައްކާތެރި ކަންކަމާއި ބިރުވެރި ކަންކަމެވެ. ހިތާމަވެރި ކަންކަމާއި މަޖާ ކަންކަން ވެސް މެއެވެ.

ފޯނު ހިފައިގެން ފެރީއަށް އަރައި، ފޯނަށް ގެއްލިފައި ތިއްބާ، ފެރީ ލަފައި، މީހުންތައް ފައިބައިގެން ދިޔަކަން ނޭނގުނީ ކިތައް މީހުންނަށް ބާވަވެ؟ ލިފްޓަށް އަރައި، ބަޓަނަށް ފިތާލަށް ހަނދާންނެތި، ނުވަތަ ދާން ބޭނުންވާ ފަންގިފިލާއަށް ދެވުނުކަން ނޭގި، އެހެން ފަންގިފިލާއަކަށް ލިފްޓް ދިޔައީ ކިތައް ފަހަރު ބާވައެވެ؟ ބަހަށް އަރައި އިންދާ، ދާންވާ ހިސާބަށް ބަސް މަޑުކުރިކަން ނޭނގި، މާ ދުރަށް ފައިބާން ޖެހިގެން ރުޅިގަދަވީ ކިތައް މީހުން ބާވައެވެ؟ ދަރިފުޅު ބަލައި ސްކޫލަށް ގޮސް، ދަރިފުޅު ގާތުގައި ހުރި އެހެން ކުއްޖެއްގެ އަތުގައި ހިފައިގެން ހިނގައިގަނެވުނީ ކިތައް ފަހަރު ހެއްޔެވެ؟ ފިހާރައަކަށް ދާން ދިޔަ މަގުމަތީގައި ފިހާރަ ފަސްދީ، އެތައް ހިސާބަކަށް ހިނގުނީ ކިތައް ދުވަހު ހެއްޔެވެ؟ މިހިރީ މަދުމަދުން ހިނގާ ކަންކަމެއް ނޫނެވެ.

އެކުވެރިއެއްގެ ނަމުގައި މުށަށްވަދެ އޮވެ ތިޔަ އޮތް ފޯނު، އަޅުގަނޑުމެންނަށް މި ކަހަލަ އެތައްއެތައް ކެއްސެއް އެބަ ދެއެވެ. މި ވާހަކަ މި ބުނީ، އަޅުގަނޑާއި ތިބާއާއި އަނެކާ ވެސް ހިމެނޭ ގޮތަށެވެ. މި ތާނގައި މި ފާހަގަކޮށްލީ، ވަރަށް އާދައިގެ ކުދިކުދި ކަންކަމެވެ. މިއަށްވުރެ މާ ނުރައްކާތެރި ކަންކަން ވެސް ފޯނާގުޅިގެން މީސްމީހުން ތަޖުރިބާ ކޮށްފައި އެބަ ހުއްޓެވެ. މާ ބިރުވެރި ހާދިސާތަކާ ކުރިމަތިވެފައި އެބަ ހުއްޓެވެ. އެ ފަދަ ހާދިސާތަކުގައި، ފުރާނައަށް ނުރައްކާވެފައި ހުރީ ވެސް މަދެއްކޮށް ނޫނެވެ. މާލީ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ މަދު މީހަކަށް ނޫނެވެ. އެހެންނަމަވެސް ވިންދެއް، ފުރާނައެއް، އިހުސާސެއް އަމުދުން ނެތް ފޯނަށް، މިއިން އެއްވެސް ކަމެއް ކަނޑާލެވޭކަށް ނޯންނާނެއެވެ.

ގަބޫލުކުރަމެވެ. މިއަދު ފޯނަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއާ ނުލައި، ހަމަޖެހިގެން ނޭވައެއް ލެވޭކަށް ވެސް މިއަދަކު ނެތެވެ. ފޯނަކީ ހުރިހައިކަމެއްގައި ވެސް މަދަދުގާރެވެ. އެހެންނަމަވެސް ފޯނު ބޭނުންކުރުމުގައި ވިސްނައިލާންޖެހޭ ކަންތައްތަކެއް ހުރިކަން ހަނދާން ނައްތާނުލާށެވެ! އަބަދު ބަލާން އިންނަ އެއްޗަކަށް ފޯނު ނަހަދާށެވެ! ތިބާގެ ދެ ލޮލުގެ ދުޅަހެޔޮކަމަށް ޓަކައެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ ވަގުތު ފޯނަށް "ރެސްޓެއް" ދޭށެވެ! ތިބާގެ ނަފުސުގެ ރައްކަލަށް ޓަކައެވެ. އާއިލާއާއެކު ހޭދަކުރާ އަގުހުރި ވަގުތުކޮޅު، ފޯނަށް ނޫނެކޭ ބުނާށެވެ! ތިބާގެ އާއިލީ ގުޅުމުގެ ބަދަހި ވާފަށް، ފިނދިގެން ދިޔަ ނުދިނުމަށް ޓަކައެވެ. ވަޒީފާގެ މާޙައުލުގައި ފޯނު ދުރުގައި ބާއްވާށެވެ! ތިބާގެ މަސައްކަތުގެ ފޭރާން ހެޔޮކުރުމަށް ޓަކައެވެ. ނިދާން އޮށޯތުމުގެ ކުރީން ފޯނު ނިންދަވާށެވެ! ތިބާގެ ސިކުނޑި އެދޭ އަރާމު ނިންޖަށް ޓަކައެވެ. މިސްކިތުގައި ހޭދަކުރާ ވަގުތު ފޯނު މަތިން ހަނދާން ނައްތާލާށެވެ! ތިބާއާއި ﷲއާ ދެމެދު އޮންނާން ޖެހޭ ބަދަހި ގުޅުމަށް ޓަކައެވެ.

އާއެކެވެ! މިހާރަށްވުރެ ބޮޑަށް މި މައުޟޫއާ މެދު ވިސްނުން ހިންގާން އެބަ ޖެހެއެވެ. ފޯނަކީ ހުރިހައި ތަނެއްގައި، ހުރިހައި ވަގުތެއްގެ ބައިވެރިއަކަށް ނަހަދާށެވެ! ފޯނާ ނުލައި ވެސް ބަޔަކު ދުނިޔޭގައި އުޅެފައި ހިނގައްޖެއެވެ. އެބައިމީހުން ވެސް އުޅުނީ އުފަލުގައެވެ. މުހުތާދުތައް ފުއްދައިގެންނެވެ. އަހަރެމެންނަށް ވެސް ފޯނާއެކު ހޭދަކުރާ ވަގުތު މަދުކޮށްލައިގެން އުޅެވިދާނެއެވެ. ޚާއްޞަކޮށް މަގުމަތީގައި ހޭދަކުރާ ވަގުތުތަކުގައެވެ. އޮފީސް މާހައުލުގައެވެ. އަޅުކަމުގެ ވަގުތުތަކުގައެވެ. އާއިލީ ވަގުތުތަކުގައެވެ. ނިދުމަށް ލޯ އެދޭ ވަގުތުތަކުގައި ވެސް މެއެވެ.

comment ކޮމެންޓް