ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުން ހަރާމްވާނެ، މުދަލުގެ ފިތުނައިން ރައްކާތެރިވޭ: ޚުތުބާ

ޚުތުބާ އަޑުއެހުމަށާއި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒުގައި: މިއަދުގެ ޚުތުބާގައި ވަނީ ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުން ހަރާމްވާނެ ކަމަށާއި މުދަލުގެ ފިތުނައިން ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭ ކަމަށާއި އެއީ އަމާނާތަށް ޚިޔާނަތްތެރިވެ، މަކަރާއި ހީލަތެއްކަން ހަނދާންކޮށްދީ، މުދަލުގެ ފިތުނައިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ 'ބާތިލުގޮތުގައި މުދާ ކެއުން' މި މައުޟޫއުގެ މައްޗަށެވެ.

މުދަލަކީ މާތްﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިއުމަތެކެވެ. އެއީ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ސަބަބެއް ވެސް މެއެވެ.

މުދަލަކީ ދެ މިޔަލީ ކަނޑިއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށެވެ. އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ހަލާލު ގޮތުގައި ބޭނުންކޮށްފިނަމަ، އަދި ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމަށާއި ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މިހެންވެ މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި. އެކަލޭގެފާނު ޙަދީޘްކުރެއްވި. "ހަމަކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިތުނައެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ." ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވާ ކަމަށެވެ. އެހެން މީހުންގެ މުދަލަށް އަރައިގަތުން ހަރާމްކުރައްވާފައި ވަނީ އެ ސަބަބަށްޓަކައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މުދަލަށް ޚިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމް ދީން މަނާކުރާ ކަންތައްކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް ކަމަށެވެ.

އިސްލާމީ މަރުކަޒަށް ނަމާދަށް އަރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚުތުބާގައި ބުނީ ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭ ކަމަށެވެ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ މީހާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތަނުގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަޝްއޫލުވެއެއް ނޫޅޭނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި އޭނާގެ މަސައްކަތް މާތްﷲ ބައްލަވައިވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ވޭ. މިއީ ހަރާމް ކަމެއް. މިއީ އަމާނާތަށް ޚިޔާނަތްތެރިވުމެއް. މިއީ މަކަރާއި ހީލަތެއް، ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ވާ ކަމަށެވެ. އަދި ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއްކަން ފާހަގަކުރައްވާ އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށް ވަނީ ބުނެފައެވެ.

އަދި އެއީ ހައްގު ބާތިލަށް ހަދައި، އަދި ބާތިލު ހައްގުކަމަށް ފުރޮޅައިލާ އާލަތެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚާއްސަގޮތެއްގައި ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމަށް ވަނީ ބުނެފައެވެ. މިސާލެއްގެ ގޮތުން ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ދުނިޔެމަތީގައި އެކަމުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ އުގޫބާތުން އެމީހާ ސަލާމަތެއްނުވާނެކަން ކަށަވަރުކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

comment ކޮމެންޓް