ނަސާރާ ދީނުގެ ލަވަ ޖެހީ ގަސްތުގައެއް ނޫން, މައާފަށް އެދެން: ކްލިކް ކޮލެޖު

ކްލިކް ކޮލެޖުން އިއްޔެ ހުޅުމާލޭގައި ބޭއްވި ސްޕޯރޓްސް ފެސްޓިވަލްގައި ނަސާރާ ދީނުގެ ލަވަ ޖެހި ވަގުތު ނަގާފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް ----

ހުޅުމާލޭގައި އިއްޔެ ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގެ ތެރެއިން ނަސާރާ ދީނުގެ ލަވައެއް ޖެހީ ގަސްތުގައި ނޫން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ކްލިކް ކޮލެޖުން ބުނެފިއެވެ.

އެ ކޮލެޖުން އިއްޔެ ހުޅުމާލެ ސެންޓްރާލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިން ވަނީ ނަސާރާ ދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައެވެ.

އެކަމާ ގުޅިގެން ކްލިކް ކޮލެޖުން މިއަދު ކުރި ޓްވީޓެއްގައި ބުނީ, އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ހަރަކާތުގެ ސައުންޑާއި ހަވާލުވެގެން ތިބި މީހުނަށް އެކަން އެނގުމުން ލަވަ ބަދަލު ކޮށްފައިވާ ކަމަށެވެ.

"މިކަމަށް އެންމެ ރައްޔިތުންގެ ފަރާތުން ނިހާޔަތައް މައާފަށް އެދެމެވެ," ކްލިކް ކޮލެޖުން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ދިވެހި ބަހުން ލިޔެފައިވާ އެހެނިހެން ދީންތަކުގެ ފޮތްތަކެއް ވެސް ވަނީ ދާދިފަހުން ނެރެފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކި އެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން އަމުރެއްވެސް ނެރެފައެވެ.

comment ކޮމެންޓް